ހިންނަވަރާއި ނައިފަރު ތަރައްގީ ވެގެންދާއިރު މުޅިރާއްޖެވެސް ތަރައްގީ ވެގެން ދާނެ ކަމަށާއި އެމްޑީޕީގެ ވިސްނުމަކީ ރާއްޖެއާއި ރައްޔިތުންގެ ތަރައްގީ – ޑރ. މުސްތޮފާ ލުތުފީ

ހިންނަވަރާއި ނައިފަރު ތަރައްގީ ވެގެންދާއިރު މުޅިރާއްޖެވެސް ތަރައްގީ ވެގެން ދާނެ ކަމަށާއި އެމްޑީޕީގެ ވިސްނުމަކީ ރާއްޖެއާއި ރައްޔިތުންގެ ތަރައްގީވުން ކަމުގައި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދުގެ ރަނިންގެމޭޓް ޑރ. މުސްތޮފާ ލުތުފީ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މި މަހުގެ 28 ވީ އާދީއްތަ ދުވަހުގެ ރޭ ޅ. އަތޮޅު ހިންނަވަރުގައި ބޭއްވި “ ނެތޭވަވާކަށް ބާޣީއަކަށް” ޖަލްސާގައެވެ.

ހިންނަވަރުގެ ޖަލްސާގައި އެމަނުކުފާނުން ވާހަކަފުޅު ފައްޓަވަމުން އެރަށުން އެމްޑީޕީއާއި ގިނަޒުވާނުންތަކެއް ގުޅުނުކަން ފާހަގަކުރައްވައި އެކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.

ހިންނަވަރުގެ ރައްޔިތުންނާއި މުޙާތަބު ކުރައްވާ ޑރ. މުސްތޮފާ ލުތުފީ ވިދާޅުވީ “މިރަށަކީ ދަރީންގެ ތަޢުލީމަށް އިސްކަން ދެއްވާ ބެލެނިވެރީންތަކެއް ތިއްބެވި ރަށެއްކަމާ އެމަނިކުފާނުންގެ ތަޖުރިބާއިން މިރަށުގެ ދަރިވަރުންގެ ތޫނުފިލިކަން އެގިވަޑައި ގަންނަވާ ކަމަށާއި ، ހިންނަވަރުގެ ރައްޔިތުންނަކީ އެމަނިކުފާނާއި ވަރަށް ގާތް އެހާމެ ލޯބިވެ ވަޑައިގަންނަވާ ބައެއްކަމަށެވެ.”

އެމަނިކުފާނުން ހިންނަވަރަށް ވަޑައިގެންނެވުމުން އިހުސާސް ކުރެއްވެނީ އެމަނިކުފާނުންގެ ދެވަނަ ގެއަށް ވަޑައިގެންނެވުނު ކަމަށް ކަމުގަ ވިދާޅުވެ އެރަށުގެ ރައްޔިތުން އެމަނިކުފާނާއި އެމަނިކުފާނުންގެ އަރިހުގައި ބައިވެރިވި އެންމެހައި ފަރާތްތަކަށް ހިންނަވަރުން ކީ މަރުޙަބާޔަށް ޝުކުރު އަދާ ކުރެއްވިއެވެ.

ކުރީން އެމަނިކުފާނުން ހިންނަވަރުގައި ހޭދަކުރެއްވި ދުވަސްވަރު އެރަށުގައި ޑޮކްޓަރަކު ނެތުމުން އެކަމާ އެރަށުގެ މީހަކާ ސުވާލު ކޮއްލުމުން އެކަން އެގޮތައް އެވަނީ ސަރުކާރުގައި އެހާފުދުން ތެރިކަން ނެތުމުން ކަމުގައި އެއިރު އެފަރާތުން ވިދާޅުވިކަމަށާ މިއީ އެއިރުގެ ސަރުކާރުން ރައްޔިތުންނަށް ވިސްނައިދީފައި އޮންނަގޮތް ކަމަށާއި ، މިގައުމުގެ ރައްޔިތުންނަށް މިއަދު މިލިބޭ މިންވަރަކީ ޙައްގު މިންވަރު ނޫންކަމުގައި ވިދާޅުވެ މިގައުމަކީ މުއްސަދި ގައުމެއް ކަމަށާ ރައްޔިތުންނަށް ބޭނުންވާ އަސާސީ ބޭނުންތަކުގެ އިތުރުން އެހެނިހެން އިނާޔަތްތައްދީ ހެދޭނެކަން އަންގައިދެއްވީ ރައީސް ނަޝީދުކަމަށް އެމަނިކުފާނުން ވިދާޅުވިއެވެ.
7 ފެބުރުއަރީއަކީ މިގައުމުގެ ރައްޔިތުންގެ ފޮނި އުންމީދުތައް މުޅީން ފުޑުފުޑު ކޮއްލި ދުވަހެއް ކަމަށާ ދެން އެފަދަ ބަޣާވާތެއް ކުރުމަށް ދިވެހީން ފުރުސަތު ނުދޭނެ ކަމަށް އެމަނިކުފާނުން ވިދާޅުވެ ނެތޭވެވޭކަށް ބާޣީއަކަށް މިޝިޢާރުގެ ދަށުން މިބޭއްވޭ ޖަލްސާތައް ބޭއްވުމުގެ ބޭނުމަކީ މިއަދު މިއޮތީ ބަޣާވާތުގެ ސަރުކާރެއް ކަމަށްވެފައި އަލުން އަނބުރައި އެބާޣީން ވެރިކަމަށް އަތުވެއްޖެނަމަ މުޅިރާއްޖޭގެ ރައްޔިތުންގެ އުންމީދުތައް މުޅީން ވިއްސި ވިހާލިވެގެން ދާނޭތީ ކަމުގައި ވިދާޅުވިއެވެ.

ރާޢްޖޭގެ އެންމެ އުތުރުން ފެށިގެން އެމަނިކުފާނުން މިދަތުރު ކުރިއަށް ގެންދަވާއިރު ހުރިހައި ދިމާލަކުންވެސް މިފެންނަނީ އެއްމަންޒަރެއް ކަމަށާއި އެންމެހައި ރައްޔިތުން އެތިބީ އެއްބުރުން ނުކުމެ އެމްޑީޕީއަށް މިއިންތިޚާބު ކާމިޔާބު ކޮށްދިނުމަށް ކަމުގައި ޔަގީންވެ ވަޑައިގެން އެކަމަށް އުފާފުޅު ކުރައްވާ ކަމުގައި ވިދާޅުވިއެވެ.

ރައީސް ނަޝީދަކީ އެންމެން ދަންނަ އޯގާތެރި ހިތްތިރި ބޭފުޅެއް ކަމަށާ އެމަނިކުފާނުންގެ ހިތްޕުޅުގައިވެސް ރައީސް ނަޝީދުގެ މައްޗަށް ވަރަށްބޮޑު އިހުތިރާމަކާއި ގަދަރެއް ދެވިފައިވާކަމަށާ އިރާދަ ކުރެއްވިއްޔާ އެމަނިކުފާނުން ހުންނަވާނީ އަބަދުވެސް ވަފާތެރި ކަމާއެކު ރައީސް ނަޝީދުގެ ފަހަތްޕުޅުގައި އިޚުލާސްތެރި ކަމާއެކު ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ކަމުގައި ވިދާޅުވިއެވެ