މި ޤައުމަށްޓަކައި ނޫން ގޮތަކަށް، ސިފައިންގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން އެއްވެސް އަމުރެއް ނުނެރުއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

28 ޖުލައި 2010

hep

މިޤައުމަށްޓަކައި ނޫން ގޮތަކަށް، ސިފައިންގެ އެންމެ މަތީވެރިޔާގެ ހައިސިއްޔަތުން އެމަނިކުފާނު އެއްވެސް އަމުރެއް ދިވެހި ސިފައިންނަށް ނުކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމް.އެން.ޑީ.އެފް.ގެ އޮފިސަރ ޓްރެއިނިން ވިންގް އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި އިއްޔެ ހެނދުނު މާލެ އަތޮޅު ގިރިފުށީގައި ވާހަކަފުޅު ދައްކަވަމުންނެވެ. “އަޅުގަނޑުގެ ބާރަށްޓަކައި، އަޅުގަނޑުގެ ވެރިކަމަށްޓަކައި، އަޅުގަނޑު ތިޔަބޭފުޅުންގެ ގާތުގައި ދަންނަވާނެ އެންމެ ވާހަކައެއްވެސް ނޯންނާނެ.” ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ، ދިވެހި ސިފައިންނާ މުޚާޠަބު ކުރައްވަމުން ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސިފައިންގެ އޮފިސަރުން ރާއްޖެއިން ބޭރުން ތަމްރީނު ކުރެއްވުމުގެ ބަދަލުގައި ރާއްޖޭގައި އެތަމްރީނުތައް ދެއްވައި އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރެއްވުމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ.

މި މޭރުމުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ދިވެހި ސިފައިންގެ އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރެއްވުމަށާއި، މުޅި ސިފައިންގެ ތަރައްޤީއަށް ކުރައްވަންޖެހިވަޑައިގަންނަވާ މަސައްކަތްތައް، މުޅި ރާއްޖޭގެ ތަރައްޤީގެ ޖުމްލަ މަސައްކަތްތަކެއްގެ ގޮތުގައި، ޤައުމީ ތަރައްޤީގެ އެހެނިހެން މަޝްރޫޢުތަކާ އެކުލަވާލައްވައިގެން، ފުށުނާރާ އިންތިޒާމެއްގެ ތެރެއިން ސަރުކާރަށް ހިންގެވެން އެބައޮތްކަމުގައި ވިދާޅުވިއެވެ.

ގިރިފުށިގައި އިއްޔެ އިފްތިތާޙް ކުރެވުނު އޮފިސަރ ޓްރެއިނިންގ ސެންޓަރަކީ، ހަމައެކަނި ދިވެހި ސިފައިން ތަމްރީނު ކުރެވޭ ތަނެއްގެ ގޮތުގައިވުމުގެ ބަދަލުގައި، މުޅި މިސަރަޙައްދުން ސިފައިން ތަމްރީނު ހޯދަން އަންނަތަނަކަށް ވެގެންދިޔުމަށް އެމަނިކުފާނު ގެންގުޅުއްވާ ތަޞައްވުރު ހާމަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ މިއަދު ދެއްކެވި ވާހަކަފުޅުގައި، ދިވެހި ސިފައިންގެ ތާރީޚަށާއި، ރާއްޖޭގެ ތަރައްޤީއާއި އެއްހަމައެއްގައި ސިފައިންގެ ޚިދުމަތް ތަރައްޤީ ވަމުން އައިސްފައިވާ ގޮތުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. މީގެއިތުރުން، މި ސަރުކާރު ހިންގެވުމާ ހަވާލުވެވަޑައިގެންނެވިފަހުން ދިވެހި ސިފައިންގެ ޚިދުމަތް ތަރައްޤީ ކުރެއްވުމަށް ގެންގުޅުއްވާ ސިޔާސަތުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އޮފިސަރ ޓްރެއިނިންގ ވިންގް އިފްތިތާޙްކޮށްދެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ، އެމް.އެން.ޑީ.އެފް.ގެ އޮފިސަރ ޓްރެއިނިން ވިންގްގެ ނަންބޯޑު ކަޝްފުކޮށްދެއްވައި، އެ ވިންގްގެ ދިދަ ނަންގަވައިދެއްވިއެވެ. އަދި އޮފިސަރ ޓްރެއިނިން ވިންގްގެ އާޢިމާރާތުގެ ބިންގާ އެމަނިކުފާނު އަޅުއްވައިދެއްވިއެވެ.