ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ )އެމްޑީޕީ(ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދު ރޭ(30 ޖުލައި 2013) އދ، އއ، ވ އަތޮޅު ޖަގަހަވަނީ ހުޅުވައިދެއްވައިފައެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ކުރަމުންދާ ފޯރިގަދަ ކެމްޕެއިންގެ ތެރެއިން ހުޅުވި މިޖަގަހަ އަކީ އެއަތޮޅުތަކުގެ ރައްޔިތުންގެ ތެރެއިން މާލޭގައި ދިރިއުޅެމުން އަންނަ ރައްޔިތުންނަށް އަމާޒުކޮށްގެން ހުޅުވި ޖަގަހައެކެވެ.
ޖަގަހަ ހުޅުވައިދެއްވުމަށް ފަހު އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރަައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުގައި އިންތިޙާބު މިހާރު ވަރަށް ކައިރިވެފައިވާތީ އެމްޑީޕީއަށް މަޑުޖެހިގެން ފިނިހަކަ ދުވެލީގައި ނުތިބެވޭނެކަމަށް ވަނީ ވިދާޅުވެފައެވެ. އަދި މިހާރު ފެންނަމުންދާ މަންޒަރުތަކުން އެމްޑީޕީ ކޮޅަށް އިންތިޚާބު އަރިވެ ކާމިޔާބުވާނޭކަމުގެ ކޮޅުމަތިފެންނަމުންދާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. މިމޭރުމުން ވާހަކަ ދައްކަވަމުން އެމަނިކުފާނުވަނީ އިދިކޮޅު ކެނޑިޑޭޓުންނަށް ތާއީދު ބޮޑު ހިސާބުތަކުން މިހާރު އެމްޑީޕީ ކޮޅަށް އެ ތާއީދު އެނބުރެމުންދާކަން ފާހަގަ ކުރައްވާފައެވެ.
ރައީސް ނަޝީދުގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން އަރިއަތޮޅުގެ ތަރައްޤީއަށް ވަނީ އަލިއަޅުވައިލައިފައެވެ. މިގޮތުން އެއަތޮޅަކީ ފަތުރުވެރިކަމުގެ ވިޔަފާރީގައި އެންމެ ކުރީގައި އުޅޭ އެއްއަތޮޅުކަން ފާހަގަ ކުރެއްވިއެވެ. އެހެންނަމަވެސް އެކަމުގެ ފައިދާ ރައްޔިތުންނަށް ލިބެމުންނުދާ ކަމަށާއި ތަރައްޤީގެ ގޮތުން އެއަތޮޅު ވަރަށް ފަގީރުކަމަށް ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް އެމްޑީޕީގެ ވެރިކަމެއްގައި އެމަންޒަރު ބަދަލުކޮށް ރައްޔިތުންނަށް ލިބެންޖެހޭ ކުރިއެރުން ހޯއްދަވައިދެއްވާނޭ ކަމަށް ވައުދުވެވަޑައިގެންނެވިއެވެ. ދިވެހިރާއްޖެއަކީ ގުދުރަތީ ގޮތުން މުއްސަނދި ގައުމެއް ކަމަށް ރޭގެ ވާހަކަފުޅުގައިވެސް ތަކުރާރުކުރައްވަމުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެމްޑީޕީގެ ސިޔާސަތުތައް ބިނާވެފައިވަނީ ރައްޔިތުންގެ ޖީބަށް ވަންނަ ލާރި އިތުރުކުރުމަށް ކަމަށްވެސް ވިދާޅުވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލެއްވުމުގެ ކުރިން ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަބްދުﷲ ރިޔާޒް އެމްޑީޕީގެ ސިޔާސަތުްކަަމަށް ބުނެ އާންމުކޮށްފައިވާ ދޮގު ސިޔާސަތާއިމެދު ދިން އިންޓަރވިއު އަށް ރައްދު ދެއްވައިފައިވެއެވެ. މިގޮތުން ސިޔާސަތުތަކަށް ފާޑު ކިޔުމަކީ އެމަގާމުގައި ހުންނަވާ ބޭފުޅަކު ކުރަން ޖެހިވަޑައިގަންނަވާ ކަމެއް ނޫންކަމަށް ވިދާޅުވިއެވެ. އަދި ހުށައަޅާ ސިޔާސަތުތަކަށް ފާޑުކިޔުމަށް އޮންނަ މަގަކީ ވޯޓުކަން ހަނދުމަފުޅުކޮށްދެއްވިއެވެ.
މި ޙަފްލާގައި ރައީސް ނަޝީދުގެ އިތުރުން ތޮއްޑޫ ދާއިރާގެ އިއްޒަތްްތެރި މެންބަރު އަދި އެމްޑީޕީގެ ޕަރލިމެންޓަރީ ގްްރޫޕްގެ ޑެޕިއުޓީ ލީޑަރ އަލީ ވަހީދުވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ކޯނީ އަށް ދީފައިވާ ބަޔާންތައް ސަރުކާރުން ފޮރުވި މައްސަލައަށް ވަނީ ފާހަގަކުރައްވައިފައެވެ. މިގޮތުން 20 އަހަރު ވަންދެން މިނިސްޓްރީ އޮފް ޑިފެންސްގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ގަރާރެއް ފާސްކޮށް އެތަކެތި ރައްޔިތުންގެ މަޖިލީހަށްވެސް ދީފައިނުވާކަމަށް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ފަހު އެބަޔާންތައް އާއްމުކޮށް ބަޤާވާތާ ބެހޭ ހަގީގަތް ހާމަކުރައްވާނޭ ކަަމަށް ވިދާޅުވިއެވެ.
އއ، އދ، އަދި ވ އަތޮޅަށް ނިސްބަތްވާ މިިޖަގަހަ ހުޅުވައިދެއްވުމުގެ މިޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އަދި މަހިބަދޫ ދާއިރާގެ މެންބަރު ރުގިއްޔާ މުހަންމަދުވެސް ވާހަަކަފުޅު ދެއްެކެވިއެވެ. އަދި އެއަތޮޅުތަކަށް ނިސްބަތްވާ ވަރަށް ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވިކަން ފާހަގަ ކޮށްލެވެއެވެ.