ޑީ.އާރު.ޕީ.ގެ އަހަރީ ދުވަހުގެ މުނާސަބަތުގައި އެ ޕާޓީއަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފި

22 ޖުލައި 2010

ދިވެހި ރައްޔިތުންގެ ޕާޓީ، ޑީ.އާރު.ޕީ.ގެ އަހަރީ ދުވަހުގެ މުނާސަބަތުގައި އެ ޕާޓީގެ ލީޑަރ އަޙްމަދު ތަސްމީން ޢަލީއަށާއި، ޕާޓީގެ ޑެޕިޔުޓީ ލީޑަރުންނަށާއި، ޕާޓީގެ އެކިމަގާމުތަކުގައި ތިއްބެވި އެހެން ބޭފުޅުންނަށާއި، ޕާޓީގެ އެންމެހާ މެންބަރުންނަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ތަހުނިޔާ ފޮނުއްވައިފިއެވެ.

ރައްޔިތުންގެ ހެވާއި ލާބައަށް މަސައްކަތްކުރާ އަދި ވާދަވެރި ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެ ޕާޓީ ދެމިއޮވެ، އަދި ފުރިހަމަ ޑިމޮކްރެޓިކް ނިޒާމެއް ޤާއިމުކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައި އެ ޕާޓީގެ ފުރިހަމަ އެއްބާރުލެއްވުން ލިބިވަޑައިގަންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޔަޤީން ކުރައްވައެވެ. އަދި ރާއްޖޭގެ ސިޔާސީ މަސްރަޙް މިހާރު ހަލަބޮލިވެފައިވުމާއެކު، ސިޔާސީ މަސްރަޙް ހަމަޖެއްސެވުމަށް ޕާޓީތަކާ ގުޅިވަޑައިގެން ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައިވެސް އެ ޕާޓީން ފުރިހަމަ އެހީތެރިކަން ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އުންމީދު ކުރައްވައެވެ. އަދި އެ ޕާޓީއަށް ކާމިޔާބު ދުވަސްތަކަކަށްވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަންނަވައެވެ.
އެމްޑީޕީ އިން ވެސް ވަނީ ޑީއާރުޕީގެ އަހަރީ ދުވަހުގެ މުނާސަބަތުގައި އިއްޔެ އެޕާޓީއަށް ތަހުނިޔާ ދަންނަވާފައެވެ.
ޑީއާރުޕީގެ އަހަރީ ދުވަހަކީ 21 ޖުލައި އެވެ.