މަތި ދެކުނު ޕްރޮވިންސްގެ ކޮލަމާފުށީ ގައި އެމްޑީޕީގެ އޮފީހެއް ހުޅުވައިފި

26 ޖުލައި 2010

1

މަތި ދެކުނު ޕްރޮވިންސްގެ ގއ.ކޮލަމާފުށީގައި މިއަދު ހަވީރު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އޮފީހެއް ހުޅުވައިފިއެވެ.
މި އޮފީސް ހުޅުއްވައިދެއްވީ ކޮލަމާފުށީގައި މިއަދު ފެށި ހައުސިންގ ޕްރޮޖެކްޓް ފައްޓަވައިދެއްވުމަށް އެރަށަށް ވަޑައިގެން އުޅުއްވާ، މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އަދި މޯލްޑިވްސް ސޯޝަލް ލިބަރަލް ޕާޓީގެ ޑެޕިއުޓީ ލީޑަރު އަލްއުސްތާޛް ޙަސަން ލަތީފް އެވެ.
މި އޮފީސް ހުޅުއްވައިދެއްވުމަށް ފަހު މިނިސްޓަރ ދެއްކެވި ވާހަކަ ފުޅުގައި މިއަދުގެ ސަރުކާރަށް ވަރަށް ބޮޑަށް ތަޢުރީފް ކުރައްވައި ވާހަކަފުޅުދެއްކެވިއެވެ. އަދި އެމަނިކުފާނަކީ އެހެން ޕާޓީއެއްގެ ޑެޕއުޓީ ލީޑަރުގެ މަޤާމް ފުރުއްވަމުން ގެންދަވާ ބޭފުޅެއް ނަމަވެސް އެމަނިކުފާނުގެ ދާއިރާއިން ކަންތައްތައް ކުރުމުގައި މި ސަރުކާރުން ވަރަށް ބޮޑަށް އެއްބާރުލުން ދެއްވާ ކަމަށާއި، މިސަރުކާރާއި އެކު މަސައްކަތްކުރައްވަނީ ވަރަށް ހިތްޕުޅު ހަމަޖެހިވަޑައިގެން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އަދި އެމްޑީޕީގެ އޮފީހެއް ކޮލަމާފުށީގައި ހުޅުވުމުގެ ސަބަބުން ޕާޓީގެ ހަރަކާތްތައް ރަށުގައި އިތުރަށް ފުޅާވެ، އޭގެ މަންފާ މުޅިރަށަށް ލިބޭނޭ ކަމަށް އުއްމީދުކުރައްވާ ކަމަށް މިނިސްޓަރ ޙަސަން ލަތީފް ވިދާޅުވިއެވެ.
ކޮލަމާފުއްޓަކީ އާބާދީގެ ނިސްބަތުން އެމްޑީޕީގެ މެންބަރުން އެންމެ ގިނަ އެއްރަށެވެ. އަދި ފެށުނީއްސުރެ އެމްޑީޕީއަށް ވަރަށް ބޮޑަށް ތާޢީދުކުރާ ރައްޔިތެއް ދިރިއުޅޭ ރަށެކެވެ. ކޮލަމާފުށީގައި ތިބި އެމްޑީޕީގެ މެންބަރުންގެ އަދަދު 491 ގައި އުޅޭއިރު އެރަށުގައި އެމްޑީޕީގެ 8 ގޮފި ހަރަކާތްތެރިވެއެވެ.