ކުރިއަށް އޮތް ހަފްތާތަކުގެ ކޮންމެ ދުވަހަކީ ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތައް ފެށިގެންދާނެ ދުވަސްތައް ކަމުގައި ރައީސް ވިދާޅުވެއްޖެ

29 ޖުލައި 2010

– ރާމިޒް –

haruge-rais-28-07-2010-149

ކުރިއަށް އޮތް ހަފްތާތަކުގެ ކޮންމެ ދުވަހަކީ ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތައް ފެށިގެންދާނެ ދުވަސްތައް ކަމުގައި ރައީސުލް ޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރޭ އެމްޑީޕީ ހަރުގޭގައި އެޕާޓީގެ މެންބަރުންނާއި އެޕާޓީއަށް ތާޢީދުކުރައްވާ ފަރާތްތަކާއި ބައްދަލުކުރައްވަމުން ރައީސް ވިދާޅުވީ ބާކީ އޮތް ދުވަސްތަކަކީ ވައުދުތައް ފުރިހަމަކޮށް ނިންމުމަށް ބެނުންވާ ދުވަސްތައް ކަމަށާއި،
އުތުރު ޕްރޮވިންސްގެ ފެނާއި ނަރުދަމާ ނިޒަމް ގާއިމް ކުރުމަށް ކޮރެއާގެ ކުންފުންޏަކާއިއެކު ސަރުކާރުން މިހާރު މިދަނި ވަހާކަދައްކަމުން، އިރާދަކުރެއްވިއްޔާ މިމަސައްކަތް ދާދި އަވަހަށް ފަށައިގަނެވޭނޭ ކަމަށް ރައީސް ވިދާޅުވިއެވެ.
މިއަދު ކުޅުދުއްފުށީގެ މަގުހެދުމާއި ބަނދަރު ބޮޑުކުރުމާއި ހައުސިން ޕްރޮޖެކްޓްގެ މަޝްރޫޢު ތަކުގައި އިނގިރޭސިވިލަތުގެ ކުންފުންޏަކާއިއެކު ސޮއިކުރެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މާލޭގައި ވެސް 6 ޕްރޮޖެކްޓެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށާއި،
އޭގެތެރޭގައި ހިމެނޭ ބައެއް ޕްރޮޖެކްޓްތަކަކީ ހުޅަނގު އުތުރު ސަރަހައްދުގެ ބަނދަރު ބޮޑުކުރުމާއި، މާލޭގައި 100 ފްލެޓް އެޅުން ކަމަށް ވިދާޅުވަމުން،
“މިއަދު ހާމަވެގެން މިދަނީ ސަރުކާރަށް އާމްދަނީ ލިބޭނެ ބިލްތަކާއި ، ޓެކްސްގެ ބިލްތައް ފާސްނުކުރި ކަމުގައިވިޔަސް އަޅުގަނޑުމެން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދާނެކަން” ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އެމަނިކުފާނުގެ ހަޔާތްޕުޅުގައި އިންތިޚާބްތަކަކީ އެމަނިކުފާނާއި ވަރަށް ރައްޓެހި އެއްޗެއް ކަމަށާއި،
ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ކޮންމެ އިންތިޚާބަކަށް ކުރިމަތިލާން އެމަނިކުފާނު ތައްޔާރަށް ހުންނެވި ކަމަށެވެ. އެހެން ނަމަވެސް
އިންތިހާބަކަށް ދާން އެއްބަސަވާނީ ޤާނޫނު އަސާސީއަށް ބަދަލުގެނެސް ރައްޔިތުންގެ މަޖިލިސްވެސް އަލުން އިންތިޚާބް ކުރުމަށް އިދިކޮޅުފަރާތްތަކުން އެއްބަސްވާނަމަ ކަމަށް ރައީސް ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި އެމްޑީޕީގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ އާއި ވަގުތީ ރައީސް އިބްރާހީމް ޙުސައިން ޒަކީ ވެސް ވާހަކަފުޅުދެއްކެވިއެވެ. މިޖަލްސާއަށް ވަރަށް ގިނަ ޢަދަދެއްގެ ބަޔަކު ހާޒިރުވެފައިވާކަން ފާހަގަކުރެވެއެވެ.