މާލޭގައި ދިރިއުޅޭ އެހެން އަތޮޅު ތަކުގެ ރައްޔިތުންގެ ލިސްޓުތައް އެދާއިރާތަކާއި ޙަވާލު ކުރުން މިރޭ އޮންނާނެ.

މާލޭގައި ދިރިއުޅޭ އެހެން އަތޮޅު ތަކުގެ ރައްޔިތުންގެ ލިސްޓުތައް އެދާއިރާތަކާއި ޙަވާލު ކުރުން މިރޭ(23 ޖުލައި 2013) އޮންނާނެއެވެ.

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން ރިޔާސީ އިންތިޚާބަށް ކެމްޕޭން ކުރުމުގައި މާލޭގައި ދޮރުންދޮރަށް ހިނގުމުގެ ޕްރޮގްރާމްގައި ފަހަގަ ކުރެވިފައިވާ މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންގެ މައުލޫމާތު އެއަތޮޅުތަކުގެ ކެމްޕޭން ކޯޑިނޭޓަރުންނާއި ހަވާލުކުރުން މިރޭ ދަރުބާރުގޭ ފާށަނާ މާލަމުގައި އޮންނާނެއެވެ. މިރަސްމިއްޔާތުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދާއި އެމަނިކްފާނުގެ ރަނިންގމޭޓް ޑރ. މުޞްޠަފާ ލުޠުފީއާއި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން އަދި އެމްޑީޕީގެ ޤައުމީ މަޖިލިގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

ތިލަދުންމަތީ އުތުރާއި ދެކުނުބުރީގެ ލިސްޓުތަކާ ހަވާލުވެވަޑައިގަންނަވާނީ ކުރީގެ އެޑިއުކޭޝަން މިނިސްޓަރ ސިފާ މުޙައްމަދުއެވެ. މިލަދުންމަދުންމަޑުލު ދެކުނުބުރިއާއި،ފާދިއްޕޮޅު އަދި މާޅޮސްމަޑުލު ދެކުނުބުރީގެ ރަށްތަކުގެ ލިސްޓުތަކާ ހަވާލުވެވަޑައިގަންނަވާނީ ކުރީގެ ފޮރިން މިނިސްޓަރ އަޙްމަދު ނަސީމެވެ. މާޅޮސްމަޑުލު އުތުރު ބުރިއާއި، މިލަދުންމަޑުލު އުތުރުބުރިއާއި ހައްދުންމަތީގެ ފޯމުތަކާއި ޙަވާލުވެވަޑައިގަންނަވާނީ މައްޗަންގޮޅި އުތުރުދާއިރާގެ މެމްބަރު މަރިޔާ އަޙްމަދު ދީދީއެވެ. ކޮޅުމަޑުލުގެ ލިސްޓުތަކާއި ޙަވާލުވެވަޑައިގަންނަވާނީ ކުރީގެ ހައުސިންގ މިނިސްޓަރ މުޙައްމަދު އަސްލަމްއެވެ. މާލެ އަތޮޅުގެ ފޯމުތަކާއި ޙަވާލުވެވަޑައިގަންނަވާނީ ކުރީގެ ސްޓޭޓް މިނިސްޓަރ އިރުފާން ޒަކީއެވެ. އަލިފް އަތޮޅާއި ފެލިދެ އަތޮޅުގެ ލިސްޓުތަކާއި ޙަވާލުވެވަޑައިގަންނަވާނީ މުޙައްމަދު ޝަފީގެވެ. މުލަކު އަތޮޅާއި ނިލަންދެ އަތޮޅުގެ ލިސްޓުތަކާއި ޙަވާލުވެވަޑައިގަންނަވާނީ ކުރީގެ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުޙައްމަދު ޝިހާބުއެވެ. ހުވަދު އަތޮޅުގެ ލިސްޓުތަކާއި ޙަވާލުވެވަޑައިގަންނަވާނީ ކުރީގެ މިނިސްޓަރ އޮފް ހެލްތް އާމިނަތު ޖަމީލެވެ. އައްޑޫ ސިޓީގެ ލިސްޓުތަކާ ޙަވާލުވެވަޑައިގަންނަވާނީ ކުރީގެ ސްޓޭޓް މިނިސްޓަރ އަބްދުﷲ ޝާހިދެވެ. އަދި ފުވައްމުލަކުގެ ލިސްޓުތަކާ ޙަވާލުވެވަޑައިގަންނަވާނީ ކުރީގެ ޑިފެންސް މިނިސްޓަރ އަމީން ފައިސަލްއެވެ.