ސާކް ސަމިޓާއި ބެހޭގޮތުން އޮޑިޓަރ ޖެނެރަލް ނެރުއްވި ރިޕޯޓް ތައްޔާރުކުރެވިފައިވަނީ ރައްޔިތުންނަށް އޭގައި ވަރަށް ގިނަ އޮޅުންތަކެއް އަރާފާނެފަދަ ގޮތަކަށް- މުހައްމަދު އަސްލަމް

ސާކް ސަމިޓާއި ބެހޭގޮތުން އޮޑިޓަރ ޖެނެރަލް ނެރުއްވި ރިޕޯޓުގައި ހުރި ވަރަށް ފަންޑަމެންޓަލް ކުށްތައްކެއް އެމަނިކުފާނަށް ސާފުކޮށްދެއްވިކަމަށް އެމް.ޑީ.ޕީގެ ކުރީގެ ސަރުކާރުގެ ހައުސިްނގ މިނިސްޓަރ އަސްލަމް މިއަދު (29 ޖުލައި 2103)ވިދާޅުވެއްޖެއެވެ. އަސްލަމް ފާހަގަކުރެއްވިގޮތުގައި ރިޕޯޓް ތައްޔާރުކުރެވިފައިވަނީ ރައްޔިތުންނަށް އޭގައި ވަރަށް ގިނަ އޮޅުންތަކެއް އަރާފާނެފަދަ ގޮތަކަށެވެ. ހަމައެހެންމެ ރިޕޯޓް ތައްޔާރުކުރި އޮޑިޓަރުންނަށް ބޮޑެތި ދަތިތަކާއި ކުރިމަތިވިކަމަށް ވިދާޅުވަމުން ބައެއް މަޢުލޫމާތު ގަސްދުގައި އޮޑިޓުކުރުމަށް ނުދީ ފޮރުވާފައިވާކަން ފާހަގަކުރެއްވިއެވެ.

މާދަމާ (30 ޖުލައި 2013) ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ރިޕޯޓް ހުށަހެޅުއްވުމުން އެ ދިރާސާ ކުރައްވައި އޭގައިވާ މައްސަލަތައް ފާހަގަ ކުރެއްވުމަށް އަސްލަމް އެ ކޮމިޓީގެ މެންބަރުންނަށް ވަނީ އިލްްތިމާސް ކުރައްވާފައެވެ. އަދި ރިޕޯޓްގައި ފާހަގަ ވެފައިވާ ކުށްތައް ރައްޔިތުންނަށް މީޑިއާގެ ޒަރިއްޔާއިން ތަފްސީލުކޮށް ކިޔާދެއްވާނެކަމުގެ ޔަގީންކަން އަސްލަމް އެރުއްވިއެވެ.

ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ މެމްބަރު ހަމްޒާ ރިޕޯޓުގައިވާ ކުށްތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން އިތުރު މަޢުލޫމާތު ލިބިއްޖެކަމުގައިވާނަމަ އަލުން އެމައްސަލަ ބެލުމަކީ ނެތްކަމެއްނޫންކަމަށް އޮޑިޓަރ ޖެނަރަލް ވިދާޅުވެފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ބަޖެޓްގެ ބޭރުން އައްޑޫގެ ތަރައްޤީއަށް އެއްވެސް ޚަރަދެއް އެމް.ޑީ.ޕީގެ ކުރީގެ ސަރުކާރުން ކޮށްފައިނުވާނޭކަން އެމަނިކުފާނު ސާބިތުކަމާއިއެކު ޔަޤީންކޮށްދެއްވިއެވެ.

ނޫސްވެރިންގެ ބައްދަލުވުން ނިންމަވާލައްވަމުން އަސްލަމް ވިދާޅުވެފައިވަނީ، ރިޕޯޓްގައި ދައުލަތަށް ގެއްލުންވާފަދަގޮތަށް ބައެއް ކަންކަން ކޮށްފައިިވާކަމަށް ބަޔާންކުރެވިފައި ވަނީ އެކަށީގެންވާ މަޢުލޫމާތު ނުލިބި ރިޕޯޓް ތައްޔާރުކުރެވިފައިވާތީއެވެ.