އިންޑިޔާ-މޯލްޑިވްސް ފްރެންޑްޝިޕް ފެސްޓިވަލް ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވައިފި

25 ޖުލައި 2010

އިންޑިޔާ-މޯލްޑިވްސް ފްރެންޑްޝިޕް ފެސްޓިވަލް، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ހުޅުއްވައިދެއްވައިފިއެވެ. މި ފެސްޓިވަލް ހުޅުއްވައިދެއްވުމަށް ރޭ ދަރުބާރުގޭގައި ބޭއްވެވި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުންގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ވަޙީދުގެ ދެކަނބަލުންނާއި އިންޑިޔާގެ މަޝްހޫރު ފިލްމީ ތަރި ސަލްމާން ޚާނާއި ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާއި ރާއްޖޭގައި ހުންނަވާ އިންޑިޔާގެ ސަފީރު ބައިވެރިވެވަޑައިގެންނެވިއެވެ.

މި ހަފްލާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އިންޑިޔާއަކީ ޒަމާނުއްސުރެ ރާއްޖެއާ ގާތްގުޅުމެއް އޮންނަ ޤައުމެއްކަން ފާހަގަކުރެއްވިއެވެ. އަދި ސަލްމާންޚާން ރާއްޖެ އައުމަށް ދަޢުވަތު ދެއްވީ، އޭނާއަކީ ހަމައެކަނި މަޝްހޫރު ފިލްމް ތަރިއަކަށްވާތީ ނޫންކަމަށާއި، އޭނާ އިންސާނިއްޔަތަށްޓަކާ ކުރާ މަސައްކަތުގެ ސަބަބުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސަލްމާންޚާން ރާއްޖެއަށް ޒިޔާރަތްކޮށް، މި ފަދަ ޕްރޮގްރާމެއް އިފްތިތާޙްކޮށްދިން ކަމަށްޓަކައި، އޭނާއަށް ރައީސް ޝުކުރު އަދާކުރެއްވިއެވެ.

ރޭގެ ޙަފްލާގައި ސަލްމާންޚާން ރާއްޖެ ގެނައުމަށް ސްޕޮންސަރ ކޮށްދީފައިވާ ފަރާތް ކަމުގައިވާ ޖީ.އެމް.އާރު ކުންފުނީގެ ފަރާތުން ރާއްޖެއަށް ދޭ ދިހަ ސްކޯލަރޝިޕްވެސް އިޢުލާނު ކުރެވުނެވެ.

އިންޑިޔަން ހައިކޮމިޝަނާ އިންޑިއާ ކްލަބް ގުޅިގެން ބާއްވާ މި ފެސްޓިވަލަކީ، ރާއްޖެއާއި އިންޑިޔާއާ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން ބާއްވާ ފެސްޓިވަލެކެވެ.