16 އޮގަސްޓް 2009
ލާމަރުކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިންގުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހެޅިފައިވާ ބިލާމެދު މެންބަރުން ފުންކޮށް ވިސްނާވަޑައިގަންނަވާނޭ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި، މިބިލާއިމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެބޭފުޅުން ނިސްބަތްވާ ޕާޓީގެ ފިކުރަށްވުރެ އަމިއްލަފުޅު ފިކުރެއް ގެންގުޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އެދިވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް އެދިވަޑައިގަތީ، ދިވެހިރާއްޖޭގެ އަޑު މެދުވެރިކުރައްވައި، އެމަނިކުފާނު ދެއްވި 10 ވަނަ ރޭޑިއޯ ޚިޠާބުގައި، ހުކުރު ދުވަހު ހެނދުނު ވާހަކަފުޅު ދައްކަވަމުންނެވެ.
“އަޅުގަނޑު އުންމީދު ކުރަނީ، މަޖިލީހުގެ މެންބަރުން، މި ބިލާ ގުޅޭގޮތުން ފުންކޮށް ވިސްނަވާނެ ކަމަށް. އަޅުގަނޑަށް ޔަޤީން، މެންބަރުން ނިސްބަތްވާ ޕާޓީގެ ބައެއް ބޭފުޅުންގެ ފިކުރަށްވުރެ، މިކަމުގައި ފްރީ ވިޕެއް ނުވަތަ ޕާޓީތަކުން މެންބަރުންނަށް ޢަމަލު ކުރަންވީގޮތް ވިދާޅުނުވެ، ވިޕް ނުކުރައްވައި ދޫކޮށްލައްވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. އަޅުގަނޑު ޑީ.އާރު.ޕީ.ގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް އަޙްމަދު ތަސްމީން ޢަލީއަށާއި، އަދި އެމް.ޑީ.ޕީ.ގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް މޫސާ މަނިކު، ދެބޭފުޅުންގެ ކިބައިންވެސް އެދެން، މިކަން މިގޮތަށް ކޮށްދެއްވުމަށް.” ރައީސް ނަޝީދު ވިދާޅުވިއެވެ. “ލާ މަރްކަޒީ އުޞޫލުން އިދާރީ ދާއިރާތައް، އަތޮޅުތައް ހިންގުމާ ގުޅޭގޮތުން ސަރުކާރުން ހުށަހަޅާފައިއެވާ ބިލަށް ޕާޓީތަކުގެ ވިޕް ނުނެރުއްވުމަށް ނުވަތަ މަޖިލީހުގައި ޕާޓީތަކުގެ މެންބަރުން ވޯޓް ދެއްވަންވީގޮތް ކަނޑައަޅުއްވައި ޕާޓީތަކުން ނޭންގެވުމަށް އަޅުގަނޑު ހަމަ ވަރަށް އިޚްލާޞްތެރިކަމާއެކު، ޚާއްޞަކޮށް، ޑީ.އާރު.ޕީ.ގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް އަޙްމަދު ތަސްމީން އަރިހުން އަޅުގަނޑު އެދެން.”
ވާދަވެރި ސިޔާސީ ޕާޓީތަކުގެ ބައެއް މެންބަރުން ޕްރޮވިންސް އުފެއްދުން ރަނގަޅު ނޫން ކަމުގައި ވިދާޅުވި ނަމަވެސް އަތޮޅަކީ އިދާރީ ދާއިރާއެއްގެ ގޮތުގައި، ލާ މަރްކަޒީ ކޮށްގެން ހިންގުމަށް މާ ކުޑަ އަދި މާމަދު ޢަދަދެއްގެ މީސްކޮޅެއް އުޅޭ ސަރަޙައްދެއް ކަމުގައި އެމަނިކުފާނު ދެކެވަޑައިގަންނަވާ ކަމަށާއި، އެއް އަތޮޅު އެއީ އިދާރީ ދާއިރާއެއްގެ ގޮތުގައި ނުވަތަ ލާ މަރްކަޒީ ޔުނިޓެއްގެ ގޮތުގައި ބަލައިގެން، އަޅުގަނޑުމެން މިކަން ކޮށްފިނަމަ، ރާއްޖޭގެ ބަޖެޓަށާއި، އިދާރީ ދާއިރާތައް ހިންގުމަށާއި އަދި އަޅުގަނޑުމެން މިނެރެން އުޅޭ ނަތީޖާއަށް ހީނަރުކަން އަންނާނޭ ކަމުގައި ރައީސް ނަޝީދުގެ ރޭޑިޔޯ ޚިޠާބުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އުތުރު ޕްރޮވިންސް އޮފީސް ރަސްމީގޮތުން ހުޅުއްވައި ދެއްވުމަށް ފާދިއްޕޮޅު ފެލިވަރުގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވެސް ރައީސް ނަޝީދު ވަނީ މިބިލުގެ މައިގަނޑު އުޞޫލުތައް ހިފަހައްޓަވައިގެން ޤާނޫނެއްގެ ގޮތުގައި ފާސްކޮށްދެއްވުމުގައި އެހީތެރިވެވަޑައިގެން ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަރިހުން އެދިވަޑައިގެންފައެވެ. އަދި މިކަމުގައި ޚިޔާލު ތަފާތުވެވަޑައިނުގެން، ޤައުމަށާއި ރާއްޖޭގެ އިޤްތިޞާދަށާއި ލިބޭ އާމްދަނީއަށާއި މީހުންގެ އަދަދަށް ވިސްނާވަޑައިގަތުމަށް އެރަސްމިއްޔާތުގައިވެސް ރައީސް ނަޝީދު އެދިވަޑައިގެންނެވިއެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމާބެހޭ ބިލު 11 މެމްބަރުންގެ ކޮމިޓީއަކުން ދިރާސާކުރާ ގޮތަށް ފާސްކޮށްފައިވަނީ ހަތް ގަޑިއިރުގެ ދިގު ބަހުސަކަށް ފަހުގައެވެ.
މިކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެމްބަރުންނަކީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލް ޣަފޫރާއި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކާއި ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަމްޒާ އާއި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި، ފުނަދޫ ދާއިރާގެ މެމްބަރު އަލީ ސަލީމާއި ތޮއްޑޫދާއިރާގެ މެމްބަރު އަލީ ވަހީދާއި ހަނިމާދޫ ދާއިރާގެ މެމްބަރު މުޙައްމަދު މުޖްތާޒާއި ތުލުސްދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާއި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރުގެ އިތުރުން އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް އެވެ.
މިބިލާ މެދު ވާހަކަދެއްކި މެންބަރުންގެ ތެރެއިން ޑީއާރުޕީއަށް ނިސްބަތްވާ ބައެއް މެމްބަރުން ވަނީ މި ބިލުގައި ހިމަނާފައިވާ ބައެއް ކަންތައްތަކަށް ތާއީދު ނުކުރައްވާ ކަމަށާއި، މިބިލަށް ގިނަ އިސްލާހު ތަކެއް ގެންނަންޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
މި ބިލު ބަލައިގަންނަން ވޯޓަކަށް އެއްސެވުމުގެ ކުރިން އެޓަރނީޖެނެރަލް ވަނީ މި ބިލާބެހޭ ގޮތުން މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވާފަ އެވެ.