އިނގިރޭސި އެއްވެސް ސިޔާސީ ފަރާތަކާއި ޤައުމީ ޕާޓީ ގެ ވަފްދުން ބައްދަލުކުރިކަން އެނގިވަޑައިގެންފައި ނުވާކަމަށް ޑރ. ފަރަހަނާޒް ފައިސަލް ވިދާޅުވެއްޖެ

27 ޖުލައި، 2010

farhanaz

ރާއްޖޭގެ ސިޔާސީ މަސްރަހާއިބެހޭގޮތުން އިނގިރޭސި ވިލާތުގެ ސިޔާސީ ފަރާތްތަކުގައި ޝަކުވާ ކުރުމަށް އިނގިރޭސިވިލާތަށް ދިޔަ ޤައުމީ ޕާޓީގެ ވަފުދުން އިނގިރޭސި ވިލާތުގެ ސިޔާސީ އެއްވެސް ބޭފުޅަކާއި ބައްދަލުކުރެއްވިކަމުގެ ކުޑަނަމަވެސް މައުލުމާތެއް ލިބިވަޑައިގެންފައިނުވާކަމަށް އިނގިރޭސި ވިލާތުގައި ހުންނަވާ ރާއްޖޭގެ ހައިކޮމިޝަނަރ ޑރ.ފަރަހަނާޒް ފައިޞަލް ވިދާޅުވެއްޖެއެވެ.

ޑރ. ފަރަހްނާޒް ފައިޞަލް ވިދާޅުވީ އިނގިރޭސި ވިލާތަކީ ރާއްޖޭގެ ކަންކަމަށް ވަރަށް ޚާއްޞަ ސަމާލުކަމެއްދޭ ޤައުމެއް ކަމަށާއި އެފަދަ ބައްދަލުވުންތަކެއް ކުރިއަށް ގެންދެވިނަމަ ކޮންމެވެސް ގޮތަކުން އެކަމުގެ މައުލޫމާތު ރާއްޖޭގެ ހައިކޮމިޝަނަރު ގެ ހައިޞިއްޔަތުން އެކަމަނާއަށް ލިބިވަޑައިގަންނަވާނެކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

” އަޅުގަނޑު ނުދަންނަވަން ބައްދަލު ނުކުރައްވާކަމަކަށް. ނަމަވެސް އިނގިރޭސި ވިލާތުގެ އެއްވެސް ދުވަހުނޫހެއްގައި ޝާޢިއުކޮށްފައެއް ނެތް. އަދި އެއްވެސް ޓީވީ ޗެނެލަކުން ވެސް ހާމަކުރިކަން އެނގިފައެއް ނެތް” ކަމަށްވެސް ފަރަހަނާޒް ވިދާޅުވިއެވެ.

ޤައުމީ ޕާޓީގެ ރައީސް ޑރ. ހަސަން ސަޢީދު އާއި އެޕާޓީގެ އިސްވެރިންގެ ވަފުދެއް އިނގިރޭސި ވިލާތަށް ދަތުރެއް ކުރެއްވިކަމަށާއި ސިޔަސީ ފަރަތްތަކާއިއެކު މަޝްވަރަތައް ކުރެއްވިކަމަށް އެ ޕާޓީ އިން ހާމަކޮށްފައިވާ އެއްވެސް ޚަބަރެއްގައި އެފަދަ ބައްދަލުވުމެއްގެ ފޮޓޯއެއް ވެސް އަދި ބޭރުގެ ސިޔާސީ ފަރާތަކާއެކު ބައްދަލުކުރި ކަމުގެ ސާފުހެއްކެއް ލިބޭފަދަ އެއްވެސް ޑޮކިއުމެންޓެއް އަދި ޝާޢިއުކޮށްފައެއް ނުވެއެވެ.