ގަދަބާރުން ވެރިކަން ބަދަލު ކުރުމަކީ ޤަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށާއި އިސްލާމްދީނުގައިވެސް ބަޣާވްތް ކުރާ މީހުންނާއި ދެކޮޅަށް ނުކުމެ އިސްލާޙް ކުރުމަށް ބާރު އަޅުއްވައިފައިވޭ- ޑރ. މުސްތަފާ ލުތުފީ

BPnbhqyCMAATQa0.jpg_large

ގަދަބާރުން ވެރިކަން ބަދަލު ކުރުމަކީ ޤަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށާއި އިސްލާމްދީނުގައިވެސް ބަޣާވްތް ކުރާ މީހުންނާއި ދެކޮޅަށް ނުކުމެ އިސްލާޙް ކުރުމަށް ބާރު އަޅުއްވައިފައިވާ ކަމަށް ރައީސް ނަޝީދުގެ ރަނިންގމޭޓް ޑރ. މުޞްޠަފާ ލުޠުފީ ވިދާޅުވިއެވެ. ޑރ. މުޞްޠަފާ ލުޠުފީ މިހެން ވިދާޅުވީ މިހާރު ރާއްޖޭގެ އެކިރަށްރަށަށް ކުރައްވަމުން ގެންދާ “ނެތޭވެވޭކަށް ބާޣީއަކަށް” ދަތުރުފުޅުގައި ހދ. ކުޅުދުއްފުށީފައި ރޭގެ(20 ޖުލައި 2013) ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ނަޝީދުގެ ރަނިންގމޭޓް ޑރ. މުޞްޠަފާ ލުޠުފީ ވިދާޅުވީ ކުޅުދުއްފުއްޓަކީ އެމަނިކުފާނުގެ ހަޔާތުގައި ވަރަށް މުހިއްމު ރަށެއް ކަމަށް ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ ތަޢުލީމީ ހަޔާތުގެ ކުރިއެރުމުގެ ފެށުމަކީވެސް ކުޅުދުއްފުށި ކަމަށް ވިދާޅުވިއެވެ. ޑރ. މުޞްޠަފާ ލުޠުފީ ކުޅުދުއްފުށީގައި ހޭދަކުރެއްވި 7 އަހަރު ދުވަހުގެ ތެރޭގައި އެރަށުގެ ރައްޔިތުންގެ ފަރާތުން ޑރ. މުޞްޠަފާ ލުޠުފީގެ އާއިލާއަށް ކުޅުދުއްފުށީ ރައްޔިތުން ދެއްވި އެއްބާރުލުމާއި އެހީތެރިކަމަށް އެރަށުގެ ރައްޔިތުންނަށް ޝުކުރު އަދާކުރެއްވިއެވެ.

ޑރ. މުޞްޠަފާ ލުޠުފީ ވިދާޅުވީ އެމްޑީޕީ ވެރިކަމަށް އައީ ބަޣާވަތް ކުރުމުގެ ސަޤާފަތް ނައްތާލައި ހެޔޮ ވެރިކަމެއް ކޮށްދިނުމަށް ކަމަށެވެ. އަދި ކުރީގައި ރާއްޖޭގައި އޮތީ މާލޭގައި ތިބޭ ބަޔަކު ބޭނުން ގޮތަކަށް ސަރުކާރާއި ތޮޅުން ކަމަށެވެ. އަދި ރައްޔިތުން ވެރިކަމަށް ބަޔަކު ގެންނަނީ ވަކި މުއްދަތެއްގައި ވެރިކަން ކުރަން ކަމާއި އެހެންނަމަވެސް އެ މުއްދަތު ހަމަނުވަނީސް ކަމަށް ވިދާޅުވިއެވެ.

ޑރ. މުޞްޠަފާ ލުޠުފީ ވިދާޅުވީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ދިނުމަށް ހުވާކޮށްގެން ދެމި ތިބިބަޔަކު ނުކުމެ ރައްޔިތުން ތަޅާ ޗިސްޗިސް ކުރަމުން ގެންދިޔަ މަންޒަރު ދިވެހިންގެ ލޯތަކުން ދެކިފައިވާ ކަމަށެވެ. އަދި އެމްޑީޕީން ބަޣާވާތާ އިދިކޮޅަށް ނުކުމެ އެންމެ ފުރަތަމަ ދުވަހުއްސުރެވެސް މި ކުރަމުންގެންދާ ތަފާތު މަސައްކަތްތަކަކީ ރައްޔިތުންނަށް އެކަމުން ލިބިފައިވާ ނަފްސާނީ ބިރުވެރިކަމުން ފިލުވައި ލުމަށް ކުރަމުންގެންދާ މަސައްކަތެއް ކަމުގައި ވިދާޅުވިއެވެ. އަދި ނަފްސާނީ ޢިލްމުވެރިންނާއި ޑޮކްޓަރުންގެ މަސައްކަތަކީވެސް ބިރުވެރިކަމުން ނުވަތަ އަނިޔާލިބިފައި ތިބި މީހުން އެކަމުން ނެރުމަށް މަސައްކަތް ކުރުން ކަމަށާއި އެމްޑީޕީވެސް ކުރަމުންގެންދާނީ އެފަދަ މަސައްކަތްތަކެއް ކަމުގައި ޑރ. މުޞްޠަފާ ލުޠުފީ ވިދާޅުވިއެވެ.

ޑރ. މުޞްޠަފާ ލުޠުފީ ވިދާޅުވީ ރައީސް ނަޝީދަކީ ޤައުމު ދެކެ ލޯބިވާ އިޙްލާޞްތެރިއެއް ކަމަށާއި އެފަދަ އެހެން ލީޑަރެއް މިއަދު މިޤައުމުން ފެންނަން ނެތްކަމަށެވެ. އަދި އެމްޑީޕީގެ މެނިފެސްޓޯ ފަދަ ފުރިހަމަ މެނިފެސްޓޯއެއްވެސް އަދިވެސް އެއްވެސް ލީޑަރެއް ހާމަކޮށްދެއްފައިވާ ނުވާ ކަމަށެވެ.

ރޭގެ ޖަލްސާގައި އެމްޑީޕީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކުގެ ވާހަކަފުޅުގައި މީގެ ކުރީގެ ދުވަސްތަކެއްގައި އެމަނިކުފާނަށް ކުރި އަނީޔާ ތަކުގެ ސަބަބުން މިއަދާ ހަމައަށްވެސް އެމަނިކުފާނުގެ އާއިލާއަށް ނަފްސާނީ އަނިޔާތަކެއް ތަޙައްމަލް ކުރަންޖެހިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މިފަހަރުގެ އިންތިޚާބް އެމްޑީޕީ ކާމިޔާބު ކުރާނީ އެއްބުރުން ކަމަށާއި އިދިކޮޅު ފަރާތްތަކުން ލަދުގަންނަވަރުގެ ނަތީޖާއެއް ނެރެވޭނެ ކަމަށް އުއްމީދު ކުރައްވާކަމަށް މޫސަ ވިދާޅުވިއެވެ.. އަދި ރައްޔޔިތުންނަށް އަނިޔާކޮށް ބަޣާވަތް ކުރި ފަރާތްތަކަށް ޙައްޤު އަދަބު ދިނުމަށް އެއްވެސް ހުރަހެއް ކުރިމަތިވެގެން ނުވާނެ ކަމަށް ވިދާޅުވިއެވެ. އަދި މި އިންތިޚާބްގެ ނަތީޖާ އޮޅުވާލުމަށް އެއްވެސް ބަޔަކު މަސައްކަތް ކޮށްފިނަމަ އެބަޔަކާއި އިދިކޮޅަށް ފިސާރި ސާބިތު ކަމާއެކު އެމްޑީޕީ ނުކުންނާނެ ކަމަށާއި އަދި އެކަމާއި ދެކޮޅަށް ކުރަންޖެހޭ ކޮންމެ ކަމެއް ކުރަން ތައްޔާރައް ހުންނެވި ކަމަށްވިދާޅުވިއެވެ.

މޫސަ ވިދާޅުވީ މި ޤައުމަށް ކުރިމަތިވެފައިވާ މުޞީބާތްތަކަކީ ބަޣާވާތުގެ ސަބަބުން ކުރިމަތިވާ ސުންޕާތައް ކަމަށާއި ދީނަށްޓަކައޭ ޤައުމަށްޓަކައޭ ގޮވައި ބަޔަކު ނުކުމެ ރައްޔިތުން މަގުފުރައްދާ ބަޣާވަތްކޮށް ތަރައްޤީ ހުއްޓުވާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ޖީއެމްއާރު ފޮނުވާލުމުންވެސް އިންޑިއާއަށް ލިބުނު ގެއްލުމެއް ނެތްކަމަށާއި ހުރިހާ ގެއްލުމެއް ލިބުނީ ދިވެހި ރައްޔިތުންނާއި ޤައުމަށް ކަމަށް މޫސަ ވިދާޅުވިއެވެ.

ރޭ ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މައްޗަންގޮޅީ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު މާރިޔާ އަޙްމަދު ދީދީ ދެއްކެވި ވާހަކަފުޅުގައި ބަޤާވަތް ކުރުމުގެ ސަބަބުން މުޅި ރާއްޖެއަށް ލިބުނު ގެއްލުމުގެ މައްޗަށް ބައްލަވައިލެއްވިއެވެ. އަދި އަދުލު އިންސާފުގެ ދާއިރާ އިސްލާޙް ކުރަން ކޮންމެހެންވެސް ޖެހޭކަމަށް ވިދާޅޫވެ ވާހަކަފުޅު ދެއްކެވިއެވެ. އަދި އުއްތަމަ ފަނޑިޔާރު ނެރުއްވަމުން އެގެންދަވާ ބަޔާންތަކުން ބާޤީން ބަލިވެއްޖެކަން ވަރަށް ރަނގަޅަށް ހާމަވެއްޖެކަން އެނގިގެން ހިނގައްޖެކަމަށް ވިދާޅުވިއެވެ. އަދި ބަޣާވަތާ ދެކޮޅަށް ނިކުތް މީހުން ޖަރީމާތަކެއް ހިންގި ކަމަށް ތުހުމަތުކޮށް އެފަރާތްތަކުގެ މައްސަލަތައް ބަލަމުންދާއިރު ފާޅުގައި ހާމަކަން ބޮޑު ގޮތެއްގައި ފުލުހުންނާއި ސިފައިން ހިންގާފައިވާ އެއްވެސް ޖަރީމާއެއް އަދި ރައްޔިތުންނަށް ކޮށްފައިވާ އެއްވެސް އަނިޔާއެއް ބަލަމުން ނުދާކަމަށް މާރިޔާ ދީދީ ވިދާޅުވިއެވެ.

މާރިޔާ އަޙްމަދު ދީދީ ވިދާޅުވީ ރައީސް ނަޝީދުގެ ރަނިންގމޭޓް ޑރ. މުޞްޠަފާ ލުޠުފީއަކީ ވަރަށް އިޙްލާޞްތެރި ބޭފުޅެއް ކަމަށެވެ. އަދި ޑރ. މުޞްޠަފާ ލުޠުފީ ބާޤީ ވަހީދު ހުށަހެޅުއްވި އެތައް ފުރުޞަތުތަކެއް ދޫކޮށްލެއްވީ ރައްޔިތުންގެ ސަރުކާރެއްގައި މެނުވީ ނުކުރެއްވުމުގެ ބޭނުމުގައެވެ. އަދި ރައްޔިތުންނާއި އެކުގައި މަގުމައްޗަށް ނުކުމެވަޑައިގެން އިންސާފު ހޯދުމަށް ޑރ. މުޞްޠަފާ ލުޠުފީ މަސައްކަތް ކުރައްވަމުން ގެންދެވީ ވަރަށް ސާބިތުކަންމަތީގައި ހުންނަވައިގެން ކަމަށް ވިދާޅުވިއެވެ.

ރޭ ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ހދ. އަތޮޅުގެ ކެންޕެއިން ކޯޑިނެޓަރ ޝިފާ މުޙައްމަދު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ބަޤާވާތާއި ދެކޮޅަށް އެމްޑީޕީން ކުރަމުންގެދާ މަސައްކަތުގައި ކުޅުދުއްފުށިން ލިބެމުންދާ ތަރުޚީބަށް އެރަށުގެ ރައްޔިތުންނަށް ޝުކުރު އަދާކުރެއްވިއެވެ. އަދި އެމްޑީޕީ ދެކެ އިދިކޮޅު ފަރާތްތަކުން ދެކޮޅުވެ ރުޅިއަންނަނީ ސަބަބަކީ އެމްޑީޕީއާ އެތައް ރައްޔިތުންނެއް ގުޅެމުންދާތީ ކަމަށް ޝިފާ ވިދާޅުވިއެވެ. އަދި މިހާރު ކުރެވެމުންދާ ކެންޕޭނާއި ރައީސް ނަޝީދަށް ވޯޓް ހޯދުމަށް މިހާރު ކުރަމުންގެންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް އެއްބާރުލުން ދެއްވުމަށް އެމްޑީޕީގެ މެންބަރުންނަށާއި ތާޢީދު ކުރައްވާ ފަރާތްތަކަށް ޝިފާ އިލްތިމާސް ކުރެއްވިއެވެ.