ފުވައްމުލަކަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް އެމް.ޑީ.ޕީ އިން ކުރާ މަސައްކަތް ހުއްޓާ ނުލާނެ – އެމް.ޑީ.ޕީ ޕާލިމެންޓްރީ ގްރޫޕު

ފުވައްމުލަކަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް އެމް.ޑީ.ޕީ އިން ކުރާ މަސައްކަތް ހުއްޓާ ނުލާނެ ކަމަށް އެމް.ޑީ.ޕީ ޕާލިމެންޓްރީ ގްރޫޕުން މިއަދު(28 ޖުލައި 2013) ވަނީ ބުނެފައެވެ.

ފުވައްމަލަކަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެމަސައްކަތް ކޮށްފައިވަނީ އެމްޑީޕީ ސަރުކާރާއި އެމްޑީޕީންނެވެ. ނަމަވެސް އޭރުގެ އިދިކޮޅު ފަރާތްތަކުން ހުރަސް އެޅުމުގެ ސަބަބުން ކަމެއް ނިންމުމަށް ބޭނުންވާ ޢަދަދު ނުލިބި އެމްޑީޕީއަށް ވަނީ އެފަހަރު އެކަން ކާމިޔާބު ކުރެވޭނޭގޮތް ނުވެފައެވެ. ނަމަވެސް އޭގެ ފަހުންވެސް އެމްޑީޕީން ގަދަ އަޅާ މަސައްކަތް ކުރަމުންދަނީ ފުވައްމުލަކަކީ ސިޓީއެއްގެ ގޮތުގައި ކަނޑައެޅުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތު ކޮމެޓީގައި މިހާރުއޮތް ލާމަރުކަޒީ ގާނޫނުގެ އިސްލާހަށް މަޖިލީހުގެ ކުޑަކޮމިޓީއިން ގެނެވުނު އިސްލާހުގެ ސަބަބުން ފުވައްމުލަކަށް ސިޓީއެއްގެ ދަރަޖަދިނުމަށް މައި ކޮމިޓީއިން ނިންމަންޖެހޭ ނިންމުން ނިންމާ މަޖިލީހުގެ ތަޅުމަށް ރިޕޯޓް ފޮނުވުމުގެ ކުރިން ކުޑަކޮމިޓީގައިވެސް ހިމެނޭ ފުވައްމުލަކު މެމްބަރު ޝިފާގު މުފީދު އޭނާގެ ޕާޓީ ބަދަލުކޮށް މިއަދު ޖުމްހޫރީއާއި ގުޅުމުން މަޖިލީހުގެ މައިކޮމިޓީން މިމައްސަލަ ނިންމުމަށާ އަދި ތަޅުމަށް ފޮނުވައިގެން ތަޅުމުން މިކަމަށް ބޭނުންވާ ވޯޓް ހޯދުމަށް އެމް.ޑީ.ޕީން އިތުރަށް މަސައްކަތް ކުރަން ޖެހިފައިވާ ކަމަށް ގައުމީ ސަލާމަތު ކޮމެޓީގައި ހިމެނޭ އެމް.ޑީ.ޕީގެ މެންބަރުން ބުނެފިއެވެ.

ނަމަވެސް ފުވައްމުލަކަށް ސިޓީއެއްގެ ދަރަޖަ ހޯދުމާ އަދި ކުޅުދުއްފުއްޓާއި އެހެންވެސް 10 ހާސް އާބާދީއެއް ހަމަވާ ކޮންމެ ރަށަކަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް އެމް.ޑީ.ޕީ އިން ކުރާ މަސައްކަތް ހުއްޓާ ނުލާނެ ކަމަށް އެމް.ޑީ.ޕީ ޕާލިމެންޓްރީ ގްރޫޕުން މިއަދު ވަނީ ބުނެފައެވެ.