22 ޖުލައި 2010
ރާއްޖޭގައި އޮންނަން ފެންނަ ސިޔާސީ ނިޒާމަކާ ބެހޭގޮތުން ރާއްޖޭގެ ސިޔާސީ ޕާޓީތަކުން ގޮތެއް ނިންމަން އެބަޖެހޭ ކަމުގައި ޕްރެސް ސެކްރެޓަރީ މުޙަންމަދު ޒުހައިރު ވިދާޅުވެއްޖެއެވެ. ޒުހައިރު ވިދާޅުވީ، ފުރިހަމަ ރިޔާސީ ނިޒާމެއް ނުވަތަ ފުރިހަމަ ބަރުލަމާނީ ނިޒާމެއް ޚިޔާރު ކުރަންޖެހިފައިވާ ކަމަށެވެ. އަދި ކޮންމެ ނިޒާމެއް ނިންމެވި ކަމުގައިވިޔަސް އެ ނިޒާމަކަށް ފުރިހަމަ ގޮތުގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބެންވާނެ ކަމަށެވެ. ޒުހައިރު އިތުރަށް ވިދާޅުވިގޮތުގައި، ޤާނޫނު އަސާސީގައި ހުރި ބައެއްކަހަލަ އުނި ސިފަތަކުގެ ސަބަބުން ހަނި އަޣްލަބިއްޔަތަކުން ސަރުކާރު ހިންގުމަށް ވަރަށް ބޮޑެތި ދަތިތަކެއް ކުރިމަތިކުރުވައެވެ.
މަޖިލިސް އުފައްދާފައިވަނީ ވެރިކަންކުރާ ބާރުން ކަންތައްތައް ކުރަނީ ރަނގަޅު ހަމަތަކުގެ މަތިންތޯ ބެލުމަށް ކަމަށާއި، ސަރުކާރު ޒިންމާދާރުކުރުވުމަށް. އެހެންނަމަވެސް، ޤާނޫނުއަސާސީ މިހާރި މިއޮތްގޮތުން، ހަނި އަޣްލަބިއްޔަތެއް ލިބުމުން، ޓެކްސް އިތުރުކުރުމާއި ސަބްސިޑީޒް ފޯރުކޮށްދިނުންފަދަ ވެރިކަންކުރާ ބާރުގެ މަސައްކަތްތަކަށް ހުރަސް އެޅުމަށް ފުރުސަތު ލިބިދޭ” ޕްރެސް ސެކްރެޓަރީ ވިދާޅުވިއެވެ. އަދި، މި ފަދަ ކަންކަމުގެ ސަބަބުން ސަރުކާރުން ހިންގުމަށް ބޮޑެތި ދަތިތައް ކުރިމަތިކުރުވާ ކަމުގައިވެސް ޕްރެސް ސެކްރެޓަރީ ވިދާޅުވިއެވެ.
ޒުހައިރު ވިދާޅުވިގޮތުގައި، ސިޔާސީ ޕާޓީތަކުން ރިޔާސީ ނިޒާމެއް ބޭނުންވާ ކަމުގައިވާނަމަ، އެ ނިޒާމް ފުރިހަމަ ގޮތުގައި ހިންގިޔަ ދޭންވާނެއެވެ. ސިޔާސީ ޕާޓީތަކުން ބަރުލަމާނީ ނިޒާމަކަށް ބަދަލުވާން ބޭނުންވާނަމަ ރައްޔިތުންގެ ވޯޓަކަށް ގޮސް، ޤާނޫނުއަސާސީއަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ރައްޔިތުންގެ މަޖިލީހުގެ އާ އިންތިޚާބެއް ބާއްވަން ޖެހޭނެއެވެ. ސިޔާސީ ޕާޓީތަކުން ބަރުލަމާނީ ނިޒާމަކަށްދާން ނިންމައިފިނަމަ ރައީސް ނަޝީދުވެސް ހުންނެވީ އިންތިޚާބަކަށް ވަޑައިގެންނެވުމަށް ތައްޔާރަށް ކަމުގައިވެސް ޒުހައިރު ވިދާޅުވިއެވެ. އެހެންނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނުކިއްސަރުގޮތްގޮތަށް ގާނޫނުތައް ފާސްކުރައްވައިގެން، މެންބަރުންގެ ބާރުތައް އިތުރުކުރައްވައިގެން، މި ޤައުމުގައި ބަރުލަމާނީ ނިޒާމެއް ޤާއިމު ކުރައްވައިގެން ނުވާނެކަމަށް ޒުހައިރު ވިދާޅުވިއެވެ.
“އެންމެ މުހިންމު ކަމަކީ ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާކުރުން. މިކަން ކުރުމަށް ސަރުކާރުވަނީ ވަރަށް ބޮޑު ޢަޒުމެއްގައި” ޕްރެސް ސެކްރެޓަރީ ވިދާޅުވިއެވެ.