22 ޖުލައި 2010
މިދިޔަ ހަފްތާގެ ތެރޭގައި މާލޭގައި ބޭއްވި އެއްވުމެއްގައި ބައިވެރިވި ބަޔަކާ ދިމާއަށް ބަޔަކުމީހުން ގާފަދަ ތަކެތި އުކާ ހެދުމުގެ ސަބަބުން މާލެތެރޭގައި ހަމަނުޖެހުންތަކެއް އުފެދިގެން ގޮސްފައިވާތީ، ރައްޔިތުން މަޑުމައިތިރިވެ، ދިވެހި ފުލުހުންނަށާއި ސިފައިންނަށް ފުރިހަމައަށް އެއްބާރުލެއްވުން ދެއްވުމަށް ރައްޔިތުންނަށް ސަރުކާރުން އިލްތިމާސް ކުރައްވައިފިއެވެ.
ސަރުކާރުން މި ކުރެއްވި އިލްތިމާސާ ގުޅިގެން، ޕްރެސް ސެކްރެޓެރީ މުހަންމަދު ޒުހައިރު މިއަދު ނެރުއްވި ބަޔާނެއްގައި މަޖިލީހުގެ ތެރޭގައި ހިނގާ ވޯޓް ވިއްކުމުގެ މައްސަލައާ ގުޅިގެން ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާކަމަށް ވިދާޅުވެފައިވެއެވެ. އަދި، ރައްޔިތުންގެ މަޖިލީހުގެ ބާރުގަދަ މަދު މެންބަރުންކޮޅެއް، ވަރަށް ބޮޑެތި އިމްތިޔާޒުތަކަކާއެކު އުޅުއްވަމުން ގެންދަވާތީ އެކަމުގެ ސަބަބުން ރައްޔިތުންގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަންވެސް އިޙްސާސް ކުރެއްވޭ ކަމަށާއި، އެހެންނަމަވެސް، މަޑުމައިތިރިވެ ޤާނޫނާއި ގަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިތުމަކީ ކޮންމެ ރައްޔިތެއްގެވެސް ވާޖިބެއް ކަމުގައި ޒުހައިރު ވިދާޅުވިއެވެ.
ޒުހައިރު މިނެރުއްވި ބަޔާނުގައި، ރާއްޖޭގައި އަދުލު އިންސާފް ޤާއިމުކުރައްވާ ފަރާތްތަކަށް ފުރިހަމައަށް އެއްބާރުލެއްވުން ދެއްވުމަށް ރައްޔިތުންނަށް ގޮވާލައްވާފައިވެއެވެ. އަދި، މިފަދަ އުނދަގޫ ދަނޑިވަޅުތަކުގައިވެސް ވަރަށް ފުރިހަމައަށް އެފަރާތްތަކުން މަސައްކަތް ކުރައްވަމުން ގެންދަވާކަން ޒުހައިރު ފާހަގަކުރެއްވިއެވެ. ޒުހައިރު ވިދާޅުވީ، ގްރޫޕް މާރާމާރީއާއި ބިރުދެއްކުންފަދަ ކަންކަމަކީ، ސަރުކާރުން އެއްގޮތަކަށްވެސް އަޅުއްވާ ނުލައްވައި ދޫކޮށްލައްވާނެ ކަންތައްތަކެއް ނޫންކަމަށާއި، މިދިޔަ ހަފްތާގައި ހިންގި މި ހާދިސާގައި ޒިންމާވާންޖެހޭ ފަރާތްތައް ދިވެހި ސިފައިން އިންސާފުގެ ކުރިމައްޗަށް ގެންނަވާނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ.