ނައިފަރުގައި“ނެތޭވެވޭކަށް ބާޣީއަކަށް” ފުރަތަމަ ޖަލްސާ ރޭ ބާއްވައިފި

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދުގެ ރަނިންމޭޓް ޑރ މުސްތަފާ ލުތުފީ ހޮނިހިރު ދުވަހު “ނެތޭވެވޭކަށެ ބާޣީއަކަށް” މިޝިޢާރުގެ ދަށުން އެމަނިކުފާނު މިހާރު ފައްޓަވައިގެން ކުރިޔަށް ގެންދަވާ ކެމްޕެއިންގެ ދަށުން ޅ. ނައިފަރަށް ވަނީ 27 ޖުލައިގައި ވަޑައިގެން ނައިފަރުގައި“ނެތޭވެވޭކަށް ބާޣީއަކަށް” ފުރަތަމަ ޖަލްސާ ރޭ ބާއްވަވާފައެވެ.

މިދަތުރުގައި އެމަނިކުފާނުގެ އަރިއަހުގައި އެމްޑީޕީގެ ޗެއަރޕާސަން ރީކޯ މޫސާމަނިކު، ރައްޔިތުންގެ މަޖިލީގުގެ އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރ އަޙުމަދު ޢަބުދުﷲ އާއި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރ އިބުރާޙީމް އަޙުމަދު (މާލިމީ) ބައިވެރިވެ ވަޑައިގެންނެވިއެވެ. ނައިފަރަށް ވަޑައިގަތުމާއެކު ގަދަ އަވީގައި ޓީމްގެ ބައިވެރިންނަށް ވަރަށް ފުރިހަމަ މަރުހަބާއެއް ވަނީ ދަންނަވާފައެވެ.

ހިންނަވަރަށް ވަޑައިގެން ޑރ. މުސްތަފާ ލުތުފީ ވަނީ ރަށު ރައްޔިތުންނާއި ބައްދަލުކުރައްވާފައެވެ. މިގޮތުން ދޮރުން ދޮރަށް ހިންގަވާ ރައްޔިތުންގެ ހާލުބެއްލެވުމާއި ކެމްޕެއިން ބިލްބޯޑް ހަރުކުރުން ކުރިއަށް ގެންދަވައިފައިވެއެވެ. އެމަނިކުފާނުގެ ޝަރަފުގައި ބޭއްވުނު ރޯދަ ވީއްލުމަށްފަހު ނައިފަރު ރައްޔިތުންނަށް ރޭގަނޑު ނައިފަރުގެ މަލްޓިޕާޕަސް ބިލްޑިންގްގައި ޖަލްސާއެއް ބޭއްވެވިއެވެ.

މިޖަލްސާގައި ރަނިންމޭޓް ޑރ. މުސްތޮފާ ލުތުފީ ދެއްކެވި ވާހަކަފުޅު ފައްޓަވައިފައިވަނީ ނައިފަރު ރައްޔިތުން އެމަނިކުފާނަށް ދެންނެވި ހޫނު މަރުހަބާއަށް ޝުކުރުއަދާކުރައްވަމުންނެވެ. ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރާއްޖޭގެ މިނިވަން ދުވަހު އިހްސާސްވާންޖެހޭ މިނިވަންކަން އިހުސާސްވެގެން ނުދިޔަކަމަށާއި، އެދުވަހުވެސް ފެނިގެންދިޔައީ މާލޭގެ މަގުތައް ބަންދުކޮށް ސަރުކާރުން ރައްޔިތުންނަށް އުނދަގޫވާގޮތަށް ޖަލްސާތައް ކުރިއަށް ގެންދިޔަތަންކަމަށެވެ. އަދި ރާއްޖެޓީވީ އިން އިންތިޒާމް ކުރި އާރޓް އެގްޒިބިޝަން ބަލައިގަނެވޭނެ ފަދަ އުޒުރެއްނެތި ބަންދުކުރިކަން ފާހަގަ ކުރެއްވިއެވެ.

އެމްޑީޕީގެ ސަރުކާރެއްގައި ސިވިލްސާވިސްގެ މުއައްޒަފުންނާޢި މެދުވެސް ކަންކުރަމުން ގެންދާނީ އޯގާތެރިކޮށް އަދި އިންސާފުވެރކޮށް ކަމަށާއި، މިއަދުގެ ސަރުކާރުން އެގެންދަނީ ސިވިލްސާވިސް އަށްވެސް ބަދުބަސްތައް ބުނެ އެބޭފުޅުންނަށްވެސް މަލާމާތް ރައްދުކުރަމުން ކަމަށް ޑރ މުސްތަފާ ވިދާޅުވިއެވެ. އައުގާނޫނު އަސާސީ އަށްފަހު ޑިމޮކްރަސީ ގާއިމްވެގެންދިޔައީ ހީކޮށްގެން ތިއްބާ ބަޤާވާތާއެކު ސަރުކާރު ވައްޓައިލައި ޑިމޮކްރަސީ ގެއްލުވައިލައިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިއިންތިޚާބު ސުލްހަވެރިކަމާއެކު އެއްބުރުން ކާމިޔާބުކުރާނެކަން ތަކުރާރުކުރެއްވިއެވެ.

ނައިފަރުގައި އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރުގެ ވާހަކަފުޅުގައި މިއަދު މިއޮތް ސަރުކާރަކީ ޣައިރުގާނޫނީ ސަރުކާރެއް ކަމަށާއި، އަދި މިސަރުކާރުން ރައްޔިތުންނަށް ދިން އަނިޔާ ތަކުރާރު ވާން ބޭނުން ނޫންނަމަ އެމްޑީޕީގެ ވެރިކަން އިއާދަ ކުރަންޖެހޭ ކަމުގައި ވިދާޅުވިއެވެ. މިގައުމާއި ރައްޔިތުންގެ ރައްކާތެރިކަމަށް އެދިގެން ހެޔޮވެރިކަމެއް ކޮށްދިނުމަށާ ، އަނިޔާވެރިކަން ގައުމުން ފޮހެލައި ބަޣާވާތް ކުރުމުގެ ސަގާފަތް ނައްތާލުމަށް ހަމައެކަނި ނުކުމެ މިތިބީ ރައީސް ނަޝީދުއާއި އެމްޑީޕީ ކަމުގައިވެސް ވިދާޅުވިއެވެ.

ޗެއަރޕާސަން މޫސާ މަނިކުގެ ވާހަކަފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވެއެވެ. މިގޮތުން ސަރުކާރު ވައްޓައިލުމުގައި ބައިވެރިވެ އަދި މީގެ އަހަރު ތަކެއް ކުރިން އެމަނިކުފާނުގެ މައްޗަށް މަރުގެ ހުކުމް ގާއިމް ކުރުމަށް ދައުވާކުރެއްވި ނައިފަރު ދާއިރާގެ މެންބަރަށް އެކަން ކާމިޔާބު ނުވިކަމަަށް ވިދާޅުވިއެވެ. އަދި ހަމައެހެންމެ މިއަދު އަދާލަތު ޕާޓީގެ އިސްމީހުން ދީން ހަތިޔާރަކަށް ހަދާ ރައްޔިތުންގެ ފިކުރާއި ކުޅުމަށް އުޅުނު ނަމަވެސް ރާއްޖޭގައި އިސްލާމީ ވަހުދަތު ދެމިއޮންނާނެ ކަމަށާއި އެކަން ދަމަހައްޓަން އެމްޑީޕީއިން އަބަދުވެސް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

ރޭގެ ޖަލްސާއަކީވެސް އެމްޑީޕީގެ އެހެނިހެން ގިނަޖަލްސާތަކެކޭ އެއްފަދައިން ނުހަނު ފޯރީގަދަ އަދި ޖަލްސާއަށް ހާޒިރުވި އެމްޑީޕީގެ މެމްބަރުންނާޢި ސަޕޯޓަރުންގެ ތަރުޙީބު ވަރަށް ލިބިގެން ދިޔަ ޖަލްސާއެކެވެ.