މާލޭގައި ދިރިއުޅޭ އެހެން އަތޮޅުތަކުގެ ރައްޔިތުންގެ 23522 މީހުން އެކުލެވިގެންވާ ލިސްޓުތައް އެދާއިރާއެއްގެ ކޯޑިނޭޓަރުންނާއި ރޭ ހަވާލުކުރެވުނު

މާލޭގައި ދިރިއުޅޭ އެހެން އަތޮޅުތަކުގެ ރައްޔިތުންގެ ލިސްޓުތައް ދާއިރާތަކުގެ ރައީސުން އަތޮޅުތަކުގެ ކޯޑިނޭޓަރުންނާއި ހަވާލުކުރުމުގެ ރަސްމިއްޔާތު ދަރުބާރުގޭ ފާޝަނާ މާލަމުގައި ރޭ (23 ޖުލައި) ބާއްވައިފިއެވެ. އެގޮތުން 23522 މީހުންގެ ލިސްޓު އަތޮޅުތަކުގެ ކޯޑިނޭޓަރުންނަށް ވަނީ އަރުވާފައެވ.

މި ރަސްމިއްޔާތުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދާއި އެމަނިކުފާނުގެ ރަނިންގމޭޓް ޑރ.މުސްތަފާ ލުތުފީއާއި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނާއި ކޯޑިނޭޓަރުންނާއި، ރައީސް ނަޝީގެ ކެމްޕެއިން އޭޖެންޓުން ބައިވެރިވެވަޑައިގެންފައިވެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދުގެ ވާހަކަފުޅު ބިނާ ކުރެއްވީ ވޯޓް ރެޖިސްޓްރޭޝަންގެ މުހިންމުކަމާއި ގުޅޭ ގޮތުންނެވެ. އެގޮތުން 30000 މީހުން ސީދާ އެމްޑީޕީ އިން ރަޖިސްޓްރީ ކުރެވޭނެ ކަމަށް އުންމީދުކުރައްވާކަމަށާއި އާ ޖޯޝަކާއެކީ މިމަސައްކަތުގައި އެންމެހާ ބޭފުޅުން އުޅުއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި ދުވަސް ގާތްވަމުން އަންނަ މިންވަރަކަށް ސިޔާސީ މައިދާން އެމްޑީޕީއާއި އެއްކޮޅަށް އޮލަނބު ވަމުންދާ ކަމަށް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ދިވެހި އެތައް ރައްޔިތުންނެއް އުމްރާއަށް ނުދެވުމުގެ ހިތި ތަޖުރިބާ ކުރަން ޖެހިފައިވަނީ ބަޣާވާތުގެ ސަރުކާރުގެ ހާރިޖީ ސިޔާސަތު ފޭލް ވުމުން ކަމަށާއި އެމްޑީޕީގެ ސަރުކާރެއްގައި ރާއްޖޭގެ ހާރިޖީ ސިޔާސަތު އަލުން އިސްލާހު ކުރައްވާ ބައިނަލްއަގްވާމީ މައިދާނުގައި ދިވެހިރާއްޖެއަކީ އިހްތިރާމް ލިބިގެންވާ ގައުމެއް ކަމުގައި ހައްދަވާދެއްވާެނެކަމަށް ވައުދުވެ ވަޑައިގެންނެވިއެވެ. އަދި ކުރިއަށް އޮތް ހަފްތާ ތެރޭގައި އެމްޑީޕީގެ ހާރިޖީ ސިޔާސަތު ނެރެދެއްވާނޭކަމަށް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ޑރ.މުސްތަފާ ލުތުފީ، އެބޭފުޅާ ހދ، ށ، އަދި ނ އަތޮޅުގެ ރަށްތަކަށް ކުރެއްވި ‘ނެތޭ ވެވޭއަކަށް ބާގީ އަކަށ’ް ކެމްޕޭންއަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ދެކުނެކޭ އެއްފަދައިން އުތުރުގައިވެސް އެމްޑީޕީގެ ތާއީދު އިތުރު ވެފައިވާކަމަށް އުފަލާއެކު ފާހަގަ ކުރެއްވިއެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރެވޭނެ ކަމުގެ އުންމީދު އާކުރެއްވިއެވެ.