މެންބަރުންގެ ޚިޔާލު: ޤާނޫނު އަސާސީ ނެގެހެއްޓުން.! (3)

ލިޔުނީ: ފުނަމާ

ޤާނޫނުއަސާސީއިން ދައުލަތުގެ ތިންބާރުވަނީ ވަކިކުރެވިފައެވެ. މިހާރުއުފެދޭ ސުވާލަކީ އެންމެމަތީ ބާރަކީ ކޮބައިކަމެވެ. ޤާނޫނުހެދުމުގެ ބާރު ލިބިފައިއޮތީ ޝައްކެއްވެސްނެތި ރައްޔިތުންގެ މަޖިލިހަށެވެ. އެކަމަކު ޝަރުތަކާއެކުގައެވެ. ޤާނޫނުއަސާސީއާ ޚިލާފުނުވާގޮތަށެވެ. އަދުލުއިންސާފު ޤާއިމްކުރުމުގެ ބާރުއޮތީ ޝަރުޢީ ދާއިރާއަށެވެ. ޝަރުތަކީ އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނާއި ޚިލާފުނުވާގޮތަށެވެ. ވެރިކަންހިންގުމުގެބާރު އޮތީ ސަރުކާރަށެވެ. ޤާނޫނުއަސާސީއާ ޚިލާފުނުވާގޮތުން އެކުލަވާލާ ސިޔާސަތެއްގެ ދަށުންނެވެ. ސުވާލަކީ ކަން ހިނގަމުން މިދަނީ އެގޮތަށް ހެއްޔެވެ؟
ވެރިކަމުގެ ބާރުން ކަނޑައަޅާ ކަންކަމަށް ދަތިވާނެހާގޮތަށް ޤާނޫނުއަސާސީއަށް ބަލާނުލައި ހަދާފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކެއް ހަދައި ބުރުއްސަމުންދާނަމަ އެއަދާކުރަނީ އެއުރެންގެ ވާޖިބުކަމުގައި ބުނެވޭނެހެއްޔެވެ؟ ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނުއަސާސީއިން ލިބިދޭ ބާރުތައް ހަނިކުރުމުގެ ޙައްޤު އެމަޖިލީހައް ލިބިގެންވޭހެއްޔެވެ؟ ރިޝްވަތުގެ ނުބައި ފާސިޤު ކުލަތަކުން އެމަޖިލިސް ކުލަޖެހެމުންދާކަމަށް ބެލެވޭއިރު ފިޔަވަޅު އަޅާނެފަރާތަކީ ކޮބައިހެއްޔެވެ؟ ވަގުޑޮލަރު ގެންގުޅުމަކީ އިސްލާމްދީން ކޮންއިރަކު ހުއްދަކުރާ ކަމެއްހެއްޔެވެ؟ ނަމަވެސް ހަދާންޖެހޭ ޤާނޫނުތަކެއް ނުހަދައިވާއިރު އިސްލާމީ ޝަރީއަތެކޭބުނެ ވަގުޑޮލަރު ގެންގުޅޭ މީހުންނަށް އެކަންކުރުމުގެ އިޚްތިޔާރުދީ މައުސޫމު ބައެއްގެ ގޮތުގައި ދޫކޮށްލާ ޝަރީޢަތެއްގެ އިންސާފުވެރިކަމާމެދު ޝައްކުނުކުރިއްޔާ ދެން ކުރާނީ ކޮންއެއްޗެއްހެއްޔެވެ؟
ބާރުތައް ވަކިކުރެވިފައިވާއިރު ސަރުކާރާ ދައުލަތުގެ އެންމެ އިސްވެރިޔަކީ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ކަޅާހުދުން ޤާނޫނުއަސާސީގައި އެއޮތީލިޔެވިފައެވެ. އަދި ދައުލަތުގެ ކޮންމެ މުއައްސަސާއަކުން ކަމުގައިވީނަމަވެސް ޤާނޫނުގެ ވެރިކަން ދަމަހައްޓައި ޤާނޫނު ދަމަހައްޓާކަން ކަށަވަރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލާޒިމްކުރާކަމެކެވެ. މިކަން ކަށަވަރުކޮށްދީފައިވަނީ ސްކޫލްތަކުގެ ގްރޭޑް އެކެއްގެ ކޯރީޑަރ އަކުންނޫނެވެ. ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއިންނެވެ. ވީއިރު ރައީސުލްޖުމްހޫރިއްޔާއަށް އެމަޤާމު ލިބުމުން ބޮޑުއުނދޯލީގައި ކުރުއަތްމައްޗަށް އޮށޯވެލައިގެން ދުންގުޑުގުޑާ ބޯލަބޯލައި އޮވެވޭނެހެއްޔެވެ؟

އޮޅޭހިސާބަކީ މިއީއެވެ. އިސްލާމީ ޤައުމެއްގައި ވަލީއްޔުލްއަމްރުގެ މަޤާމަކީ ކޮބައިކަން އޮޅުވާލެވިގެން ނުވާނެއެވެ. ކިތަންމެ ބޭނުމަސް ވެރިކަމުގެ ގޮނޑި ހޯދަން އުޅެންވާނީ އެކަމަށް ކަނޑައެޅިފައިވާ ހުދޫދުގެ ތެރެއިންނެވެ. ރިޝްވަތުދީގެންނާއި ރައްޔަތުންނަށް ސަރުކާރުން ދެމުންގެންދާ ޚިދުމަތްތަކުގައި ބޮޑުތަޅުއަޅުވައި ޝަރުޢީ ދާއިރާގެ ބައެއްމީހުން ހިތުހުރިގޮތަކަށް ހުކުމްނެރެ ތިމަންނާޔަކު ރައީސުލްޖުމްހޫރިއްޔާދެކެ ބިރުން ފަޔެއްތުރުތުރެއް ނާޅާނެޔޭ ބުނެ ހިތުހުރިގޮތެއް ހަދާއިރު ގައިމުވެސް އިސްލާމީ ޝަރީޢަތުގެ އުސޫލްތަކާ އިދިކޮޅަށް ޤައުމުގެ ހަމަޖެހުން ނަގާލެވޭނަމަ ހެއްދެވި އިލާހަށް ބިރުވެތިވާން އެބަޖެހެއެވެ. ގައިމުވެސް ރިޝްވަތުގެ ފައިސާއަކުން ﷲގެ ހަޟްރަތުގައި ކުރާނެ މަންފާއެއް ނޯންނާނެއެވެ. ގައިމުވެސް އެނގޭކަމަކީ ޤާނޫނު ދަމަހައްޓައިގެން މެނުވީ މިޤައުމު ސަލާމަތުން ނޯންނާނެކަމެވެ. އެކަން ދައުލަތުގެ ބާރުތަކުން ނުކުރެވޭނަމަ ދެން އެކަން ކުރާންޖެހޭނެ ބަޔަކީ މިޤައުމުގެ ރައްޔިތުންކަމީ ޝައްކެއްވެސް އޮތްކަމެއްނޫނެވެ.