“1 ލައްކަ ރުފިޔާގެ 3 ބޯޑިންގޕާސް” ދޫކުރަން މިއަދު ފަށާނެ

ލިޔުނީ: ޝަހީދާ

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު އަންނަ ރިޔާސީ އިންތިޚާބުގައި އެއްބުރުން ހޮވުމަށްޓަކައި އައްޑޫ ސިޓީ އެމްޑީޕީގެ ކެމްޕެއިން ޓީމުން އިންތިޒާމް ކޮށްގެން “1 ލައްކަ ރުފިޔާގެ 3 ބޯޑިންގޕާސް” ދޫކުރުން މިއަދު(25 ޖުލައި 2013)ން ފެށިގެން އޯގަސްޓް މަހުގެ 9ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ހުޅުވާލާފައިވާ ކަން އައްޑޫ ސިޓީގެ “އެއްބުރުން” ކެމްޕެއިން ޓީމުން މައުލޫމާތު ދެއްވިއެވެ.

މިފަހަރު މި ދޫކުރާ ކޮންމެ ބޯޑީންގްޕާހެއްގެ އަގަކީ 1 ލައްކަ ރުފިޔާކަމުން މި “1 ލައްކަ ރުފިޔާގެ 3 ބޯޑިންގޕާސް” އެންމެ ފުރަތަމަ އެދިވަޑައިގަންނަވާ 3 ބޭފުޅުންނަށް ދޫކުރާގޮތަށް ހަނމަޖައްސާފައިވާ ކަމަށްވެސް ކެމްޕެއިން ޓީމުން މައުލޫމާތު ދެއްވިއެވެ.

“1 ލައްކަ ރުފިޔާގެ 3 ބޯޑިންގޕާސް” ލިބިވަޑައިގަންނަވާނީ އައްޑޫ ސިޓީގެ ކެމްޕެއިން ޓީމުގެ ފަންޑު ކޮމިޓީގެ ޗެއަރ އަބްދުލް ޙަމީދު (7771941) އާ ގުޅުއްވުމުންކަމަށްވެސް ކެމްޕެއިން ޓީމުން މައުލޫމާތު ދެއްވިއެވެ.

“1 ލައްކަ ރުފިޔާގެ 3 ބޯޑީންގޕާސް” ހޯއްދަވާ ބޭފުޅުންނަށް އައްޑޫ ސިޓީގެ އެމްޑީޕީގެ މެމްބަަރުންނާއި، ސަޕޯޓަރުން ހިތުގެ އަޑިން އެބޭފުޅުން ޤަބޫލުކޮށް ބަލައިގަންނާނެ ކަމާއި، އެ ބޭފުޅުންނަށް އައްޑޫ ސިޓިގެ “އެއްބުރުން” ކެމްޕެއިންގައި ބައިވެރިވުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނެ ކަމާއި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަރިއަހުގަ އައްޑޫ ސިޓީގެ ކެމްޕެއިން ދަތުރުތަކުގައި ބައިވެރިވެވަޑައިގެންނެވޭނެ ކަމަށްވެސް ކެމްޕެއިން ޓީމުން މައުލޫމާތު ދެއްވިއެވެ.

ރައީސް ނަޝީދު އެއްބުރުން ހޮވުމަށްޓަކައި އައްޑޫ ސިޓީއިން އިންތިޒާމް ކޮށްގެން މި ނިމިދިޔަ ޖޫން މަހުވެސް ވަނީ “ބޯޑިންގޕާސް އެއްބުރުން” މި ނަމުގައި މާލޭގައި ހަރަކާތްތަކެއް ފައްޓާފައެވެ. އަދި “ 1 ލައްކަ ރުފިޔާގެ 3 ބޯޑީންޕާސް” މިއީވެސް “ބޯޑިންގެޕާސް އެއްބުރުން”ނާއި ގުޅުން ހުރި ހަރަކާތެއް ކަމުގައިވެސް އައްޑޫ ސިޓީގެ ކެމްޕެއިން ޓީމުން މައުލޫމާތު ދެއްވިއެވެ.