23 އޮގަސްޓް 2009
ރަނގަޅަށް މަސައްކަތްކުރާ އަދި ކަމަށް އެކަށީގެންވާ، ޤާބިލް އަށާރަހާސް މުވައްޒަފުން ތިބެގެން، ދިވެހި ސަރުކާރު ކިތަންމެ ފުރިހަމައަކަށްވެސް ހިންގޭނޭ ކަމުގައި ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިދިޔަ ހުކުރު ދުވަހު ދިވެހި ރައްޔިތުންނާ މުޚާތަބުކޮށް ރައީސް ދެއްވި ރޭޑިއޯ ޚިޠާބުގައެވެ.
ރައީސް ނަޝީދުގެ ވާހަކަފުޅުގައި އަނބުރާ ނުދެއްކޭ ޙާލަތުގައި، ދަރަންޏަށް ފައިސާ ދޭނެ ބަޔަކު ހޯދަން ދަތިވާނޭ ކަމަށާއި އެހެންކަމުން ލިބޭ މިންވަރުން އުޅެވޭނެ ގޮތެއް ހޯދަން ޖެހޭ ހިނދު އެ ބަދަލު ގެނައުމަށްޓަކައި ސަރުކާރުން ނިންމުމަށް ގަސްދުކޮށްފައިވަނީ ސަރުކާރު މުވައްޒަފުންގެ ޢަދަދު އަށާރަހާސް މީހުންނަށް ތިރިކުރަން ކަމުގައި ވިދާޅުވިއެވެ.
“އަޅުގަނޑުމެން، ހަތް ބިލިއަން ރުފިޔާ ލިބޭ ބަޔަކު، ފަސް ބިލިއަން ރުފިޔާ (ސަރުކާރު މުވައްޒަފުންގެ) މުސާރައަށް ޚަރަދުކޮށް، ދެންހުރި ހުރިހާ އެއްޗެއް ދަރަންޏަށް ނަގަމުން ނަގަމުން ނަގަމުން ގެންދެވޭނީ ކިހާ ދުވަހެއްގައިތޯ؟ އަނބުރާ ނުދެއްކޭހާ ޙާލަތުގައި، އަޅުގަނޑުމެންނަކަށް ދަރަންޏަށް ފައިސާ ދޭނެ ބައެއްވެސް ހޯދަން ދަތިވާނެ. އެހެންވީމާ، އަޅުގަނޑުމެން އެބަޖެހޭ، އަޅުގަނޑުމެންނަށް ލިބޭ މިންވަރުން އުޅެވޭނެ ގޮތެއް ހޯދަން.” ރައީސް ވިދާޅުވިއެވެ. “އެބަދަލު ގެނައުމަށްޓަކައި ސަރުކާރުން މި ނިންމަނީ، ސަރުކާރު މުވައްޒަފުންގެ ޢަދަދު އަށާރަހާސް މީހުންނަށް ތިރިކުރަން. ރަނގަޅަށް މަސައްކަތްކުރާ، ރަނގަޅަށް މުސާރަ ދެވިފައި ތިބި، ޤާބިލު، ކަމަށް އެކަށީގެންވާ، ރައްޔިތުންނަށް ޚިދްމަތްކޮށްދޭ އަށާރަހާސް މުވައްޒަފުން ތިބެގެން، ދިވެހި ސަރުކާރު ކިތަންމެ ފުރިހަމައަކަށްވެސް ހިންގޭނެ.”
2011 ވަނަ އަހަރާއި ހަމަޔަށް ސަރުކާރު މުވައްޒަފުންގެ އަދަދަށް ބަދަލު ގެނެވޭނެ ކަމަށާއި ސަރުކާރުން ދެކެނީ، ސަރުކާރުގެ ތެރޭގައި ހުރި ވިޔަފާރީގެ އުޞޫލުން ހިނގާ ކަންކަން ފާހަގަކޮށް، އެކަންކަން ވިޔަފާރީގެ އުޞޫލުން ހިންގުމަށް ދޫކޮށްލުން ނުވަތަ ކޯޕަރަޓައިޒް ކުރުމަށް ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. މީގެ އިތުރުން ސަރުކާރުގެ ވަޒީފާއިން ކޮންމެހެން ވަކިކޮށްލަން ޖެހޭ ފަރާތްތަކަށް ގަނޑުކޮށް ދޮޅުލައްކައެއްހާ ރުފިޔާ ދެއްވުމަށް ސަރުކާރުން ވިސްނަމުންދާ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
ދިވެހިންނަށް ވަޒީފާގެ ފުރުޞަތު ފަހިކުރުމަށްޓަކައި ބައެއް ގިންތީގައި މަސައްކަތްކުރާ ބޭރު މީހުންގެ މަސައްކަތުގެ އަގު ދިވެހިންގެ އަގާ އެއްހަމައަކަށް ގެންނަން ޖެހޭ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ. މިގޮތުން ވަރކް ޕަރމިޓް ފީއެއް ނަގައި، ބޭރު މީހުން ބައެއް ބާވަތުގެ މަސައްކަތްތައް ރާއްޖޭގައި ކުރުމުގެ އަގު ބޮޑުކުރުން އެއީ، ސަރުކާރުގެ ސިޔާސަތެއް ކަމަށާއި އެގޮތަށް އެކަން ކުރުމުން ސަރުކާރުން ދޫކޮށްލެވޭ ވަރަށްގިނަ ބަޔަކަށް ވަޒީފާގެ ފުރްޞަތުތައް ޕްރައިވެޓް ސެކްޓަރުގައި ހުޅުވިގެންދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން އަޅަން ގަސްދުކުރާ ފިޔަވަޅު ތަކާ ބެހޭ ގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް އެމްޑީޕީން ފެއްޓެވި ޕްރޮގްރާމް އިފްތިތާޙް ކޮށްދެއްވަމުންވެސް ރައީސް ނަޝީދު ވަނީ މިމޭރުމުން ވާހަކަފުޅު ދައްކަވާފައެވެ. މިޕްރޮގްރާމް ފެއްޓެވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ބާއްވާފައި ވަނީ ކަލާފާނު ސްކޫލް ގައެވެ.