ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ އިސް ވަފްދެއް އެމްޑީޕީގެ އިސްވެރިންނާ ބައްދަލުކުރައްވައިފި

7 ސެޕްޓެމްބަރު 2009

ކޮމިއުނިސްޓް ޕާޓީ އޮފް ޗައިނާ (ސިޕީސީ) ގެ އިސް ވަފްދެއް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އިސް ބޭފުޅުންނާ އިއްޔެ ބައްދަލުކުރައްވައިފިއެވެ. އިއްޔެ މެންދުރު އެމްޑީޕީގެ ސެކްރެޓޭރިއަޓްގައި ބޭއްވި މިބައްދަލުވުމުގައި އެމްޑީޕީގެ ފަރާތުން ބައިވެރިވި ވަފްދުގެ އިސްބޭފުޅަކަށް އިންނެވީ ޕާޓީގެ ވަގުތީ ރައީސް އިބްރާހީމް ހުސައިން ޒަކީ އެވެ. ޗައިނާގެ ކޮމިޔުނިސްޓް ޕާޓީގެ ވަފުދުގެ އިސްބޭފުޅެއްގެ ގޮތުން ބައިވެރިވެ ވަޑައިގެންނެވީ އެޕާޓީގެ ސެންޓްރަލް ކޮމިޓީގެ ޕޮލިޓިކަލް ބިއުރޯގެ މެންބަރ ޗެންގ ގައޮލީ އެވެ.
މިބައްދަލުކުރެއްވުމުގައި އެމްޑީޕީގެ ވަގުތީ އަދި ނައިބު ރައީސް އިބްރާހީމް ހުސައިން ޒަކީ ވަނީ ރާއްޖެއާއި ޗައިނާ އާއި ދެމެދު ޤާއިމްވެފައިވާ ޒަމާންވީ ރަޙްމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. އަދި މިގުޅުން އިތުރަށް ބަދަހި ވަމުންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން ޗައިނާ އަކީ ވަރަށް ގިނަ ދާއިރާތަކުން ރާއްޖެއަށް ވަރަށް ބޮޑެތި އެހީތެރިކަމެއް ފޯރުކޮށްދެމުންދާ ގައުމެއްކަން ފާހަގަ ކުރައްވައި ޚާއްޞަކޮށް 2004 ވަނަ އަހަރު ރާއްޖެއަށް ދިމާވި ސުނާމީ ކާރިސާ އާއި ގުޅިގެން ޗައިނާއިން ވެދެއްވި އެހީތެރިކަން ފާހަގަ ކޮށް އެކަމަށްޓަކައި ޗައިނާ ސަރުކާރަށް ޝުކުރުއަދާ ކުރެއްވިއެވެ.
މިބައްދަލުކުރެއްވުމުގައި ޜާއްޖެއަށް މިހާރު ދިމާވެފައިވާ ސިޔާސީ، އިޖްތިމާޢީ، އަދި އިޤްތިޞާދީ ގޮންޖެހުންތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ. އަދި ކުރިޔަށް އޮތްތަނުގައި ވެސް އެމްޑީޕީއާއި އެކު އެޕާޓީން ގާތްގުޅުމެއް ބާއްވަން ބޭނުންވާ ކަމުގައި ވިދާޅުވެ މިބައްދަލު ކުރެއްވުމަކީ ވަރަށް ކާމިޔާބު ބައްދަލުވުމެއްކަން ޗައިނާ ވަފްދުގެ ބޭފުޅުން ފާހަގަކުރެއްވިއެވެ.
ޗައިނާގެ ކޮމިޔުނިސްޓް ޕާޓީގެ މިވަފްދުގެ ބޭފުޅުންގެ ޝަރަފުގައި އެމްޑީޕީން ބޭއްވި ރޭގަނޑުގެ ފަރިއްކޮޅެއް ރޭ ބޭއްވިއެވެ. ބަނޑޮހުގައި ބޭއްވި މި ފަރިއްކޮޅުގައި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު އާއި އެމްޑީޕީގެ އިސްވެރިންނާއި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.