ރައީސުލްޖުމްހޫރިއްޔާ، ފަލަސްޠީން ސަފީރާއި މިސްރު ސަފީރާ މިއަދު ބައްދަލުކުރައްވައިފި

28 ޖުލައި 2010

hep-palestine

ފަލަސްޠީނު ސަފީރު ޑޮކްޓަރ އަންވަރް އަލްއަޣާ އާއި، މިސުރު ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު މިސްޓަރ ފައުޒީ މުޙަންމަދު އަލް ސަޢީދު ގޯހަރާ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ބައްދަލުކުރައްވައިފިއެވެ.

ފަލަސްޠީން ސަފީރާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދިވެހި ރައްޔިތުން އަބަދުވެސް ފަލަސްޠީން ރައްޔިތުން ދެކެނީ ވަރަށް ގާތް އަޚްވަންތަކަމުގެ ގުޅުމެއް އޮތް ބައެއްގެ ގޮތުގައި ކަމަށާއި، މިނިވަން ފަލަސްޠީން ދައުލަތެއް ބިނާކުރުމަށް ދިވެހި ސަރުކާރުން ވެދެއްވެން އޮތް ހުރިހާ އެހީއަކާއި އެއްބާރުލެއްވުމެއް ދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

މިސުރު ސަފީރާއެކު، ރައިސުލްޖުމްހޫރިއްޔާ ބޭއްވެވި ބައްދަލުކުރެއްވުމުގައި، މައިގަނޑުގޮތެއްގައި މަޝްވަރާ ކުރެއްވީ، ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން، މިހާރަށްވުރެ ބޮޑަށް ބަދަހި ކުރެއްވުމުގެ މައްޗަށެވެ. މިގޮތުން، ޚާއްޞަ ގޮތެއްގައި، ތަޢުލީމާއި، ވިޔަފާރިއާއި، ފަތުރުވެރިކަމުގެ ދާއިރާގައި ގުޅުން ބަދަހިކުރެއްވުމާބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ.

ރާއްޖޭގެ ތަރައްޤީއަށާއި ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މަސައްކަތްޕުޅުތަކަށް ފަލަސްޠީނު ސަފީރާއި މިޞުރު ސަފީރު މަރުޙަބާ ވިދާޅުވެ، އެމަސައްކަތްޕުޅުތަކަށް ކާމިޔާބީއަށް އެދިވަޑައިގެންނެވިއެވެ. އަދި މިނިވަންދުވަހުގެ ތަހުނިޔާ، ރައީސުލްޖުމްހޫރިއްޔާއަށާއި ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް އެބޭފުޅުން ފޮނުއްވިއެވެ.