ނޫސް ބަޔާން: ސިޔާސީ ޕާޓީތަކުގެ މެދުގައި ވާހަކަތައް ފެށުމާ ގުޅިގެން އެމްޑީޕީ އިން ނެރޭ ނޫސް ބަޔާން

25 ޖުލައި 2010

ކޮރަޕްޝަނާއި، ފަސާދައާއި ރިޝްވަތުގެ ތުހުމަތުތަކާ ގުޅިގެން ކިލަނބުވެފައިވާ، ރާއްޖޭގެ ސިޔާސީ މަސްރަހް ހަމަޔަކަށް އަޅުވައި، ބިނާކުރަނިވި ގޮތަކަށް ގައުމުގެ އެންމެހާ ކަމެއް ބައްޓަންކޮށް، ގައުމާއިގެން އަމާން ބަނދަރަކަށް ވާސިލްވުމަށް، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާ އިދިކޮޅު ފަރާތްތަކާމެދު ވާހަކަތައް ފެށިފައިވާ ވާހަކަ ދަންނަވަމެވެ.
އިދިކޮޅު ސިޔާސީ ފަރާތްތަކާއެކު އެމްޑީޕީ އިން މިފެށި މަޝްވަރާތަކުގައި އެމްޑީޕީގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ ޕާޓީގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ އާއި، ޕާލަމެންޓްރީ ގްރޫޕްގެ ރައީސް މޫސާމަނިކާއި، އެ ގްރޫޕްގެ ނައިބު ރައީސް މުޙައްމަދު އަސްލަމްގެ އިތުރުން، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ދެ މެންބަރުން ކަމަށްވާ ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު ޞޯލިޙް އާއި ބިލެތްދޫ ދާއިރާގެ މެންބަރު އަޙުމަދު ހަމްޒާ އެވެ.
ސުލްހައިގެ މޭޒު ޚިޔާރުކޮށް، މަޝްވަރާގެ އުސޫލުން ކަންކަން ނިންމުމަށް، ޕާޓީތަކުގެ މެދުގައި މިއަދު މިފެށި ސުލްހައިގެ ވާހަކަތަކާ ބެހޭ ތަފްސީލު އަދި ދެވެން ނެތް ނަމަވެސް މިޕާޓީ އިން އުއްމީދުކުރަނީ މިމަޝްވަރާތަކުގެ ސަބަބުން، ޤައުމުގެ ސިޔާސީ މަސްރަހަށް ދެމެހެއްޓެނިވި ފައިދާތަކެއް ކުރާނޭ ކަމުގައެވެ. އަދި މިޕާޓީ އިން ސިޔާސީ އެންމެހާ ފަރާތަތަކަށް މިގޮވާލަނީ ޤައުމުގެ ދުސްތޫރީ ނިޒާމު ފުނޑުފުނޑުވުމުގެ ފުރުޞަތު ނުދެއްވައި، އެންމެހާ މުއައްސަސާތަކުންނާއި ސިޔާސީ ޕާޓީތަކުން ވިސްނުންތެރިކަމާއެކު މަސައްކަތްކޮށް އިޚްލާޞްތެރިކަމާއި، އުޚުއްވަތްތެރިކަމުގެ ސިފަކުރިއަށް ނެރެ، މިނާޒުކު ދަނޑިވަޅުގައި، މިޤައުމުގެ ޙައްޤުގައި މަސައްކަތްކޮށްދެއްވުމެވެ.
ސަރުކާރާއި، އިދިކޮޅު ޕާޓީތަކާއިދެމެދު ވާހަކަތައް ފެށްޓެވުމަށް ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ގޮވާލެއްވި ގޮވާލެއްވުމަށް އިޖާބަދީ، ވާހަކަދައްކައިގެން ކަންކަން ހައްލުކުރުމަށް މިޕާޓީ އިން ކުރަމުންމިދާ މަސައްކަތަށް ފުރިހަމަ އެއްބާރުލުން ދެއްވައި، ކެތްތެރިކަމާއެކު ތިއްބެވުމަށް މި ޕާޓީގެ ލޮބުވެތި މެންބަރުންނަށް އިލްތިމާސްކުރަމެވެ.
މިފުރުޞަތުގައި ޕާޓީ އިން ކުރާ މިފަދަ އިލްތިމާސްތަކަށް ލޮބުވެތި މެންބަރުން ދެއްވާ ފުރިހަމަ އިޖާބައާއި، ޕާޓީއަށްޓަކައި މެންބަރުން ވެވަޑައިގަންނަވާ މަތިވެރި ޤުރުބާނީ ފާހަގަކޮށް، މިޕާޓީގެ އެންމެހާ ލޮބުވެތި މެންބަރުންނަށް ފަށްފަށުން ޝުކުރު ދަންނަވަމެވެ.
ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް