ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް ނަޝީދު މާފަންނު ހުޅަނގު ދާއިރާގެ ސަންގު ޖަގަހަރޭ (30 ޖުލައި 2013) ހުޅުއްވައި ދެއްވައިފިއެވެ.
ސަންގު ޖަގަހަ ހުޅުއްވައި ދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖޭގެ ވެރިކަމަކީ ދިވެހިންގެ ވެރިކަމެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ވެރިމީހާ މާތްރަސްކަލާންގެ ގަންދީ ހުވާކުރަނީ ރައްޔިތުންނަށް ކޮށްދޭ ވެރިކަމެއް ކޮށްދިނުމަށްކަމަށްވެސް ވިދާޅުވިއެވެ. ވެރިމަކަމަކީ މާތްރަސްކަލާންގެ ހަޒުރަތުން މި ޢާލަމުގައި މިދުނިޔޭގައި ކުރާ ކަމެއްކަމުގައި ފާހަގަކުރައްވަމުން އެކަމުގެ މައްޗަށް އުރެދި ނުގަނެވޭނޭކަމާއި، ބަޤާވާތް ނުކުރެވޭނޭކަމަށް ވިދާޅުވިއެވެ.
ހަމައެހެންމެ މިއިންތިހާބު ކާމިޔާބުކުރުމަށް އަޅުގަނޑުމެން އެންމެވެސް ކުރެވެން އޮތްހާކަމެއް ކުރަމުން ގެންދާއިރު ރައްޔިތުންގެ ވެރިކަން ވައްޓާލި ބާޤީންނަށް ވަރަށް ބޮޑަށް ކަނުލާ ބަލަންޖެހޭކަމާއި، އެބޭފުޅުން އަރާނެ ގޭގެ ހުސްވަމުންގޮސް ދެން އަރާނެ ގޭގެ ނެތެމުންދާކަން ފާހަގަކުރެއްވިއެވެ. އަދި މިދަނޑިވަޅުގައި ކޮންމެ ވަގެއްވެސް ފަހު ވަކި އެއްލާނެކަމެދު އަޅުގަނޑުމެން ސަމާލުވެ ތިބެންޖެހޭކަމާއި، އެވަކިންވެސް ރެކެންޖެހޭނެކަމަށް ނަސޭހަތްތެރި ވިއެވެ.
ކެންޕޭނެއް ނުހިންގާ އެއްވެސް ސިޔާސަތެއް ހާމަނުކޮށް ބަޤާވާތުގެ އަހުލުވެރިން ދިޔައީ އެމަނިކުފާނުގެ ނަން ވޯޓް ކަރުދާހުގައި ނޯންނާނެ ގޮތެއް ހެދުމަށް ރާވަމުންކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. ނަމަވެސް އަޅުގަނޑުމެންގެ ކަންކަން ހިނގަނީ ތަޤްދީރުގައި ކުރެހިފައިވާ ރޭވުމުގެ މަތިން ކަމަށާއި މިކަމުގެ މައްޗަށް އަރައިގަނެވޭނެ އެއްވެސް ފަރާތެއް ނެތްކަން ހަދުމަފުޅުކޮށްދެއްވިއެވެ. މާތް ﷲ ގެ އިރާދަފުޅުން ވޯޓް ކަރުދާސްކޮޅުގައި އެމިނިކުފާނުގެ ނަން އޮންނާނެކަން އެންމެންނަށް ވެސް މިއަދު ހާމަވެގެން ގޮސްފައިވާކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. އަދި އެކަރުދާސްކޮޅުގައި އެމަނިކުފާނުގެ ނަން އޮންނަ ގޮތަށް ހަމަޖެހުނު ދުވަހު، އެކަން ވިޔަ ނުދިނުމަށް ޝަރުޢީ ނިޒާމުގެ ތެރެއިން މަސައްކަތްކުރި އެންމެންގެ ބާރު ކެނޑިގެން ދިޔަކަމަށް ވިދާޅުވިއެވެ.
އިންސާފަށް ލޯބިކުރާ މީހުންގެ އަޤްލަބިއްޔަތު ޝަރުޢީ ނިޒާމުގެ ތެރޭގައި ބޮޑުވެ ޤާސިމުގެ ނަން ޖުޑީސަލް ސަރިވިސް ކޮމިޝަނުން ކެނޑިގެން ދިޔަކަން ފާހަގަކުރައްވަމުން، ބަންޑާރަ ނައިބަށް މަޖްލީހުގެ ރުހުން ނެތްކަން ހާމަވެގެން ދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން މިދަނޑިވަޅަކީ ޝަރުޢީ ނިޒާމް އިސްލާހުކުރުމަށް ޖުޑިސަލް ސަރިވިސް ކޮމިޝަނަށް ލިބިފައިވާ ފުރުޞަތެއްކަން ހަނދުމަކޮށްދެއްވިއެވެ.
އަޅުގަނޑުމެންގެ ރާއްޖޭގެ ތަރައްޤީ އާއި ކުރިއެރުން ގުޅިފައިވަނީ އިންސާފު ޤާއިމުކުރުމާއި ކޮރަޕްޝަނާއި ފަސާދައިން ޤައުމު ސަލާމަތް ކުރުމުގެ މައްޗަށްކަމަށް ރޭގެ ވާހަކަފުޅެގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ދިވެހިރާއްޖޭގެ ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަކީ އިންސާނީ ޙައްޤުތަކާއި އިސްލާމުދީން ހިމާޔަތްކުރުމަށް ނުކުމެތިބި ބައެއްކަން ރައްޔިތުންނަށް ޔަޤީން ކޮށްދެއްވިއެވެ.
ރިޔާސީ އިންތިހާބުގެ އެންމެ ބޮޑު ބޭނުމަކީ އަޅުގަނޑުމެންގެ ރައްޔިތުންގެ ތަރައްޤީ ހޯދުމަށް މަސައްކަތްކުރުން ކަމަށާއި ތަރައްޤީ ލިބޭނޭފަދަ ސިޔާސަތުތަކެއް ތަންފީޒުކުރާނެ ސަރުކާރެއް ހޮވުން ކަމަށް ވިދާޅުވިއެވެ. މިއަދު އަޅުގަނޑުމެންނަށް ފެންނަމުންދަނީ އެމް.ޑީ.ޕީ ކޮޅަށް އިންތިހާބު ބުރަވަމުންދާ މަންޒަރުކަންފާހަގަކުރައްވަމުން އެމްޑީީޕީ މިރާޔާސީ އިންތިހާބު އިރާދަކުރެއްވިއްޔާ ކާމިޔާބުކުރާނީ އެއްބުރުން ކަމަށް ރައީސް ނަޝީދު ޔަޤީންކޮށް ދެއްވިއެވެ.