މަތި ދެކުނު ޕްރޮވިންސްގައި ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުވައިދިނުމަށްޓަކައި އެމެރިކާގެ ޔޫ.އީ.އެމް. ކުންފުންޏާއެކު އެގްރީމަންޓްގައި ސޮއިކުރައްވައިފި

28 ޖުލައި 2010

de89dea6de8cde80dea8-de8bde80deacde86deaade82deaa-de8adeacde82dea6dea6dea8-de82dea6de83deaade8bde80dea6de89dea6

މަތި ދެކުނު ޕްރޮވިންސްގައި ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި އެމެރިކާގެ ޔޫ.އީ.އެމް. ގްރޫޕާއި އަޕަރ ސައުތު ޔޫޓިލިޓީޒް ލިމިޓެޑާ ދެމެދު މިއަދު އެގްރީމެންޓެއްގައި ސޮއި ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި، އަޕަރ ސައުތު ޔޫޓިލިޓީޒް ލިމިޓެޑްގެ ފަރާތުން މި އެގްރީމެންޓްގައި ސޮއިކުރެއްވީ، އެ ކުންފުނީގެ މެނެޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙަންމަދެވެ. ޔޫ.އީ.އެމް. ގްރޫޕްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ރައީސް މިސްޓަރ ކްރިޝްނަން ޝެޓްރީއެވެ.

މި އެގްރީމެންޓްގެ ދަށުން، ޔޫ.އީ.އެމް. ގްރޫޕުން 30 މަސް ދުވަހުގެ ތެރޭގައި، މަތި ދެކުނު ޕްރޮވިންސްގެ 15 ރަށެއްގައި ނަރުދަމާއާއި، 17 ރަށުގައި ފެނުގެ ނިޒާމް ޤާއިމްކޮށްދޭނެއެވެ. ޔޫ.އީ.އެމް. ގްރޫޕަކީ އެމެރިކާގެ ފްލޮރިޑާގައި ޤާއިމް ކުރެވިފައިވާ ފެނާއި، ނަރުދަމާއާއި، ވޭސްޓް ވޯޓަރ ޓްރީޓްމެންޓް އަދި ވޭސްޓް ވޯޓަރ ޑިސްޕޯސަލްގެ ޚިދުމަތް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ފޯރުވައިދޭ ކުންފުންޏެކެވެ.

މި އެއްބަސްވުމުގައި ސޮއި ކުރެއްވުމުގެ ރަސްމިއްޔާތުގައި، އަޕަރ ސައުތު ޔޫޓިލިޓީޒް ލިމިޓެޑްގެ ޗެއަރމަން އަޙްމަދު ޝަރީފް ނަފީސް ދެއްކެވި ވާހަކައިގައި، މި މަޝްރޫޢުގެ ސަބަބުން، އެ ޕްރޮވިންސްގައި ވަޒީފާގެ އިތުރު ފުރުޞަތު އުފެދި، އިޖްތިމާޢީ އަދި އިޤްތިޞާދީގޮތުން އިތުރު ކުރިއެރުން ލިބިގެންދާނެ ކަމުގައި ވިދާޅުވިއެވެ.