ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދަށް ތާޢީދު ހޯދުމަށް ހިންގާ ކެންޕެއިން ހަރަކާތްތަކުގެ ތެރެއިން އެމްޑީޕީ “ޒުވާނުންގެ ހިތްވަރު”ގެ ފަރާތުން ފުވައްމުލަކުގެ ޒުވާނުންނަށް އަމާޒުކޮށްގެން ޚާއްޞަ ހަރަކާތްތަކެއް ފުވައްމުލަކުގައި މިއަދު ފަށައިފިއެވެ.
ފުވައްމުލަކުގައި ހަރަކާތްތެރިވާ ކެންޕެއިން ޓީމުގެ ފަރާތުން ޝާނީޒް ސަޢީދު (ތާނި) މައުލޫމާތު ދެއްވި ގޮތުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދަށް އިތުރަށް ތާޢީދު ހޯދުމަށް، ފުވައްމުލަކުގެ ޒުވާނުންނާއި ގުޅިގެން ހިންގާ ހަރަކާތްތައް ފެށުމުގެ ގޮތުން މިއަދު އެންމެ ފުރަތަމަ އޮތީ ފުވައްމުލަކުގެ ޒުވާނުންގެ ފޯކަލް ޕޮއިންޓްތަކާއި ބައްދަލުކޮށް މަޝްވަރާކޮށް މަޢުލޫމާތު ބަދަލުކުރުމެވެ. މިގޮތުން މިހާރު ފުވައްމުލަކުގައި ކުރިއަށް ރޭވިފައިވާ ޕްރޮގްރާމްތަކާއި ކެންޕެއިން ހަރަކާތްތައް ކުރިއަށް ގެންދާނެ ގޮތާއި ޒުވާނުންނަށް އަމާޒުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކާއި ބެހޭގޮތުން މަޝްވަރާކުރެވުނެވެ. އަދި މިއަދު ފުވައްމުލަކުގެ ޒުވާނުން އިސްނަގައިގެން ޚާއްޞަ ސައިކަލް ބުރެއް ބޭވުމަށް ހަމަޖެހިފައިވާކަމަށްވެސް މައުލޫމާތު ދެއްވިއެވެ.
ފުވައްމުލަކުގައި ހަރަކާތްތެރިވާ ކެންޕެއިން ޓީމުގެ ފަރާތުން މައުލޫމާތު ދެއްވިގޮތުގައި ފުވައްމުލަކުގެ ހުރިހާ ޒުވާނުންނަށް އާއްމުކޮށް ހުޅުވައިލެވިގެން އެމްޑީޕީގެ މެނިފެސްޓޯ ތަކާގުޅޭ މައުލޫމާތު ދިނުމުގެ ޚާއްޞަ ބައްދަލުވުމެއް ޔޫތު ވިންގގެ މެންބަރުންނާއިއެކު އޮންނާނެ ކަމަށެވެ. އަދި މާދަމާ ރައީސް ނަޝީދުގެ ކެންޕެއިން ބިލްބޯޑްތައް ކުރެހުމާއި ހަރުކުރުން ފެށުން އޮންނާނެ ކަމަށާއި އެއަށްފަހު ޒުވާނުންނަށް ޚާއްޞަ ކޮށްގެން ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ޝާނީޒް ސަޢީދު (ތާނި) މައުލޫމާތު ދެއްވިއެވެ.
އެމްޑީޕީ “ޒުވާނުންގެ ހިތްވަރު”ގެ ފަރާތުން ފުވައްމުލަކުގެ ޒުވާނުންނާއި ގުޅިގެން ހަރަކާތްތަކެއް ހިންގުމަށް މިހާރު ކުރަމުންދާ ދަތުރުގައި އެމްޑީޕީގެ“ޒުވާނުންގެ ހިތްވަރު” ރައީސް އައިމިނަތު ޝައުނާއާއި “ޒުވާނުންގެ ހިތްވަރު”ގެ ބައެއް މެންބަރުން ބައިވެރިވެއެވެ.