ރަށްވެހިވެފައިވާ ރަށްނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރެޖިސްޓަރީ ކުރެއްވުމަށް ބާރުއެޅުއްވައި އެމްޑީޕީގެ ކެމްޕޭން ހަރަކާތްތެރިންނަށް ރައީސް ނަޝީދު ފޯނުން މިއަދު ގުޅުއްވައިފި

ރަށްވެހިވެފައިވާ ރަށްނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރެޖިސްޓަރީ ކުރެއްވުމަށް ބާރުއެޅުއްވައި އެމްޑީޕީގެ ކެމްޕޭން ހަރަކާތްތެރިންނަށް ރައީސް ނަޝީދު ފޯނުން މިއަދު ގުޅުއްވައިފިއެވެ. ރައީސް މުޙައްމަދު ނަޝީދުގެ އޮފީހުގައި މާލޭ ދާއިރާގެ ރައީސުންނާއެކު ކެމްޕޭން ހަރަކާތްތެރިންނަށް ފޯނުން ގުޅުއްވައި ރަޖިސްޓްރޭޝަން މަސައްކަތް ކުރިއަށްދާ މިންވަރު ބައްލަވާލެއްވިއެވެ. އަދި އެމަސައްކަތް ބާރަށް ކުރިއަށް ގެންގޮސްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

ރަށްވެހިވެފައިވާ ރަށްނޫން އެހެން ރަށެއްގައި ވޯޓުލަށް ރަޖިސްޓަރީ ކުރުމުގެ އެންމެ ފަހު ތާރީޚަކީ 7 އޯގަސްޓު 2013 އެވެ. މީގެ ކުރީގެ އިންތިޚާބުތަކުގައި ވޯޓުލުމަށް ރަޖިސްޓަރީ ވެފައި ވީ ނަމަވެސް 2013ގެ ރިޔާސީ އިންތިޚާބަށް އަލުން ރަޖިސްޓަރީ ވާންޖެހެއެވެ. އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީ ކުރަން ހުށަހަޅަން ޖެހޭ ފޯމު އިލެކްޝަންސްގެ ވެބްސައިޓުންނާއި އެމްޑީޕީގެ ވެބްސައިޓު mdp.org.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެ އަދި އެބޭފުޅެއް ނިސްބަތްވާ ރަށެއްގެ ޖަގަހަ ތަކުންވެސް ރަޖިސްޓްރީ ކުރުމަށް އެހީތެރިވެދޭނެ. މީގެ އިތުރުން އިލެކްޝަންސް ކޮމިޝަނަށް ވަޑައިގެންވެސް ރަޖިސްޓްރީ ކުރެވޭނެއެވެ.