މެންބަރުންގެ ޚިޔާލު: ޤާނޫނު އަސާސީ ނެގެހެއްޓުން (2).!

22 ޖުލައި 2010

ލިޔުނީ: ފުނަމާ

ސަލާމްނުބުނެ ވީނުވީއެއް ނޭނގި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކަށް މެންބަރަކު ހާޒިރު ނުވިނަމަވެސް މުސާރަފުޅަކުން އުންޏެއް ނުވެއެވެ. އެކަމަކު އެގޮތަށް އެތައް މެންބަރަކު ހާޒިރު ނުވިނަމަވެސް މަޖިލީހުގެ ޖަލްސާ ބޭއްވެއެވެ. ތިމާގެ ޕާރޓީގެ މެންބަރުން ކަމުގައިވިޔަސް ހަމަރަނގަޅެވެ. އަނދާ ހުލިވަނީ ރައްޔަތުންގެ ފައިސާއެވެ. އާދައިގެ ނިކަމެތި މުއައްޒަފުންގެ މުސާރައިން ގަޑީލާރިވެސް ކެނޑެއެވެ.
ޤާނުނު އަސާސީ މާނަކުރުމަކީ އެމީހަކު ހިތަށްއަރާގޮތަކަށް ކުރެވޭ ކަމެއްހެން ކަންކުރާ ފަހަރުވެސް އެބައާދެއެވެ. މިސާލަކަށް ސިވިލް ސާރވިސްގެ ޤާނޫނުގައި ސިވިލް ސާރވިސްގެ މުއައްޒަފުންނަށް ސިޔާސީ ހަރަކާތް ތަކުގައި ބައިވެރި ނުވެވޭނޭ ކަމުގައިއޮތް މާއްދާ ވަނީ ސްޕްރީމްކޯޓުން ބާތިލްކޮށްފައެވެ. ސަބަބަކީ ޤާނޫނުއަސާސީ އިން ކޮންމެ ރައްޔިތަކަށްވެސް ސިޔާސީގޮތުން ހަރަކާތްތެރިވުމުގެ މިނިވަންކަން ލިބޭކަމުގައި ލިޔެފައި އޮތަތީއެވެ. ދިވެހި ކޮންމެ ރައްޔިތަކަށް މިނިވަންކަމާއެކު އޭނާ ބޭނުންތަނަކަށް ދަތުރުކޮށްއުޅުމާއި ބޭނުންރަށަކަށް ގޮސްއުޅުމުގެ މިނިވަންކަން ލިބިދީފައިވާއިރު ޖަލުތަކުގައި މީހުން ބަންދުކޮށްގެން ގެންގުޅެވިދާނެހެއްޔެވެ؟ ސިވިލްސަރވިސްގެ ޤާނޫނުގެ ދަށުން އެވަޒީފާގައި އުޅޭ މީހަކު ވަޒީފާގައި ހުންނައިރު ވަކިކަންކަމަކުން އިސްތިސްނާ ނުކުރެވޭނަމަ ޖަލުބަންދުގައި ހުންނަމީހާވެސް މަޖިލީހުގެ މެންބަރުންނެކޭ އެއްފަދައިން އޭނާ ބޭނުންތާކަށް ދެވެން ވާނެތާއެވެ.
ޤާނޫނު އަސާސީއެއް ހެދުމުގެ ބޭނުމަކީ އެއަށް އަމަލުކުރުމެވެ. ވަކިބާރެއް ވަކިމީހަކު ތަފަތުވުމެއްނެތި ޤާނޫނު ދެމެހެއްޓުމަށް މަސައްކަތް ކުރުމަކީ ލާޒިމްކަމެކެވެ. އެހެންނޫންނަމަ މިފަދަ ހަމަނުޖެހުންތައް ހިނގައިދާނެކަން ކަށަވަރެވެ. ޤާނޫނުއަސާސީއިން ވަކިމުއްދަތެއްގެ ތެރޭގައި ހަދަންބުނެފައިވާ ޤާނޫނުތައް ހުރިއިރު އެކަންނުކޮށް އިހްމާލުވެފައިވާކަމީ ކުރިޔައްއޮތް ތާނގައި މިއަށްވުރެ އިތުރު މައްސަލަތައް އުފެދި ކަންބޮޑުވާންޖެހޭނެ ކަމެކެވެ.
ތިންބާރު ވަކިކުރެވި ކޮންމެ ބާރެއްގެ އިމެއް ކަނޑައަޅާފައި އޮއްވައި އެއްބާރު އަނެއްބާރަށް މިއޮތީ އަރައި ގަނެފައެވެ. ފާޅުގައެވެ. މިކަމަށް ގޮތެއްކިޔާން އޮތް ޝަރުޢީދާއިރާ އޮތީ ދުރުގައިހޭށެވެ. ޤައުމު އަނދަވަޅަކަށް ވެއްޓިދާއިރުވެސް ބާރުގަދަވަނީ ކޮންބައެއްގެތޯ ބަލަބަލައެވެ. މިއީ މިއަދު އެންމެބޮޑަށް ސުވާލުއުފެދޭ އެއްމައްސަލައެވެ. ރައްޔަތުންގެ މަޖްލިސްގެ ތެރޭގައި ރިޝްވަތުގެ ވަބާފެތުރިފައިވާކަމަށް ގިނަބަޔަކު ބުނަމުންދާއިރު އަދި ފުލުހުންގެ މުއައްސަސާއިން މިކަން ބަލާންޖެހޭކަމުގައިދެކި ފިޔަވަޅުއަޅަމުންދާއިރު ޝަރުޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެހެރަގެންދަނީ ފާޅުގައި ހުރަސްއަޅަމުންނެވެ. ދެންމިތާކު އަދުލު އިންސާފު ޤާއިމްވެ އެބައޮތޭ ބުނެވެން އެބައޮތްހެއްޔެވެ؟ އެއްކަމެއްގައި ހަތްގޮތަށް ނިޔާއިއްވާނަމަ އެއަށް ޢަދުލުއިންސާފޭ ކިޔޭނެހެއްޔެވެ؟