އެމްޑީޕީގެ ރެޖިސްޓްރާ ޖެނެރަލްގެ މަގާމަށް އަހްމަދު ޝާހިދު (ސާބެ)

24 އޮގަސްޓް 2009

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރެޖިސްޓްރާ ޖެނެރަލް ކަމުގެ މަގާމަށް މއ. ޗަބޭލީމާގޭ އަހުމަދު ޝާހިދު ހަމަޖެއްސުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމައިފިއެވެ.
އެމްޑީޕީގެ ރެޖިސްޓްރާ ޖެނެރަލް ކަމުގެ މަގާމަށް އަހުމަދު ޝާހިދު ހަމަޖެއްސީ ބުދަ ދުވަހުގެރޭ އޮތް ގައުމީ މަޖިލިހުގެ 72 ވަނަ ބައްދަލުވުމަށް ހާޒިރުވި މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ.
އަހުމަދު ޝާހިދު (ސާބެ) އަކީ އެމްޑީޕީން މިހާތަނަށް ބޭއްވި ދެ ކޮންގްރެސްގައާއި ޕާޓީގެ މެމްބަރޝިޕްއާ ގުޅޭ ކަންކަމުގައި ވަރަށް އިސްކޮށް ހަރަކާތްތެރިވެފައިވާ މެމްބަރެކެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ މެމްބަރެއްގޮތުގައި ސާބެ ހަމަޖެހިގެން ދިޔުމުން ޕާޓީގެ ހަރަކާތްތަކާ މުޅިން ދުރުގައި ހުންނެވިއެވެ. އިލެކްޝަންސް ކޮމިޝަންގެ މެމްބަރެއްގެ ގޮތުގައި ހުންނެވިއިރު އޭނާވަނީ އެ ކޮމިޝަނުގެ ނައިބް ރައީސްކަމުގެ މަގާމު ފުރުއްވާފައެވެ. ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގެ ކުރިން އިލެކްޝަން ކޮމިޝަންގެ މެމްބަރުކަމުން ސާބެ އިސްތިއުފާ ދެއްވާފައިވެއެވެ.