ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ބަންގްލަދޭޝް ސަފީރު ވަދާޢީ ޒިޔާރަތް ކުރައްވައިފި

22 ޖުލައި 2010

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އަރިހަށް ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޕްރޮފެސަރ ސެލީނާ މުޙްސިން ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކޮށްލެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުގެ މަގާމުގައި ހުންނަވައިގެން، ދިވެހިރާއްޖެއާއި ބަންގްލަދޭޝާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ކުރައްވާފައިވާ މަސައްކަތްޕުޅުތަކަށްޓަކައި، ޕްރޮފެސަރ ސެލީނާއަށް ޝުކުރު އަދާކުރެއްވިއެވެ.

ޕްރޮފެސަރ ސެލީނާގެ ވާހަކަފުޅުގައި، ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުގެ މަގާމުގައި ހުންނަވައިގެން، ރާއްޖެއަށް ޚިދްމަތް ކުރެއްވުމަކީ، އޭނާއަށް ވަރަށްބޮޑު އުފާފުޅެއް ލިބިވަޑައިގެންނެވި ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުންނާއި، ސަރުކާރުގެ ހުރިހާ ދާއިރާއަކުން އޭނާއަށް ލިބިވަޑައިގެންނެވި ފުރިހަމަ އެއްބާރުލެއްވުމާއި އެހީތެރިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށާއި، ދިވެހި ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ.

ޕްރޮފެސަރ ސެލީނާގެ ވާހަކަފުޅުގައި، ރާއްޖެ ޑިމޮކްރެޓިކް ނިޒާމަކަށް ބަދަލުވެގެން ދިޔަދިޔުމަށް ބައްލަވާލައްވަމުން، ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ސިޔާސީ މައްސަލަތަކަށް އަވަސް ޙައްލެއް ލިބިގެންދާނެކަމަށް އުންމީދުކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި، ތިމާވެށި ޙިމާޔަތް ކުރުމުގެ މުހިންމުކަމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސަމާލުކަމާއި، މި ރޮނގުން ބައިނަލްއަޤްވާމީ އެއްބާރުލުން އިތުރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މަސައްކަތްޕުޅުތައް ޕްރޮފެސަރ ސެލީނާ ފާހަގަކުރެއްވިއެވެ.

ޕްރޮފެސަރ ސެލީނާ މުޙްސިން، އޭނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އެރުއްވީ، 2009 ޖެނުއަރީ މަހުގެ 19 ވަނަ ދުވަހުއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ވަޙީދާއި، އެޑްވައިޒަރ އޮން ޕޮލިޓިކަލް އެފެއާޒް ޙަސަން ޢަފީފާއި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ އަޙްމަދު ޝަހީދު ބައިވެރިވެވަޑައިގެންނެވިއެވެ.