ރައީސް ނަޝީދުގެ ރަނިންގމޭޓް ޑރ.މުސްތަފާ ލުތުފީއާއި އެކު ‘ނެތޭ ވެވޭކަށް ބާޣީއަކަށް’ ޖަލްސާ ވިލިމާލޭގައި ރޭ (25 ޖުލައި) ބާއްވައިފި

ރައީސް މުހައްމަދު ނަޝީދުގެ ރަނިންގމޭޓް ޑރ.މުސްތަފާ ލުތުފީއާއި އެކު ‘ނެތޭ ވެވޭކަޝެއް ބާގީ އަކަށް’ ކެމްޕޭން އިވެންޓެއް ވިލިމާލޭގައި އެމްޑީޕީ އަށް ސަޕޯޓު ކުރައްވާ އެތައް ސަތޭކަ ރައްޔިތުންނާއިއެކު ރޭ (25 ޖުލައި) ގައި ބާއްވައިފިއެވެ.

މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މައްޗަންގޯޅީ އުތުރު ދާއިރާގެ މެންބަރު މާރިޔާ ދީދީ އެމްޑީޕީން އަނިޔާވެރި ކަމުގެ މައްޗަށް އޯގާތެރިކަން އިސްކޮށް ކުރި ވެރިކަން ވައްޓާލުމަށްފަހު މިއަދު ފެންނަމުން މިދަނީ އަނިޔާވެރިކަނއ ކަމަށެވެ. އެގޮތުން 6،7، އަދި 8 ފެބުރުއަރީގައި ރައްޔިތުންނަށް ކުރި އަނިޔާ ހަނދާން ނުނެތޭ ކަމަށާއި މި އަނިޔާވެރިކަން ނިމުމަކަށް ގެންނަން ޖެހޭ ކަމަށެވެ. އަދި ‘ރީނދޫ ލަޝްކަރު’ ދައްކަމުންދާ ހިތްވަރަށް ޝުކުރު ޢަދާކުރެއްވިއެވެ. މީގެ އިތުރުން ރައީސް ނަޝީދުގެ ފުރަތަމަ ވަޢުދު ފުއްދިފާވައިވާ ކަމަށާއި ހުރިހާ ބާޣީންވި ގޮތާއި ރޭވިރޭވުމާއި ހިލާފަށް ރައީސްގެ ނަންފުޅު ވޯޓު ކަރުދާސްކޮޅުގައި އޮންނާނެ ކަމަށެވެ.

ޑރ.މުސްތަފާ ލުތުފީގެ ވާހަކަފުޅު ފެއްޓެވީ އެއްބުރުން މިއިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް ތަކުރާރުކުރައްވަމުންނެވެ. އަދި މިކަމަށްޓަކައި އެމްޑީޕީއިން ބާރު ދުވެލީގައި ކެމްޕޭނުކުރަމުންދާކަމަށެވެ. މާރިޔާ އޭ އެއްފަދައިން ޑރ.މުސްތަފާ ފާހަގަކުރެއްވީ ރައީސް ނަޝީދު ފިޔަވައި ވެރިކަމަށް ވާދަކުރައްވަނީ ހަރާމް ބަގާވާތެއް ކޮއްފައިވާ ބާޣީން ކަމަށެވެ. އަދި މިބައެއްގެ އަތްމައްޗަށް ވެރިކަން ހިނގައްޖެނަމަ ލިބޭނީ މިއަދު ފަދަ ނިކަމެތިކަމެއް ކަމަށެވެ. ހަމައެހެންމެ ދިވެހިރާއްޖޭ 21 ވަަނަ ގަރުނާ ފައި ހަމަ ކުރުމަށްޓަކައި ބޭނުންވާ ވިސްުނުމާއި ހިތްވަރު ރައީސް ނަޝީދު ފިޔަވައި އެހެން ކެންޑިޑޭޓެއްގެ ކިބައިގައި ނެތް ކަމަށެވެ.

ޑރ.މުސްތަފާ ލުތުފީއަށްފަހު އެމްޑީޕީގެ ޗެއާޕާރސަން ރިކޯ މޫސާ މަނިކު ވިދާޅުވީ ބަޣާވާތުގެ ސަރުކާރު ބަދަލުނުވެ ކުރިއަށްގޮސްފިނަމަ ދިވެހިރާއްޖޭގެ މިިނިވަންކަން ގެއްލި ހިނގައިދާނެ ކަމަށެވެ. ބާޣީން ދިވެހި ދިދަ އަށާއި ގާނޫނު އަސާސީ ހުރުމަތެއް ނުކުރާ ކަމަށެވެ. އެގޮތުން ވެރިކަމަކީ ރައްޔިތުންގެ ކިބައިން ފެށިގެން އަންނަ ކަމެއް ކަމަށް ގާނޫނު އަސާސީގެ ދެވަނަ ބާބުގައި އޮންނަ ކަމަށާއި މުޅި ގާނޫނު އަސާސީގެ މަފްހޫމް ބާގީން ގަޑުބަޑުކުރާކަމަށެވެ.

މީގެ އިތުރުން އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ ތެރެއިން އިމްތިޔާޒް ފަހްމީ އާއި އިލްޔާސް ލަބީބުވެސް ރައްޔިތުންނާ މުހާތަބު ކުރެއްވިއެވެ. މިބޭފުޅުންވެސް ފާހަގަ ކުރެއްވީ ބަގާވާތަށްފަހު އެމްޑީޕީ އިން ހަލުވިމިނުގައި ކުރަމުންއައި ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވާ ކަމަށެވެ. އަދި ފެންނަމުން މިދަނީ ދީނާއި ގައުމަށްޓަކައިވެސް އުޅޭ ބަޔަކީ އެމްޑީޕީ ކަމަށެވެ. މިޖަލްސާގައި އެމްޑީޕީއަށް އިތުރުވަމުން އަންނަ ސަޕޯޓު ފެނިފައިވެއެވެ.