25 އޮގަސްޓް 2009
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ އާންމު ޖަލްސާއެއް އައްޑޫގައި ނުބާއްވާތާ ގިނަ ދުވަސްތަކަކަށް ފަހު އެޕާޓީގެ އާންމު ޖަލްސާއެއް އައްޑޫގައި ބާއްވައިފިއެވެ.
ހިތަދޫގައި ހުންނަ މުހިއްބުއްދީން ސްކޫލް ގައި މިދިޔަ ހުކުރު ދުވަހުގެރޭ ބޭއްވި މިޖަލްސާ އިންތިޒާމް ކުރުމުގައި އިސްކޮށް ޙަރަކާތްތެރިވި ހިތަދޫ އީދިގަލި ގޮފީގެ ރައީސް އަދި ހިތަދޫ އެމްޑީޕީ އޮފީސް ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެގެންހުންނެވި އިބްރާހީމް ޞޮބްރީ ވިދާޅުވީ މި ހަރަކާތަކީ އެމްޑީޕީގެ ޖަލްސާއެއް އައްޑޫގައި ނުބޭއްވޭތާ ގިނަދުވަސްތަކެއް ވެފައިވާތީ އާއި އައްޑޫގައި ތިބި އެމްޑީޕީގެ މެންބަރުންގެ މެދުގައި ޕާޓީގެ ރޫހް އާލާކުރުމުގެ މަޤްޞަދުގައި އެފަރާތުން އިންތިޒާމްކުރި ޖަލްސާއެއް ކަމުގައެވެ.
މިޖަލްސާގައި އެމްޑީޕީގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ އާއި އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް ރީކޯ މޫސާ މަނިކުގެ އިތުރުން މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ. އިބްރާހީމް ދީދީ އާއި ފޭދޫ ތިލަފަތް ގޮފީގެ ރައީސް އަބްދުﷲ ރަޝީދު (އައިސީ) އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގައި ހިމެނިވަޑައިގަންނަވާ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އާއި ހިތަދޫ މެދު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު އާއި ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވެސް ވާހަކަފުޅު ދެއްކެވިއެވެ.
މިޖަލްސާ އާއި ބެހޭގޮތުން ވާހަކަދައްކަވަމުން ޞޮބްރީ ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ފަހުން ޕާޓީގެ ހަރަކާތްތައް އައްޑޫގައި މަޑުޖެހިފައި އޮތް އޮތުން ނިމުމަކަށް ގެނެސް އަލުން އާ ހިތްވަރަކާ އެކު ޕާޓީގެ ހަރަކާތްތައް ކުރިޔަށް ގެންދިއުމަށް މި ޖަލްސާގެ ސަބަބުން ވަރަށް ބޮޑު ހިތްވަރެއް ލިބިގެން ދިޔަ ކަމުގައެވެ. މީގެ އިތުރުން ޕާޓީ ލެވެލްގައި ކުރަންޖެހޭ ވަރަށް ގިނަ ކަންތައްތައް އައްޑޫގައި ތިބި އެމްޑީޕީ މެންބަރުންނަށް އޮޅިފައިވާ ދަނޑިވަޅެއްގައި މިޖަލްސާ ބޭއްވުމުގެ ސަބަބުން ވަރަށް މުހިއްމު ކަންތައް ތަކެއް އޮޅުން ފިލާފައިވާ ކަމަށާއި ސަރުކާރުގެ ސިޔާސަތު ތަކާއި ބެހޭ ހަގީގަތްތައް ވެސް މިޖަލްސާގެ ސަބަބުން ރައްޔިތުންނަށް އެނގިގެންދިޔަ ކަމުގައި ޞޮބްރީ ވިދާޅުވިއެވެ.
އައްޑޫގައި އެމްޑީޕީގެ މެންބަރުން އިތުރު ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ބައްލަވާލައްވަމުން ޞޮބްރީ ވިދާޅުވީ މިހާރު މުޅިން އަލަށް އިތުރު 4 ގޮތްޕެއް އިފްތިތާޙް ކޮށްފައިވާ ކަމަށާއި، ކުރީގެ ގޮފިތައް ވެސް އަލުން ތަރުތީބުކޮށް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމުގައެވެ
މި ޖަލްސާއަށް ރައީސް ނަޝީދަށް ވަޑައި ނުގެންނެވުނު ނަމަވެސް ކައިރި މުސްތަޤްބަލެއްގައި ރައީސް ނަޝީދުވެސް ބައިވެރިވެ ވަޑައިގަންނަވާ އެމްޑީޕީގެ އާންމު ޖަލްސާއެއް އައްޑޫގައި ބޭއްވޭނޭ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ޞޮބްރީ ވިދާޅުވިއެވެ.