ނޭޝަނަލް ބްލަޑް ބޭންކް ގައި ބެލެހެއްޓެމުން ގެންދެވުނު އެތަކެއް ލޭކޮތަޅު ކުނިވެގެން އުކާލުމާއި ގުޅިގެން، ގަވާއިދުން ލޭ އަޅަން ޖެހޭ އެތަކެއް ކުދީންނަށް ލޭ ނުލިބިގެން، އެކުދީންނާއި މައިންބަފައިން ވަނީ 21 ޖުލައި 2013 ވަނަ ދުވަހުގެ ރެއިން ފެށިގެން އިހުތިޖާޖް
ކުރަންފަށާފައެވެ.
ތެލަސީމިއާގެ ފަރުވާ އެމްޑީޕީން ހަމަޖައްސަމުން ގެންދިއައީ އާސަންދަ ތެރެއިން ބަލިކުދިންނަށް ހުރިހާ ސާމާނެއް ސަރުކާރުން ހިލޭ ދެއްވާ ނިޒާމެއް ތަޢާރަފްކުރައްވައި އަދި ލާމަރުކަޒު ކުރެވުމާއިއެކު ހެލްތު ކޯޕަރޭޝަން ތަކުން އެކަންކަން ބަލަހައްޓަވާ އުޞޫލުންނެވެ. ރައްޔިތުންގެ މަޖިލީޙުގެ އިޖްތިމާއީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މިޕާޓީގެ މެމްބަރުން ފާހަގަކުރައްވާގޮތުގައި މާލޭގައި ހުންނަ މަރުކަޒުން ކުރީގައޮންނަގޮތަށް ތެލަސީމިއާ ފަރުވާގެ ނިޒާމް ބަދަލުކޮށްލެއްވީ މިހާރުގެ ބާގީ ސަރުކާރާޢި ބައިއަތު ހިއްޕަވައިގެން ތިއްބެވި ޑީއާރުޕީގެ މެމްބަރުންނެވެ.
ނޭޝަނަލް ބްލަޑް ބޭންކަށް މީގެ ދެމަހެއް ކުރީންވެސް ހަމަ މިމައްސަލާ މެދުވެރިވެފައި ވާތީ، މިކަމަކީ ތެލަސީމިއާ ފަރުވާގެ ނިޒާމު ކުރީގެ ބޯދާގޮތަށް ބަދަލުކޮށްލައި، މުސްކުޅިޢިމާރާތެއްގައި އެކަން ކުރިއެކޭ އެއްގޮތަށް ކުރިއަށް ގެންދިއުމާ، ބެކަޕް ސިސްޓަމެއް ގެންނާނެ ފުރުޞަތު ލިބި އެކަމާވެސް ބާގީ ސަރުކާރުން އަގަލެއްނެތި އިހުމާލުވެފައިވާތީ ކަން ފާހަގަ ވެއެވެ. ގާވައިދުން ލޭ އަޅަންޖެހޭ ނިކަމެތި ކުދީންތަކަކަށް މިބޮޑު އިހުމާލުން ލިބެމުން އެދާ ކެކުޅުމާއި ގެއްލުމުގެ ޒިންމާ “ތެލަސީމިޔާ ބިލް” ގެ ނަމުގައި އެކަން ކުރީގެ ނިޒާމަށް އަނބުރާލެއްވި ޑީއާރުޕީ އާއި އެޕާޓީން ބައިއަތުހިއްޕަވައިގެން ތިއްބެވި ބާގީ ސަރުކާރުން އުފުއްލަން ޖެހޭނެކަމުގައި މިޕާޓީން ދެކެމެވެ.
ދައުލަތުގެ މުއައްސަސާތައް ބާގީ ސަރުކާރުގެ އިހުމާލާއި އަނިޔާވެރިކަމާއި ސިޔާސީ ދަހިވެތިކަމުގައި އެދަނީ ފޭލްވަމުންނެވެ. އެކަންކަމާއި، އަދުލު އިންސާފުގެ ނިޒާމާއި، ގަރުބަގަތީއްސުރެ މުޅި ޢުމުރަށް ކޮންމެ ދިވެއްސަކު ހިތްހަމަޖެހުމާއި އެކު ބޭސްފަރުވާއާއި މެދު ހާސްނުވެ އުޅެވޭނެ ސިޔާސަތުތައް މާތް އަމުރާއި އިރާދަފުޅުން ރިޔާސީ އިންތިޚާބު އެމްޑީޕީން “އެއްބުރުން” ކާމިޔާބު ކުރުމާ އެކު ފަހިކުރެވިގެން ދާނެއެވެ.
ނޭޝަނަލް ބްލަޑް ބޭންކާއި ތެލަސީމިޔާ ސެންޓަރުން ދެއްވާ ފަރުވާގެ ޚިދްމަތްތައްކަމުގައިވާ ކްރޮސް މެޗިންގް އާއި ލޭ ނެންގެވުމާއި ލޭބޭނުން ޕޭޝަންޓުންޓަށް ލޭ އެޅުއްވުމުގެ ކަންކަން ހައްލުކުރައްވައި ކުރިއަށް ގެންދެވުމަށް ވަގުތުން ކުރެއްވޭނެހުރި އެންމެހާ ކަންކަން ކުރެއްވުމަށް، ކަމާގުޅުންހުރި ދައުލަތުގެ މުއައްސަސާތަކަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން ގޮވާލަމެވެ.
ބަޔާނެ ނެރުނީ: އެމްޑީޕީ ސެކްރަޓޭރިއަޓުން.