އެމްޑީޕީގެ ފެކްޓްފައިންޑިންގ ޓީމެއް މަތި ދެކުނު ޕްރޮވިންސަށް ފުރައިފި

24 ޖުލައި 2010

ލޯކަލް ކައުންސިލް އިންތިޚާބުތަކަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާ ފަރާތްތަކަށް ޓިކެޓް ދިނުމުގައި ޕާޓީ އޮފީހަށް އެހީތެރިވެދިނުމުގެ ގޮތުން އެމްޑީޕީގެ ފަރާތުން މަތިދެކުނު ޕްރޮވިންސަށް ފުރައިފިއެވެ.
ވިލިނގިލީ ދާއިރާ އާއި، ތިނަދޫ ދާއިރާ އަދި މަޑަވެލި ދާއިރާއަށް އެމްޑީޕީ އިން މިކުރާ ދަތުރުގައި އެ ޕްރޮވިންސްގެ ކޮލަމާފުށި، ވިލިނގިލި، ތިނަދޫ، މަޑަވެލި، ހޯޑެއްދޫ އަދި ނަޑެއްލާއަށް ޒިޔާރަތްކޮށް، އެރަށްރަށުން ލޯކަލް ކައުންސިލް އިންތިޚާބުތަކަށް ކުރިމަތިލުމަށް އެމްޑީޕީގެ ޓިކެޓް ހޯދުމަށް އެދިފައިވާ ފަރާތްތަކާ ބައްދަލުކޮށް، އެފަރާތްތަކުގެ ޝަރުތު ފުރިހަމަވޭތޯ ބައްލަވައި، ރަށްރަށުގައި އެފަރާތްތަކުގެ ތާޢީދު އޮތީ ކިހާވަރަކަށްތޯ ބައްލަވާނެއެވެ.
އެމްޑީޕީގެ ފަރާތުން ތިނަދޫ ދާއިރާއަށް ވަޑައިގެންނެވީ އެދާއިރާގެ މެންބަރު މުޙައްމަދު ޤަސަމް އެވެ. މަޑަވެލި ދާއިރާގެ 3 ރަށަށް ކުރައްވާ ދަތުރުގައި ވަޑައިގެންނެވީ މަޑަވެލި ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް އެވެ. ކޮލަމާފުއްޓާއި ވިލިނގިއްޔަށް ވަޑައިގެންނެވީ އެމްޑީޕީގެ ހީވާގި 2 މެންބަރުން ކަމަށްވާ މުޙައްމަދު ޝާހިދު (ޝާޑު) އާއި (މުންޑޫ) މުޙައްމަދު ފުޅު އެވެ.
ތިނަދޫ ދާއިރާ އާއި މަޑަވެލި ދާއިރާ އަށް ވަޑައިގެންނެވި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ 2 މެންބަރުން މިދިޔަ ބުރާސްފަތި ދުވަހު ފުރާވަޑައިގެންނެވި އިރު، ކޮލަމާފުއްޓާއި ވިލިނގިއްޔަށް ދިޔަ ޓީމް ފުރާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް މިފަދަ ފެކްޓްފައިންޑިންގ ޓީމްތައް ފޮނުވާގޮތަށް ހަމަޖެހިފައިވާ ކަމަށް އެމްޑީޕީ ކެމްޕެއިން ކޮމިޓީ އިން ބުނެއެވެ.