22 ޖުލައި 2010
ރާއްޖޭގެ ސިޔާސީ މަސްރަޙް ހަމައަކަށް އެޅުވުމަށް އެހީތެރިކަން ދެއްވުމަށް ބައިނަލްއަޤްވާމީ އެކިފަރާތްތަކުން ހުށަހަޅުއްވާފައިވާ ހުށަހެޅުންތަކަށް ދިވެހި ސަރުކާރުން މަރުޙަބާ ވިދާޅުވެއްޖެއެވެ.
އެނގިވަޑައިގަންނަވާނެ ފަދައިން، މި މަހުގެ ކުރީކޮޅު ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި، ސަރުކާރާއި ވާދަވެރި ފަރާތްތަކާ ދެމެދު މަޝްވަރާތައް ކުރިއަށް ގެންދިޔުމުގައި އެހީތެރިވެވަޑައިގެންފައިވެއެވެ.
މީގެ އިތުރުން، މިއަދު އެމެރިކާގެ އެސިސްޓެންޓް ސެކްރެޓެރީ އޮފް ސްޓޭޓް ރޮބަރޓް ބްލޭކް ވަނީ، އެމަނިކުފާނު ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރާއްޖެ ވަޑައިގެންފައެވެ. ރޮބަރޓް ބްލޭކް ރާއްޖެ ވަޑައިގެންނެވުމުގެ ކުރިން، އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޕެޓްރީޝިއާ ބުޓެނިސް ވަނީ، މި ޖުލައި މަހުގެ ފުރަތަމަ ހަފްތާތެރޭގައި ރާއްޖެއަށް ޒިޔާރަތް ކުރައްވާފައެވެ.
އިންޑިޔާއާއި، ޔޫރަޕިއަން ޔޫނިއަން އަދި ކޮމަންވެލްތުންވެސް ސަރުކާރަށް އެހީތެރިވުމަށް ހުށަހަޅުއްވާފައިވެއެވެ. ރާއްޖޭގެ ސިޔާސީ މަސްރަޙަށް ކުރިމަތިވެފައިވާ މައްސަލަ ޙައްލުކުރެއްވުމަށް އެހީތެރިވެދެއްވުމަށް އެކުވެރި ދައުލަތްތަކުންނާއި، ބައިނަލްއަޤްވާމީ މުޖްތަމަޢުން ކުރައްވަމުން ގެންދަވާ މަސައްކަތް ސަރުކާރުން ޝުކުރުވެރިކަމާއެކު ބަލައިގަންނަ ކަމުގައި ޕްރެސް ސެކްރެޓަރީ މުޙަންމަދު ޒުހައިރު ވިދާޅުވިއެވެ. އަދި، އިންޓަރ ޕާލަމެންޓަރީ ޔޫނިއަން ލިބިވަޑައިގަންނަވާނެ ކަމަށް ސަރުކާރުން އުންމީދު ކުރައްވާ ކަމަށާއި، ފުރިހަމައަށް މަސައްކަތް ކުރާ ޑިމޮކްރަސީއެއްގައި ތިން ބާރުގެ ދައުރާއި، އެއް ބާރުން އަނެއްބާރު ޒިންމާދާރު ކުރުވުން ކުރިއެރުވުމަށް މަސައްކަތް ކުރުމަށް އެ ފަރާތުގެ ވަފްދެއް ވަރަށް އަވަހަށް ރާއްޖެއަށް ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމުގައި ޒުހައިރު ވިދާޅުވިއެވެ.
އިންޓަރނޭޝަނަލް ކޮމިޝަން އޮފް ޖޫރިސްޓްސްގެ ފަރާތުން ރާއްޖޭގެ ޝަރުޢީ ދާއިރާއަށް އެހީތެރިކަން ފޯރުއްވައިދެއްވުމަށް ސަރުކާރުން އެދިވަޑައިގެންފައިވާކަންވެސް ޒުހައިރު ފާހަގަކުރެއްވިއެވެ.