28 ޖުލައި 2010
ފުވައްމުލަކުގައި ހުންނަ އެމްޑީޕީ އޮފީހުގެ ދިދައިގައި ބަޔަކު ރޭ އަލިފާން ރޯކޮށްލައި އަންދާލައިފިއެވެ. މިކަން ހިންގާފައިވަނީ ރޭ އެއޮފީހުގައި މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި އެއްވުމެއް ނިންމާފައި އެމްޑީޕީގެ މެންބަރުންނާއި އެޕާޓީއަށް ތާޢީދުކުރާ ފަރާތްތައް ގެއަށް ދިޔަ ފަހުންނެވެ.
އެއޮފީހުގައި މަސައްކަތް ކުރައްވާ މުވައްޒަފަކު މިއަދު ވިދާޅުވީ ރޭވަރަށް ދަންވަންދެން އޮފީހުގައި މީހުން ތިބި ކަމަށާއި، އެއޮފީހުގެ ދިދައިގައި އަލިފާން ރޯކޮށްލާފައިވަނީ އޭގެފަހުން ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ، މިއީ ބަޔަކު ގަސްދުގައި ކޮށްފައިވާ ވަރަށް ދަށުދަރަޖައިގެ ޢަމަލެއް ކަމަށާއި އެބަޔަކު އޮފީހުގައި ވެސް ރޯކޮށްލަން މަސައްކަތް ކޮށްފައިވާ ކަމުގެ ހެކިތައް ފެންނަން ހުރި ކަމަށެވެ. އަލިފާނުގެ މާބޮޑު ޙާދިސާއެއް ނުހިނގީ ރޭ ފުވައްމުލަކަށް ވިއްސާރަވުމުންކަމަށް ލަފާކުރެއްވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިމައްސަލަ ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން މިހާރު ގެންދަވަނީ ތަޙުޤީޤް ކުރައްވަމުންނެވެ. މިމައްސަލައިގައި އަދި މިހާތަނަށް މީހަކު ހައްޔަރުނުކުރާކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުވައްމުލަކުގައި ރޭ ބޭއްވި އެމްޑީޕީގެ އެއްވުމުގައި ޖުމްހޫރީ ޕާޓީ އާއި، ޑީއާރުޕީގެ ވަރަށް ގިނަ އަދަދެއްގެ މެންބަރުން އެމްޑީޕީއަށް ސޮއިކޮށްފައިވާ ކަމަށް ފުވައްމުލަކު އެމްޑީޕީ އޮފީހުން މަޢުލޫމާތު ދެއެވެ.