20އޮގަސްޓް 2009
ރައީސުލްޖުމްހީރިއްޔާ އަކީ އެމްޑީޕީގެ ޤައުމީ މަޖިލީހާއި، ޤައުމީ ހިންގާ ކޮމިޓީ އާއި، ކޮންގްރެސްގެ މެންބަރަކަށް ހެދުމަށް ޤައުމީ މަޖިލިސްގެ ގަރާރަކުން ފާސްކުރެއްވައިފިއެވެ.
ޤައުމީ މަޖިލީހުގެ ގަރާރުގައި ބުނަނީ “ދވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ 4 ވަނަ ރައީސްއަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކަމަށް ވީހިނދު؛ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިންތިޚާބުތައް ކާމިޔާބުކޮށްފައި ވަނީ ޕާޓީގެ ހުރިހާ މެންބަރުން އެވޯޓެއްގައި ޝާމިލްވާގޮތަށް ބޭއްވި ވާދަވެރި އިންތިޚާބުތަކުން ކަމަށް ވީހިނދު؛ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ޤައުމުގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް ވީ ހިނދު؛ ޕާޓީގެ ޤައުމީ މަޖިލީހާއި ޤައުމީ ހިންގާ ކޮމިޓީއާއި ކޮންގްރެސްގެ މެންބަރަކަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ނުވާ ހިނދު؛ މަލްޓި ޕާޓީ ނިޒާމަކުން ރާއްޖޭގެ ވެރިކަން ކުރަމުންދާ އިރު، ވެރިކަން ކުރާ ޕާޓީ އާއި ރައީސުލްޖުމްހޫރިއްޔާ އާއި ދެމެދު ހުސްކަމެއް އޮތްކަމަށް ތަޖުރިބާއިން ދައްކާ ހިނދު؛ ވަގުތީ ގޮތުން މިކަން ހައްލުކުރެވޭނެ އުސޫލަކީ ރައީސުލްޖުމްހޫރިއްޔާއަކީ މި ޕާޓީގެ ޤައުމީ މަޖިލީހާއި ޤައުމީ ހިންގާކޮމިޓީ އާއި އަދި ކޮންގްރެސްގެ މެންބަރަކަށް ހެދުންކަމަށް ފެންނަ ހިނދު؛ އެމްޑީޕީގެ އަސާސީ ޤަވާއިދުގެ 18 ވަނަ މާއްދާއިން ބާރު ލިބިގެން ދެން އަންނަ ކޮންގްރެސްގެ ރުހުން ހޯދާގޮތަށް، ރައީސުލްޖުމްހީރިއްޔާ އަކީ މި ޕާޓީގެ ޤައުމީ މަޖިލީހާއި، ޤައުމީ ހިންގާ ކޮމިޓީ އާއި، ކޮންގްރެސްގެ މެންބަރަކަށް ހެދުމަށް” އެވެ.
ޤައުމީ މަޖިލީހުގެ މެންބަރު ފުރަހަނި ޝުޢައިބު ޢަލީ، ހުށަހަޅުއްވާ ޤައުމީ މަޖިލީހުގެ މެންބަރު އަދި ށ. ދާއިރާގެ ރައީސް އަސްލަމް ޝާކިރު ތާއިދުކުރައްވައިފައިވާ މިގަރާރު ވަނީ. 19 އޮގަސްޓް 2009 ވީ ބުދަ ދުވަހުގެރޭ އޮތް ގައުމީ މަޖިލިހުގެ 72 ވަނަ ބައްދަލުވުމަށް ހާޒިރުވި މެމްބަރުންގެ އަޣްލަބިއްޔަތުން ފާސްވެފައެވެ.