ވެރިކަމެއް ޚިޔާރުކުރާއިރު ދާންވާނީ ޖިސްމާނީ، ނަފުސާނީ، އިގްތިސާދީ އަދި އިޖްތިމާއީ އަނިޔާ ނުދޭނެ ބަޔަކު ޚިޔާރުކުރަން – ޑރ. މުސްތޮފާ ލުތުފީ

ރ. އަތޮޅު އުނގޫފާރުގައި 29 ޖުލައި 2013 ވީ ހޯމަ ދުވަހުގެ ރޭ އޮތް “ނެތޭވެވާކަށް ބާޣީއަކަށް” ޖަލްސާގައި ރައީސް ނަޝީދުގެ ރަނިންމޭޓު ޑރ. މުސްތޮފާ ލުތުފީ ޖަލްސާގެ ބައިވެރިންނާ މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ވެރިކަމެއް ޚިޔާރުކުރާއިރު ދާންވާނީ ޖިސްމާނީ ، ނަފުސާނީ ، އިގްތިސާދީ އަދި، އިޖްތިމާއީ އަނިޔާ ނުދޭނެ ބަޔަކު ޚިޔާރުކުރާން ކަމަށާއި ، މިއަދު ހޭލާތިބޭއިރުވެސް ލޯކުރިމަތީން މިފެންނަނީ ފެބުރުއަރީ 7 ގައި ފުލުހުންގެ ޔުނީފޯމް އަޅައިގެންތިބި ބަޔަކު މުގުރާއި ޝީލްޑުތައް ހިފައިގެން ޖީބަށް ޕެޕަރ ސްޕްރޭ އަޅައިގެން ރައްޔިތުން ފަހާއައިސް ތަޅާ އނިޔާކޮށް ހަދާ މަންޒަރު ކަމަށާއި އެދުވަހުން ފެށިގެން ޗިސްޗިސް ކޮށްލިޔަސް ފިސްފިސް ކޮށްލިޔަސް ނެތޭ ވެވޭކަށް ބާޣީއަކަށް ވިދާޅުވަމުން މިގެންދަނީ ކަމުގައި ވިދާޅުވިއެވެ.

އެމްޑީޕީއަކީ އަނިޔާއާއި ދެކޮޅުވުން ކަމަށާއި، އެމްޑީޕީ އަބަދުވެސް މަސައްކަތް ކުރާނީ މިގައުމުން އަނިޔާވެރިކަން ނައްތާލައި ރައްޔިތުން ބާރުވެރިކުރުވަން ކަމުގައި ވިދާޅުވިއެވެ. އަނިޔާއޭ ބުނުމުން ސިފަވަނީ ބަޑިޔާ މުގުރާ ކަރުނަގޭހާ ޝީލްޑުތަކުން ދެމުންދާ އަނިޔާ ކަމަށާއި އެކަމަކު ޖިސްމާނީ އަނިޔާއަށްވުރެ ބޮޑީ ނަފުސާނީ އަނިޔާ ކަމަށާ ، ފެބުރުއަރީ 7 ގައި ޖިސްމާނީގޮތުން ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ގިނަބަޔަކު ތިބިނަމަވެސް އެއަށްވުރެ މާގިނަބަޔަކަށް ނަފްސާނީ ގޮތުން ބޮޑެތި އަނިޔާތައް ލިބިފައިވާކަމުގައި ވިދާޅުވިއެވެ. ޖިސްމާނީ ގޮތުން ލިބޭ އަނިޔާތަކަކީ އޭގެ އަސަރު ފިލާދާ ކަމަކަށް ވިޔަސް ނަފްސާނީ ގޮތުން ލިބޭ އަނިޔާގެ އަސަރުތައް ފިލައިދިއުމަށް ވަރަށްގިނަ ދުވަސް ނަގާނެ ކަމުގައި ވިދާޅުވިއެވެ.
ހަމަ މިއާއެކު އިގްތިސާދީ އަނިޔާއަކީވެސް އެހާމެ ބޮޑުއަނިޔާއެއް ކަމަށާއި ބަޣާވާތުގެ ސަބަބުން ރާއްޖޭއަށް ލިބިފައިވާ އިގްތިސާދީ އަނިޔާއަކީވެސް އިންތިހާޔަށް ބޮޑު އަނިޔާއެއް ކަމުގައި ވިދާޅުވިއެވެ. ހަމައެހެންމެ އިޖްތިމާއީ އަނިޔާއަކީވެސް އެހާމެ ނުރައްކާތެރި އެއްޗެއް ކަމުގައި ވިދާޅުވަމުން ދީނީ ދަންނަ ބޭކަލުންގެ ނަމުގައި ބަޔަކުނުކުމެ މިގައުމު މިވަނީ ފިތުނަކޮށްފައި ކަމުގައި ވިދާޅުވިއެވެ.

ރައީސް ނަޝީދަކީ ވަރަށް ދީނަށް ލޯބިކުރައްވާ ބޭފުޅެއްކަން އެމަނިކުފާނުން ދެނެވެޑައި ގަންނަވާ ކަމަށާއި އެހެން ކަމުން ޚުދު އެމަނިކުފާނުން ރައީސް ނަޝީދަށް ވަރަށް ގަދަރު ކުރާ ކަމަށާއި ލޯބިވާ ކަމަށާއި، ނަމަވެސް ރައީސް ނަޝީދަކީ ވަރަށް ލާދީނީ ބޭފުޅެއް ކަމުގައި ބުނެ އިމުރާނުމެން ފަދަ މީހުން ދެއްކިވާހަކަތަކުގެ ސަބަބުން މުޅި މުޖުތަމައުގައި ފިތުނަ އުފެދި އޭގެ ސަބަބުން މިއަދު މިޤައުމުގައި ތިއްބެވި ދީނީ ޢިލްމުވެރީންގެ ޤަދަރު މީހުންގެ ކުރިމަތީގައި ވެއްޓިފައިވާ ކަމަށާ މިކަންކަމަކީ ބިރުހުރި ކަންކަން ކަމުގައި އެމަނިކުފާނުން ފާހަގަ ކުރެއްވިއެވެ.

ޚުދު އެމަނިކުފާނާ ދިމާލަށްވެސް ބައެއް ފަރާތްތަކުން ލާދީނީއޭ ބުނެ ރާޢްޖޭގެ، ދިވެހި އިސްލާމް ދެމާއްދާ ފޮހެލަން މަސައްކަތް ކުރިކަމުގެ ތުހުމަތު އަޅުވާއިރު އެދެމާއްދާ ވިޔަސް އެހެން މާއްދާ ތަކުންވިޔަސް ދަރިވަރުންނަށް އެންމެބޮޑު ކުރިއެރުމެއް ހޯދައި ދެވިފައި ވާނީ އެމްޑީޕީގެ ސަރުކާރުގެ ސިޔާސަތުގެ ސަބަބުން ކަމުގައި އެމަނިކުފާނުން ވިދާޅުވިއެވެ.

ޑރ ލުތުފީ މިޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނުން މިހާތަނަށް މިދަތުރުގައި ވަޑައިގެންނެވި ކޮންމެ ރަށަކުންވެސް ފެނިވަޑައި ގަންނަވަނީ ރައްޔިތުން ނުކުމެ އެމްޑީޕީއާއި ގުޅެމުން ތާއީދު އިތުރުވަމުން ދާތަން ކަމުގައި ވިދާލުވިއެވެ.