29 ޖުލައި 2010
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު, އިނގިރޭސި ވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޮކްޓަރ ޕީޓަރ ހެއިޒް އާ އިއްޔެ ބައްދަލުކުރައްވައިފިއެވެ.
އިއްޔެ މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ސިޔާސީ މައްސަލަތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ އިނގިރޭސި ސަފީރާ ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސިޔާސީ ޕާޓީތަކުގެ މެދުގައި ބާއްވަވާ މަޝްވަރާތަކަށް ސަރުކާރުން މަރުޙަބާ ކިޔާ ކަމަށް ވިދާޅުވިއެވެ. އަދި، މި މައްސަލައަށް ދާއިމީ ޙައްލެއް ލިބޭނީ، ފުރިހަމަ ރިޔާސީ ނިޒާމަކަށް ނުވަތަ ފުރިހަމަ ބަރުލަމާނީ ނިޒާމަކަށް ޤާނޫނު އަސާސީ އިސްލާހު ކުރެވިގެން ކަމަށް ދެކިވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ.
ޑޮކްޓަރ ޕީޓަރ ހެއިޒްގެ ވާހަކަފުޅުގައި، އިނގިރޭސިވިލާތުން ރާއްޖެއާމެދު ދެކެނީ ވަރަށް ގާތްކޮށް ކަމަށާއި، ރާއްޖެއިން އަހައްމިއްޔަތުކަން ދޭ ކަންކަމުގައި ވެދެއްވެން އޮތް ހުރިހާ އެހީތެރިކަމެއް ރާއްޖެއަށް ވެދެއްވާނެ ކަމަށް ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ވަޙީދު ބައިވެރިވެވަޑައިގެންނެވިއެވެ.