އުމްރާއާއި ހައްޖުގެ މަތިވެރި މާތް އަޅުކަމަށް މަގުފަހިވާނޭ އެންމެހާ ފިޔަވަޅެއް އިރާދަފުޅާއެކު އެމްޑީޕީން އަޅާނެކަމުގައި ރައްޔިތުންނަށް ދަންނަވައި ނެރޭ ބަޔާން.

noosbayan

އެކުވެރި ދައުލަތްތަކާއި މެދު ހީނަރުވެފައިވާ ގުޅުންތައް އިއާދަކޮށް މިހާރު އިންތިހާއަށް މެދުވެރިވަމުންމިދާ ދަތިތައް ފިލުވައި ޚާއްޞަ ގޮތެއްގައި ވީސާ ލިބުމާއި އުމްރާއާއި ހައްޖުގެ މަތިވެރި މާތް އަޅުކަމަށް މަގުފަހިވާނޭ އެންމެހާ ފިޔަވަޅެއް އިރާދަފުޅާއެކު އެމްޑީޕީން އަޅާނެކަމުގައި ރައްޔިތުންނަށް ދަންނަވައި ނެރޭ ބަޔާން.

ބަރަކާތްތެރި ރޯދަމަހު އުމްރާ ވުމަށް އެދިލެއްވި 1300 އަށް ވުރެ ގިނަ ދިވެހިންނަށް ސަޢޫދީ ސަރުކާރުން ވީސާ ހަމަނުޖެއްސިގެން އެ މާތް މަތިވެރި އަޅުކަމަށް ހުރަސް އެޅިފައިވަނީ މިރާއްޖޭގައި ބަޣާވާތަކުން އުފެއްދި ސަރުކާރުގެ ސީދާ އިހުމާލުން ކަމުގައި ފާހަގަވެއެވެ.

ދިވެހީންގެ މިހާގިނަބަޔަކަށް ވިސާ ނުލިބުން އެއީ އެކަމުގެ މާޔޫސްކަމާއި ގެއްލުންތައް އެތަކެއް ދިވެހި ޢާއިލާ އަކަށް ނުހަނު ބޮޑުކަމަކަށް ވާއިރު އެކަންކަން އެއީ އެއްވެސް ފަރާތަކަށް މީގެ ކުރީގައި އަދި ޚާއްޞަގޮތެއްގައި އެމްޑީޕީ ސަރުކާރުގައި އެއްގޮތަކަށްވެސް މެދުވެރިވެފައިވާ ކަމެއްނޫނެވެ.

އުމްރާގެ މަތިވެރި އަޅުކަން ހާޞިލްކުރުމަށް ދިވެހީންގެ ގިނަބަޔަކު ކޮންމެ ރޯދަމަހަކުވެސް އެދޭ ކަމާއި އެކަންކަމަށް ސަރުކާރުން ހަމަޖައްސަވަން ބޭނުންވާ ކަންކަން ފުރިހަމަކުރެއްވުމަށް އޮންނަ ގަވާޢިދުތައް މުސްލިމުން ދިރިއުޅޭ ހުރިހާ ގައުމަކަށް ސަޢޫދީ ސަރުކާރުން ވަރަށް ކުރީން އަންގަވާކަން އެއީ ހުރިހާ އަހަރަކުވެސް ފާހަގަވާ ކަންކަމެވެ. ތަފާތަކީ އެފަދަ ގަވާޢިދުތަކަށް ދުރާލާ ފިޔަވަޅުތައް އެޅުއްވޭވަރުގެ ގާބިލްކަން މިހާރުގެ ސަރުކާރުގައި ނެތުމެވެ. ފެންނާންހުރި ސަބަބުތަކުގެ ތެރޭ، ބަޣާވަތަކުން އުފެއްދި ސަރުކާރުގައި އެތަކެއް ޕާޓީގެ ސިޔާސަތުތައް އޮޅުންބޮޅުންވެ މަސްހުނިވެފައި ވުމާއި، ސިޔާސީ ވާދަވެރިކަމާއި ދަހިވެތިކަމުގެ ނާޖާއިޒް ފައިދާ ވަކިވަކީން ހޯއްދެވުގައި ރައްޔިތުންގެ މުހިންމު ބޭނުންތަކަށް އިހުމާލުވެލެއްވުމާއި، ދައުލަތުގެ މުއައްސަސާތައް ފޭލްވާން ފަށާފަވުން ހިމެނެއެވެ. މިކަންކަމުގެ ސަބަބުން މިރާއްޖެއާއި މެދު އެކުވެރި ދައުލަތްތަކާއި ބައިނަލްއަގުވާމީ ފަރާތްތަކާއި އޮންނަ ގުޅުންތައް ހީނަރުވެގެން ގޮސް، އެ ގައުމުތަކުން އިމްޕޯރޓްކުރާ މުހިންމު ބައެއް މުދަލާއި، ހިލަ އާއި ހިލަވެއްޔާއި ފިޔާ އަލުވި ބިސް ފަދަ އާދައިގެ ބޭނުންތަކަށް ދަތިވުމުގެ އިތުރުން އެގައުމަތަކަށް ދަތުރުކުރުމުގެ ވިސާއަށް ދަތިވެ އެންމެފަހުން މިހާރުމިފެނުނީ މަތިވެރި މާތް ދީނީ އަޅުކަމެއް ހާޞިލްކުރެއްވުމުގެ އުންމީދުގައި އެތަކެއް އަހަރު ފައިސާ ރައްކާކޮށްގެން ރޯދަމަހު ޢުމްރާ ވުމަށް ގަޞްދުކުރި އެތައްސަތޭކަ ދިވެހީންގެ އެ މަތިވެރި އަޅުކަމަށް ސަރުކާރުގެ އިހުމާލާއިހެދި ހުރަސްއެޅިގެން ދިޔަތަނެވެ.

އުމްރާ ވުމާއި ހައްޖުވުމުގެ ވީސާއާއި ބެހޭ ގަވާޢިދުގެ އެއް މާޢްދާއެއް ބުނާގޮތުގައި ވީސާއަށްއެދި ހުށައެޅޭނީ ބައިނަލް އަގުވާމީ ދަތުރުފަތުރާ ބެހޭ ޖަމިއްޔާ އަޔާޓާ ގެ ހުއްދަލިބިފައިވާ ފަރާތެއް މެދުވެރިކޮށް ރަޖިސްޓަރީވެގެން ސައޫދީ އެމްބަސީ އަށް ހުށައެޅުމުން ކަމަށެވެ. ދިވެހިޜާއްޖޭގައި އަޔާޓާ ހުއްދަ އޮންނަ ފަރާތުގެ ރަޖިސްޓަރީގެ މުއްދަތުވަނީ މިދިޔައަހަރު ހަމަވެފައި ކަމުން، އެކަން މިހާރުގެ ސަރުކާރުން ދުރާލާ ފިޔަވަޅު އަޅުއްވައިގެން ހައްލުކުރައްވާފަނުވާކަމީ ނާގާބިލް ކަމާއި ރައްޔިތުންނާއިމެދު ވެލައްވާފައިވާ އަގަލުކުޑަ އިހުމާލު ހާމަވާ ކަމެކެވެ. އެހެންކަމުން އެތައް ސަތޭކަ ދިވެހިންނަށް މާޔޫސްކަމާއި ބޮޑެތި ގެއްލުންތައް މެދުވެރިކުރުވައި، ހަގީގަތްތައް އޮޅުވާލެއްވުމަށް އަންގަވާ ދޮގު އެންގެވުންތަކާއި، ރޯދަމަހު އުމްރާވުމުގެ މަތިވެރި އަޅުކަމަށް ހުރަސް އެޅޭފަދަ ބޮޑެތި އިހުމާލު ބާޣީންގެ ސަރުކާން ހިންގަވައިފާ ކަން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އެންމެ މަތީ ދަރަޖައިގާ ކުށްވެރިކުރަމެވެ.
އެކުވެރި ދައުލަތްތަކާއި މެދު ހީނަރުވެފައިވާ ގުޅުންތައް އިއާދަކޮށް މިހާރު އިންތިހާއަށް މެދުވެރިވަމުންމިދާ ދަތިތައް ފިލުވައި ޚާއްޞަ ގޮތެއްގައި ވީސާ ލިބުމާއި އުމްރާއާއި ހައްޖުގެ މަތިވެރި މާތް އަޅުކަމަށް މަގުފަހިވާނޭ އެންމެހާ ފިޔަވަޅެއް އިރާދަފުޅާއެކު އެމްޑީޕީން އަޅާނެކަމުގައި ދިވެހި ރައްޔިތުންނަށް ދަންނަވަމެވެ.

އެކުވެރި ދައުލަތްތަކާއިއެކު ގުޅުންތައް ބަދަހި ކުރުމަށްޓަކާ އެޅޭނެ އެންމެ ވަރުގަދަ ފިޔަވަޅަކީ މިބާޣީންގެ ސަރުކާރު ބަދަލު ކޮށްލުން ކަމުން، ދިވެހި ރައްޔިތުން ތަހުޒީބުގޮތުގައި އެކީ އެއްދުވަހަކާ ނުކުންނަވައި، އެމްޑީޕީ ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހަންމަދު ނަޝީދަށް ވޯޓް ދެއްވިދެއްވީނުން އެއްބުރުން އެމަނިކުފާނު އިރާދަފުޅާއިއެކު އިންތިޚާބުކުރުމަށް، ކުރެވޭން އޮތް ހުރިހާ މަސައްކަތެއް މިޕާޓީން މެދުކެނޑުމެއްނެތި ކުރަމުން ގެންދާނެކަމުގައި ދެންނެވީމެވެ.

27 ޖުލައި 2013

ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއޭޓް