“ނެތޭ ވެވޭކަށް ބާޤީއަކަށް” ޝިޢާރުގެ ދަށުން ރަނިންމޭޓް ޑރ. މުސްތަފާ ލުތުފީ ވަނީ ހުޅުމާލޭގައި ރޭ ޖަލްސާއެއް ބާއްވައިފިއެވެ. މޫސުން ކިތަންމެ ގޯސް ނަމަވެސް ވަރަށް ގިނަ އަދަދެއްގެ ރައްޔިތުން ހާޒިރުވި މިޖަލްސާ ބާއްވައިފައިވަނީ ހުޅުމާލޭ އެމްޑީޕީ ޖަގަހައިގައެވެ.
ޖަލްސާގައި ވާހަކަ ދައްކަވަމުން ރަނިންމޭޓް ޑރ. މުސްތޮފާ ލުތުފީ ވަނީ ކެމްޕެއިން ކުރަމުންދާ ޝިއާރު ކަމުގައިވާ “ނެތޭ ވެވޭ ބާޤީއަކަށް” ހުޅުމާލޭގެ ރައްޔިތުންނަށް އޮޅުންފިލުވައިދީފައެވެ. މިގޮތުން ރައީސްކަމަށް އަރާހުރި ޑރ. ވަހީދު ފަދައިން ގައުމަށް ޚިޔާނާތްތެރިވެ އިންތިހާބު ކުރި ރައްޔިތުންގެ ނިންމުމާއި ދެކޮޅަށް މަސައްކަތް ނުކުރާނެކަމުގެ ޔަގީންކަންދެއްވިއެވެ. އަދި ގައުމީ އިއްތިހާދު ޕާޓީ އުފެއްދެވުމުގައި ވެސް ޑރ. ވަހީދު އަމަލުކުރައްވާފައިވާ ގޮތުން ހަގީގީ ލީޑަރުންގެ ސިފައެއް ނުފެނުނު ކަމަށް ވިދާޅުވިއެވެ.
ސަރުކާރުގެ މެނިފެސްޓޯ އާއި ދެކޮޅަށް ނައިބު ރަައީސްކަމުގައި ހުންނަވައި ޑރ. ވަހީދު މަސައްކަތްކުރެއްވި ކަމަށް އިޝާރާތް ކުރައްވަމުން ރައްޔިތުންނަށް ޚިދުމަތްކުރުމަށްވުރެ ގިނަ މިނިސްޓަރު ކަން ގައުމީ އިއްތިހާދު ޕާޓީއަށް ހޯދުމަކީ އެބޭފުޅާގެ ސިޔާސަތަށް ވީމާ އެޕާޓީން ވަކިވެ އެމްޑީޕީ އާއި ގުޅިވަޑައިގެންނެވި ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުންވެސް މިހާރު ކެމްޕެއިންގައި ކުރަމުންދާ ދަތުރުގައި ބަޤާވާތުގެ ވާހަކަ ދައްކަން ޖެހެނީ މިހާރު އެކަންތައް ކުރި މީހުން އެކަމުން ސަލާމަތްވެ ރައްޔިތުންނަށް އޮޅުވާލަން މަސައްކަތްކުރާތީ ކަމަށް ވިދާޅުވިއެވެ. ބޮޑު ބަޖެޓެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުންވެސް މިހާރުގެ ސަރުކާރުން ރާއްޖެއަށް ތަރައްޤީ ގެނައުމަށް ފެއިލްވެ ރާއްޖެ ބިކަވެފައިވާކަން ހަނދުމަފުޅުކޮށްދެއްވިއެވެ.
ރައްވެހިވެފައިވާ ރަށް ނޫން އެހެން ރަށްރަށުގައި ވޯޓު ލާ މީހުން ރެޖިސްޓްރީ ކުރުމުގެ މުހިންމުކަމަށް އަލިއަޅުވައިލައްވަމުން އެކަމުގައި އިދިކޮޅު ފަރާތްތަކުން މަކަރު ހަދަމުންދާ ކަމަށް ވިދާޅުވިއެވެ. އެމީހުން ހަދަމުންދާ މަކަރުތަކުން ސަލާމަތްވުމަށް އަބަދުވެސް ރެޖިސްޓްރީ ޗެކް ކޮށް، އަލުން ރެޖިސްޓްރީ ކުރަން ޖެހޭ ފަރާތްތަކުން އެކަންތައް އަވަސް ކުރުމަށް ޑރ. މުސްތޮފާ ލުތުފީ އިލްތިމާސް ކުރެއްވިއެވެ.
ހުޅުމާލޭގައި ބޭއްވުނު މިޖަލްސާގައި މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރ މާރިޔާ އަހްމަދު ދީީދީ ވެސް ވާހަކަފުޅު ދެއްކެވިއެވެ. މިގޮތުން 2008 ވަނަ އަހަރު އައު ގާނޫނު އަސާސީ އެއް ގެނައީ ވަރަށް ފޮނި އުއްމީދެއްގައި އަނިޔާވެރިކަން ފޮހޮލުމަށްޓަކައި ކަމަށް މާރިޔާ ވިދާޅުވިއެވެ. އެހެންނަމަވެސް މިހާރު ފެންނަނީ ބަޤާވާތާއެކު އެ ހުރިހާ ކަމެއް ނައްތާލަން މަސައްކަތްކުރާ ކަމަށް ވިދާޅުވިއެވެ. އަދި މީގެ އިތުރުންވެސް ޖުޑީޝަލް ސަރވިސް ކޮމިޝަންގައި އިދިކޮޅު ރިޔާސީ ކެނޑިޑޭޓެއް އިންނަވާ މައްސަލާގައި ފާޑު ވިދާޅުވިއެވެ.
ރޭ ބޭއްވުނު ޖަލްސާގައި ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް އާއި ބާރަށު ދާއިރާގެ މެންބަރު ޝިފާޒް އަދި މާލޭގެ މޭޔަރ މައިޒާން އަލިމަނިކު ވެސް ވާހަކަފުޅު ދެއްކެވިއެވެ. ޖަލްސާ ނިމިގެން ދިޔައީ ހުޅުމާލޭ އެމްޑީޕީ ޖަގަހައިގައި ބަހައްޓައިފައިވާ ބިލްބޯޑް ރަނިންމޭޓް ޑރ. މުސްތޮފާ ލުތުފީ އިފްތިތާހް ކުރެއްވުމުންނެވެ.