ރައީސް ނަޝީދުގެ ފުރަތަމަ ވަޢުދު ފުއްދަވައި ދެއްވުމާއި ގުޅިގެން ބާއްވާ ހިނގާލުން.

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ވެވަޑައިގެންނެވި ފުރަތަމަ ވަޢުދު ފުއްދަވައިދެއްވިފައިވާތީ އެކަމުގެ އުފަލުގައި ޚާއްޞަ ހިނގާލުމެއް ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ.

ރައީސް ނަޝީދު ވެވަޑައިގެންނެވި ފުރަތަމަ ވަޢުދު ފުއްދަވައިދެއްވުމުގެ އުފަލުގައި އެމްޑީޕީގެ ޤައުމީ މަޖިލީހާއި، ދާއިރާތަކާއި، ގޮފިތަކާއި، އަންހެނުންގެ ރޫޚާއި ޒުވާނުންގެ ހިތްވަރާއި އާއްމު މެންބަރުން ގުޅިގެން ބާއްވާ އުފާފާޅުކުރުމުގެ ހިނގާލުން އޮންނާނީ މާދަމާރޭ (26 ޖުލައި 2013 ވާ ހުކުރު) 10:00 ގައި އުސްފަސްގަނޑުން ނެވެ. އަދި ހަމަ އެރޭގެ އެވަގުތުތަކުގައި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި އެމްޑީޕީގެ ހަރުގެތަކުން އުފާފާޅު ކުރުމުގެ ހިނގާލުން ކުރިއަށް ގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދު މިފަހަރުގެ އިންތީޚާބްގެ ފުރަތަމަ ވަޢުދަކަށްވީ އެމަނިކުފާނުގެ ނަން މިފަހަރުގެ އިންތިޚާބްގެ ވޯޓް ކަރުދާސް ކޮޅުގައި އޮންނާނެ ކަމުގެ ވަޢުދެވެ. ރައީސް ނަޝީދު މި މޭރުމުން ތަކުރާރުކޮށް އެތައް ފަހަރަކު ވަޢުދުވަމުން ގެންދެވީ ރާއްޖޭގައި ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު މަދު ފުލުހުންނާއި މަދު ސިފައިންގެ ބަޔަކު ބޭނުންކޮށްގެން ބަޣާވާތަކުން ވެރިކަން ވައްޓާލުމަށްފަހު އެމަނިކުފާނުގެ މައްޗަށް ޤާނޫނީ އިމުން ބޭރުގައި ޝަރީއަތް ހިންގާ އެމަނިކުފާނު ދިގުމުއްދަތަކަށް ޖަލައް ލުމަށް ބާޣީންގެ ލީޑަރުން އާއްމުކޮށް ތަކުރާރުކޮށް އިޢުލާން ކުރަމުންދިއުމާއި ގުޅިގެންނެވެ.

ރައީސް ނަޝީދު ވެވަޑައިގެންނެވި ފުރަތަމަ ވަޢުދު ފުއްދަވައި ދެއްވައިފައިވާތީ އެކަމާ އުފާފާޅުކުރުގެ ގޮތުން ބާއްވާ މި ހިނގާލުމުގައި އެމްޑީޕީގެ އެންމެހާ މެންބަރުންނާއި އެމްޑީޕީގެ ސަޕޯޓަރުންނާއި އަދި ހެޔޮއެދޭ ފަރާތްތަކުން ބައިވެރިވެ ދެއްވުމަށް ޕާޓީގެ ފަރާތުން ދަޢުވަތު އަރުވައެވެ.