އަޅުގަނޑު މިހުރީ ވަރަށް ބޮޑަށް ތައްޔާރަށް ރިޔާސީ އިންތިޚާބަކަށް އަލުން ކުރިމަތިލާން. ސާފުސާދާ އަޣްލަބިއްޔަތެއް އަޅުގަނޑުމެން ހޯދާނަން – ރައީސް

29 ޖުލައި 2010

– ރާމިޒް –

haruge-rais-28-07-2010-73

ރިޔާސީ އިންތިޚާބަކަށް އަލުން ކުރިމަތިލައްވަން ވަރަށް ބޮޑަށް ތައްޔާރަށް ހުންނެވި ކަމަށާއި، އެފަދަ އިންތިޚާބެއްގައި ސާފުސާދާ އަޣްލަބިއްޔަތު ލިބިވަޑައިގަންނަވާނޭ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމުގައި ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރޭ އެމްޑީޕީ ހަރުގޭގައި ބޭއްވި ޚާއްސަ ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ޤާނޫނު އަސާސީއަށް އެމްޑީޕީ އިން ގެންނަން ބޭނުންވާ ބަދަލުތައް ގެންނަން ޑީއާރުޕީ އިން ތައްޔާރަށް އޮތްނަމަ އެމަނިކުފާނު ހުންނެވީ މިހާރުން މިހާރަށް ވެސް އިންތިޚާބަކާ ކުރިމަތިލައްވަން ތައްޔާރަށް ކަމަށެވެ. މިގޮތުން ޤާނޫން އަސާސީއަށް އެމްޑީޕީ އިން ގެންނަން ބޭނުންވާ ދެތިން އިސްލާހެއް އެބައޮތް ކަމަށާއި، އޭގެތެރެއިން ފުރަތަމަ ކަމަކީ ފުރިހަމަ ރިޔާސީ ނިޒާމަކަށް މަގުފަހިވާނޭހެން ޤާނޫން އަސާސީ ބައްޓަންކުރުން ކަމަށް ރައީސް ވިދާޅުވިއެވެ. މިގޮތުން ވަޒީރުންނަށް ރުހުން ދިނުމުގައި ފުރިހަމަ ރިޔާސީ ނިޒާމެއްގައި އަމަލުކުރާ ގޮތަށް ޤާނޫނު އަސާސީއަށް ދެތިން އިސްލާޙް ގެނައުމަށްފަހު އިންތިޚާބަކާ ކުރިމަތިލައްވަން ތައްޔާރަށް ހުންނެވި ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
“އަޅުގަނޑު މިހުރީ ވަރަށް ބޮޑަށް ތައްޔާރަށް، ރިޔާސީ އިންތިޚާބަކަށް އަލުން ކުރިމަތިލާން. ސާފުސާދާ އަޣްލަބިއްޔަތެއް އަޅުގަނޑުމެން ހޯދާނަން. އިންތިޚާބަކަށް އަޅުގަނޑުމެން ނުކުމެ، ހަމަހަމަ ގޮތުގައި މިކަން ހިންގުމަށް އަޅުގަނޑުމެން ބުނީމާ، ޤާނޫނު އަސާސީއަށް ގެންނަން ބޭނުންވާ ބައެއް ކުދިކުދި އިސްލާޙް ގެނައުމަށް، ޑީއާރުޕީ އިން އެއްބަސްވާކަމަށް ވަންޏާ، އަޅުގަނޑުމެން މިތިބީ އަޅުގަނޑު ދެކޭގޮތުގައި، އަޅުގަނޑުމެން ތިބެންޖެހޭނީ އިންތިޚާބަކަށް ދިއުމަށް ތައްޔާރަށް” ރައީސް ނަޝީދު ރޭ ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ފަނޑިޔާރުން ދާއިމީކުރުމުގެ މައްސަލައަށް ވެސް ބައްލަވާލެއްވިއެވެ. އެގޮތުން ޖުޑިޝަލް ސަރވިސް ކޮމިޝަނުން ފުރިހަމަކުރަންޖެހެ ކަންތައްތައް ފުރިހަމަކުރެވިފައިނުވާ ކަމަށާއި، އަންނަ އޮގަސްޓް މަހުގެ 7 ވަނަ ދުވަހު އިންތިޤާލީ މަރުހަލާ ނިމޭއިރު، ފަނޑިޔާރުން ދާއިމީކުރުމާއި ފަނޑިޔާރުންގެ ޝަރުޠުކަނޑައެޅުން ފަދަ މުހިއްމުކަންތައްތައް ނުނިމިވާކަން ރައީސް ފާހަގަކުރެއްވިއެވެ.