26 ޖުލައި 2010
ލިޔުނީ: ފުނަމާ
މީލާދީން ހާހާނުވަސަތޭކަ ފަންސަހައްޓީގެ ޖުލައިމަހުގެ 26 ދުވަހަކީ ދިވެހި ރާއްޖޭގެ ތާރީޚްގައި އާސަފްޙާއެއް ލިޔެވެންފެށި ދުވަހެކެވެ. ޒަމާން ތަކަކަށް ރާއްޖޭގެ ޚާރިޖީ މިނިވަންކަން ގެއްލިފައި އޮތުމަށްފަހު އިނގިރޭސީންގެ ހިމާޔަތުގެ ދަށުން ދިވެހި ރާއްޖެ މިނިވަންވެ ފުރިހަމަ މިނިވަން ޤައުމެއްގެ ގޮތުގައި ދިވެހި ރާއްޖެ ލިޔެވިގެންދިޔައީއެވެ. ބައިނަލް އަޤްވާމީ ދުނިޔެއަށް ދިވެހިރާއްޖެ ތަސައްރަފު ފުދި އަމިއްލަ ޙާލުގައި ހިނގައިގަތުމުގެ ފުރުސަތު ލިބުނީއެވެ.
މިނިވަންކަމަށް 3 އަހަރު ފުރުމާއެކު ދެން ފެނިގެން ދިޔައީ ރާއްޖޭގައި އޮތް ރަސްކަން ޖުމްހޫރިއްޔަތަކަށް ބަދަލުވެގެން ދިޔަތަނެވެ. އަނެއްކާވެސް ތާރީޚުގެ އާސަފްޙާއެއް ލިޔެވެން ފެށީއެވެ. ކުރީން ދިވެހީން ކުރުމުއްދަތެއްގައިދުށް ޖުމްހޫރިއްޔަތަކީ ދިވެހީން ބޭނުން ނިޒާމްކަމުގައި ސިއްކަ ޖެހުނީއެވެ.
ރާއްޖެއަށް މިނިވަންކަން ހޯއްދަވައި ދެއްވި ބަޠަލް އެއިރުގެ ވަޒީރުލް އައުޒަމް އިބްރާހީމް ނާސިރު ތަނަވަސް އަޣްލަބިއްޔަތަކުން ރާއްޖޭގެ ދެވަނަޖުމްހޫރިއްޔަތުގެ ރައީސުލް ޖުމްހޫރިއްޔާގެ މަޤާމަށް ދިވެހީން އިސްކުރީ 1968 މ ގެ ނޮވެމްބަރ މަހުގެ 11 ވަނަދުވަހުއެވެ.
ދިވެހީންނަށް މިނިވަންކަން ލިބުމަށްވުރެ ބޮޑަށް ނާސިރުގެ 10 އަހަރުގެ ވެރިކަން ސިފަވެފައިވަނީ ދިވެހި ރާއްޖެއަށް މިނިވަންކަން ލިބިފައިވާ އަހަރުތަކެއްގެ ގޮތުގައެވެ. ރާއްޖެ ބައިނަލް އަޤްވާމީ ދުނިޔެއަށް ތަޢާރަފްވެ އިޤްތިސާދީގޮތުން މުހިންމު ލަނޑުދަނޑިތަކެއް ނާސިރުގެ ވެރިކަމުގައި ރާއްޖެ ޙާސިލްކޮށްފައިވެއެވެ. ބައިނަލްއަޤްވާމީ ވައިގެ ބަނދަރާއި ރޭޑިޔޯ ޓީވީއާއި މިފަދަ މުހިންމު ކިތަންމެ ކަމެކެވެ. މަސްވެރިކަން ކުރާ އުޅަނދުފަހަރުގައަ އިންޖީނުއެޅުމާއި ރާއްޖޭގެ ފަތުރުވެރިކަން ތަޢާރަފުވެގެން ދިޔައެވެ. އޯލެވެލް އިމްތިހާނުގައި ރާއްޖޭގެ ދަރިވަރުން ރާއްޖޭގައިތިބެ ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެއްވިއެވެ. މިހެންގޮސް ރާއްޖޭގެ ކިތަންމެ ކިތަންމެ ކަމެއް ނާސިރުގެ ޒަޢާމަތުގައި ފެށިގެން ކުރިޔަށް ގޮސްފައިވެއެވެ. 10 އަހަރުގެ ތެރޭގައި އެއިރު ރާއްޖެއޮތް ހާލަތާ ބަލާއިރު އެލިބުނު ކުރިއެރުންތަކަކީ ނާސިރުގެ ހަރުދަނާ ސިޔާސަތު ފިސާރި ރަނގަޅަށް ސާބިތުވެގެން ދިޔަކަމެކެވެ.
ނާސިރުގެ މޭސްތިރިކަމުގައި ރާއްޖެއަށް ބޭރުފައިސާ ސުމާރެއްނެތް މިންވަރަށް ވަނުމަށް ހުޅުވާލަދެއްވި ދޮރުތަކާއެކު 1978 މ ގެ ނޮވެމްބަރު 11 ގައި ރާއްޖޭގެ ވެރިކަމާ ހަވާލުވީ މައުމޫނެވެ. މިވެރިކަމުގެ ފުރަތަމަ 5 އަހަރު ނާސިރުގެ ނަން ރާއްޖެއިން ފޮހެލުމަށް ރެޔާދުވާލު ނުނިދައި ކިރިޔާ ފިރުކެވޭ ކުޑަކުދީންނަށް ދާންދެން މަގުމައްޗަށްނެރުނެވެ.
ނަމަވެސް މިވެރިކަމުގެ އަނިޔާވެރިކަން ހައްދުފަހަނަޅައި ދިއުމުން ދިވެހީން ދުލެއް ނުކުރިއެވެ. ޕޯޗުގީޒުން ރާއްޖެ ހިފައިގެން ތިބިއިރު ކުރި އަނިޔާތަކަށްވުރެ ބޮޑެތި އަނިޔާ ދެމުންދިޔަ އަނިޔާވެރި ވެރިކަން ދިވެހީން ނިމުމަކަށް ގެނައީ ޤާނޫނީގޮތުން ވޯޓުލައިގެން 2008 ނޮވެމްބަރު 11 ގައެވެ. ވެރިކަމާ ފިސާރިކެރިގެން ރައްޔަތުންގެ ލޯތްބާއިއެކު ޙަވާލުވެ ވަޑައިގަތީ މިހާރުގެ ރައީސް ނަޝީދެވެ. ދުލުގެ މިނިވަންކަން ޙަޤީޤީ މިނިވަންކަން ދިވެހީން ދެކެމުންއައި ހުވަފެން ހަޤީޤަތަކަށް ވެގެން ދިޔައީ ކަމުގައި ހީކުރެވެން ފެށިއެވެ. ނަމަވެސް މިއަދު ލިބިފައިވާ މިނިވަންކަމުގެ ބޭނުން ކުރަމުން މިގެންދަނީ 30 އަހަރުގެ ވެރިކަމުގައި ބަގުޑިލައިގެން ފައިސާ ފުނިފުނި އެއްކޮށް ގޭގުދަނަށް ލައިގެންތިބި ޚިޔާނާތްތެރީންނެވެ.
ފުރިހަމަ ޑިމޮކްރެސީއަކީ ލޭއޮހޮރުމެއްނެތި އޯވަރ ނައިޓަކުން ލިބޭނެ އެއްޗެއްނޫނެވެ. ޑިމޮކްރެސީގެ ފުރިހަމަ ފައިދާ ޤައުމުގެ އެންމެންނަށް ލިބި ޤައުމުގެ ތަނަވަސްކަން އެންމެންނަށް އެއްމިންވަރަކަށް ލިބިގެންދާތަން ފެނުމަކީ ޚުދުމުޚުތާރު ސިޔާސީ ވެރީންނަށް ހަޖަމު ކުރެވޭނެ ކަމެއްނޫނެވެ. މިއަދު ދިވެހި ރާއްޖެއިން މިފެންނަނީ އެޙަޤީޤަތެވެ. ފިސާރި ސާބިތުވެ ދިވެހި ރައްޔަތުން ނުތިބެއްޖެނަމަ މިސަރުކާރު ވައްޓާލައި އަނެއްކާވެސް ޚުދުމުޚުތާރު ޚާއިނުން މިޤައުމުގެ މައްޗަށް ސަވާރުވާނެއެވެ. މިއަދު ފުރިހަމަ މާނައިގައި ލިބިފައިމިވާ މިނިވަންކަން ދެމެހެއްޓޭނީ އެތައް އަހަރަކަށް މިޤައުމުގައި މުޑުވައްކުރެވި މުޅިބިމުގައި މޫފަތުރާފައިވާ ކޮރަޕްޝަން ކޮރަޕްޝަނަށް ވާގިދޭންތިބި ހުރިހާ އެންމެން ނެރެމިޤައުމުން ސާފުކޮށްގެންނެވެ. އެހެންކަމުން މިއަދު ސަރުކާރުން މިފަށާފައިވާ ކޮރަޕްޝަނާ އިދިކޮޅު ހަނގުރާމަ ފިސާރި ވަރުގަދަކޮށް ކުރިޔަށް ގެންދިއުމަށް މިކުރިމަތިލާ މިނިވަންދުވަހު ދިވެހި ޤައުމަށްލޯބިހުރި ކޮންމެ ދިވެހި ރައްޔިތަކު އަޒުމު ކަނޑައަޅާން އެބަޖެހެއެވެ. ފުރިހަމަ މާނައިގައި މި 18 ވަރަކަށް މަސްދުވަހު ދިވެހީން މިހިއްސާކުރި މިނިވަންކަން ދެމެހެއްޓުމަށް އާއުންމީދުތަކެއް އާކޮށް ފިސާރި ސާބިތުވާން ޖެހޭނެއެވެ. މިނިވަންކަން ލިބުނުތާ 45 އަހަރު މިޤައުމު ފާހަގަކުރާ ދުވަހަކީ މިޤައުމުގެ ރައްޔަތުންނަށް ފުރިހަމަ މިނިވަންކަން ލިބުނުތާ އަދި ގާތްގަނޑަކަށް 1 އަހަރާ 7 މަހާ 14 ދުވަސް ހަމަވާ ދުވަސް ނަމަވެސް މިޤައުމުގެ ޚާއިނުންގެ ލޯތަކުން އެހެރަ ބުރުވާ އަލިފާން ކަނިތައް ނިކަންދެކި އެއިއުލާނުކުރާ ނުރައްކާތެރި އިންޒާރުތަކާމެދު ޣާފިލުވެގެން ނުވާނެއެވެ.