ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓް ޑރ މުސްތަފާ ލުތުފީ ” ނެތޭވެވޭކަށް ބާޣީއަކަށް މިޝިޢާރުގެ ދަށުން ރާއްޖޭގެ ކަންކޮޅުތަކަށް ކުރަށްވަން ފައްޓަވާފައިވާ ދަތުރުފުޅުގައި 28 ޖުލައިގައި ވަނީ ޅ. ހިންނަވަރަށް ވަޑައިގަންނަވާފައެވެ. އަދި އެމަނިކުފާނުން ހިންނަވަރަށް ވަޑައިގަތުމުން އެރަށުގެ ވަރަށްގިނަ ރައްޔިތުން ވަނީ އެމަނިކުފާނަށް ވަރަށް އުފާވެރި މަރުޙަބާއެއް ދަންނަވާފައެވެ.
ޑރ ލުތުފީގެ އަރިހުގައި އެމްޑީޕީގެ ޗެއަރޕާސަން އަދި ހުޅުހެންވޭރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރ މޫސާމަނިކު އާއި އިހަވަންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރ އަހުމަދު ޢަބުދުﷲގެ އިތުރުން އެމްޑީޕީ ގައުމީ މަޖިލީހުގެ މެމްބަރ އިބުރާހީމް އަހުމަދު (މާލިމީ) ބައިވެރިވެވަޑައިގަތެވެ.
ހިންނަވަރަށް ވަޑައިގަތުމަށްފަހު ޑރ މުސްތަފާ ލުތުފީ ވަނީ ހިންނަވަރު ސްކޫލްގެ އިސްވެރީންނާޢި އެސްކޫލްގައި ބައްދަލުކުރައްވައި ސްކޫލްގެ ކިޔެވުން ހިގަމުންދާ ގޮތާއި ސްކޫލްގެ ހާލަތާ ބެހޭގޮތުން މައުލޫމާތު އޮޅުން ފިލުއްވާފައެވެ.
މެންދުރުފަހުގެ ވަގުތުގައި އެމްޑީޕީ ހިންނަވަރު ހަރުގޭގައި ހިންނަވަރުގެ ކެމްޕޭން ގުރޫޕާއި އެރަށުގެ ޕެޗް އެޖެންޓުންނާއި ހައުސް އެޖެންޓުންނާއި ބައްދަލު ކުރެއްވިއެވެ. އަސުރު ނަމާދަށް ފަހު އެމަނިކުފާނުން ހިންނަވަރުގެ ގޭގެއަށް ޒިޔާރަތް ކުރަށްވައި ރައްޔިތުންގެ ޙާލު ބައްލަވާ ލެއްވުމުގެ އިތުރުން ހިންނަވަރުގެ ޒުވާނުން ބާއްވަމުންގެންދާ ފުޓުބޯޅަ މުބާރާތުގެ ކުޅުން ބައްލަވާ ލެއްވުމަށް އެރަށުގެ ބޯޅަ ދަނޑަށް ޒިޔާރަތް ކުރެއްވިއެވެ. އަދި ހަވީރު 6 ޖެހިއިރު އެރަށުގެ ބަނދަރު ސަރަހައްދުގައި އެއްބުރުން ބިލްބޯޑް ހަރުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި ހިންނަވަރުގެ ވަރަށްގިނަ އަދަދެއްގެ ޒުވާނުން ވަނީ ރަނިންމޭޓްގެ ހާޒިރުގައި އެމްޑީޕީއާއި ގުޅި ޕާޓީއަށް ސޮއެކޮށްފައެވެ.
ހިންނަވަރުގެ ރައްޔިތުންނާއި ރަނިންމޭޓު ބައްދަލު ކުރެއްވުމަށް ބޭއްވެވި ޚާއްސަ ޖަލްސާ ބޭއްވީ ރޭގަނޑުގެ 10 ގައި އެރަށު އެމްޑީޕީ ހަރުގޭގައެވެ. މިޖަލްސާގައި ރަނިންމޭޓުގެ އިތުރުން ޗެއަރޕާސަނ މޫސާ މަނިކުއާއި ޕާލިއަމަންޓަރީ ގްރޫޕުގެ މެމްބަރ އަހުމަދު ޢަބުދުﷲ ގެ އިތުރުން ޒުވާން މަބުރޫކު ވަނީ ވާހަކަ ދައްކަވާފައެވެ.