މިއަދު އަޅުގަނޑުމެން ކުރަން އޮތް އެންމެ މުހިންމު މަސައްކަތަކީ ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާނަމަ ވޯޓު ލުމަށް ރަޖިސްޓްރީ ކުރުން -ރައީސް ނަޝީދު

ހ. ގާޑިނިޔާގައި ރޭ (30 ޖުލައި)އެމްޑީޕީގެ ބޮޑު ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ވާހަކަފުޅުދައްކަވަމުން ވިދާޅުވީ، މިއަދު އަޅުގަނޑުމެން ކުރަން އޮތް އެންމެ މުހިންމު މަސައްކަތަކީ ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާނަމަ ވޯޓު ލުމަށް ރަޖިސްޓްރީ ކުރުން ކަމުގައިއެވެ.

މިރަސްމިއްޔާތުގައި މުހާތަބުކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ އަކީ ކެމްޕޭންކުރުމުގެ ހުނަރާއި ގާބިލިއްޔަތު ހުރި ޕާޓީއެއް ކަމަށެވެ. އަދި އެމްޑީޕީއާއި ވާދަ ކުރެވޭނެ އެއްވެސް ބަޔަކު ނެތް ކަމަށް ކޮންމެ ދުވަހަކު މިދަނީ ފެންނަމުން ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް ނަޝިދު ފާހަގަކުރެއްވި ގޮތުގައި މިއަދު އަޅުގަނޑުމެން ކުރަން އޮތް އެންމެ މުހިންމު މަސައްކަތަކީ ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާނަމަ ވޯޓު ލުމަށް ރަޖިސްޓްރީ ކުރުން ކަމަށެވެ. އަދި އެންމެހާ ބޭފުޅުންވެސް މިކަމަށް އަވަސްވެވަޑައިގަތުމަށް ރައީސް އެދިވަޑައިގަތެވެ.

އެމްޑީޕީގެ ބޮޑު ދިދަ ނެގުމުގެ ރަސްމިއްޔާތުގައި އެމްޑީޕީގެ މެމްބަރުންނާއި ރައީސް ނަޝީދަށް ތާއީދުކުރައްވާ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ. އަދި ހާއްސަގޮތެއްގައި ގިނަ އަދަދެއްގެ ޒުވާނުން ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެފައިކަން ފާހަގަކުރެވުނެވެ.