މި ސަރުކާރު ނެތް ހިނދެއްގައި އަނެއްކާވެސް ފެނިގެންދާނީ ޚުދުމުޚްތާރުވެރިކަމެއް ކަމުގައި އެމްޑީޕީ އިއްތިހާދުގައި ހިމެނޭ ޕާޓީތަކުން ބުނެފި

21 ޖުލައި 2010

މި ސަރުކާރު ނެތް ހިނދެއްގައި އަނެއްކާވެސް ފެނިގެންދާނީ ޚުދުމުޚްތާރުވެރިކަމެއް ކަމުގައި އެމްޑީޕީ އިއްތިހާދުގައި ހިމެނޭ 5 ޕާޓީ އިން ބުނެފިއެވެ.
އެޕާޓީތަކުން މިހެން ބުނެފައި މިވަނީ ރާއްޖޭގެ ސިޔާސީ މަސްރަހާ ބެހޭ ގޮތުން ޚިޔާލު ބަދަލުކޮށް މަޝްވަރާ ކުރުމަށް މިއަދު މެންދުރުފަހު އެމްޑީޕީ ސެކްރެޓޭރިއަޓްގައި ބޭއްވި ބައްދަލުވުން ނިންމަވާލެއްވުމަށްފަހު އެމްޑީޕީ މީޑިއާ ޔުނިޓަށް މަޢުލޫމާތު ދެއްވަމުންނެވެ.
މިއަދު މިބޭއްވި ގުޅިފައިވާ އިއްތިހާދުގެ ބައްދަލުވުމުގައި 5 ޕާޓީއެއްގެ އިސްވެރިން ފެންވަރުގެ ބޭފުޅުން ބައިވެރިވެ ވަޑައިގެން މަޝްވަރާކޮށް ނިންމި ކަންތައްތަކުގެ ތެރޭގައި މި އިއްތިހާދުގައި ހިމެނޭ ހުރިހާ ޕާޓީއެއްގެ ތާއީދު ދިވެހި ސަރުކާރަށް އޮތް ކަމަށާއި، މުސްތަޤް ބަލުގައި ވެސް މި ޕާޓީތަކުން މަސައްކަތްކުރާނީ ގުޅިފައިވާ އިއްތިހާދެއްގެ ގޮތުގައި، ހުރިހާ ޕާޓީއަކުން ގުޅިގެން ކަމަށެވެ. އަދި މި ޕާޓީތަކުން ގުޅިގެން މަސައްކަތްކުރީ ދިގު 30 އަހަރުގެ އަނިޔާވެރި، ޚުދުމުޚްތާރު ވެރިކަމަކާ ދެކޮޅަށް ކަމަށާއި، މި ސަރުކާރު ނެތް ހިނދެއްގައި ދެން ވެސް ފެނިގެންދާނީ އަނިޔާވެރި ޚުދުމުޚްތާރު ވެރިކަމެއް ކަމުގައި މި ޕާޓީތަކުން ބުނެފައިވެއެވެ.
އަދާލަތު ޕާޓީއާއި، އެމްޑީޕީއާއި، ސޯޝަލް ލިބަރަލް ޕާޓީ އާއި، މޯލްޑިވްސް ނެޝަނަލް ކޮންގްރެސް އަދި އެންމެ ފަހުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕާއެކު އިއްތިހާދުވި މޯލްޑިވްސް ލޭބަރ ޕާޓީން މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެފައިވެއެވެ. އަދާލަތު ޕާޓީގެ ފަރާތުން މި ބައްދަލުކުރެއްވުމުގައި ބައިވެރިވެ ވަޑައިގެންނެވީ އެޕާޓީގެ ރައީސް އައްޝައިޚް ހުސައިން ރަޝީދު އަހުމަދެވެ. އެމްޑީޕީގެ ފަރާތުން އެޕާޓީގެ ވަގުތީ ރައީސް އިބްރާހީމް ޙުސައިން ޒަކީ އާއި، ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު މުޙައްމަދު ނާޒިމް، އަދި އަމީން ޢާންމު ޙަސަން ޝާހް ބައިވެރިވެވަޑައިގެންނެވި އިރު، މޯލްޑިވްސް ނެޝަނަލް ކޮންގްރެސްގެ ފަރާތުން އެޕާޓީގެ ނައިބު ރައީސް އަލީ އަމްޖަދު އަދި ވައިސް ޗެއަރޕާސަން ހުސައިން ރާފިއު ބައިވެރިވެވަޑައިގެންނެވިއެވެ. ލިބަރަލް ޕާޓީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެޕާޓީގެ ލީޑަރު އިބްރާހީމް އިސްމާޢީލް އެވެ. އަދި ލޭބަރ ޕާޓީގެ ފަރާތުން މިބައްދަލުވުމުގައި އެޕާޓީގެ އަމީންއާންމު މުޙައްމަދު އިކްރާމް އެވެ.
ކުރިޔަށް އޮތްތަނުގައި މިފަދަ އިތުރު ބައްދަލުވުންތައް ބާއްވައި މިހުރިހާ ޕާޓީއެއް ގުޅިގެން މަސައްކަތްކުރުމަށް މިޕާޓީތަކުން މިއަދު ވަނީ ނިންމާފައެވެ.