ނޫސް ބަޔާން: އާންމުންގެ ޝަކުވާ ލިބޭ ފުލުހުންނާމެދު ފިޔަވަޅު އެޅުމަށް ގޮވާލުން

21 ޖުލައި 2010

މާލޭގެ އަމަންއަމާންކަން ބެލެހެއްޓުމަށް ދިވެހި ސިފައިންނާއި ފުލުހުން މިހާރު ހިންގަމުންދާ ޚާއްސަ އޮޕަރޭޝަން ގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ބައެއް ކުދިންނާމެދު ފުލުހުން އިހާނެތިކޮށް ކަންތައް ކުރަމުންދާ ކަމުގެ މަޢުލޫމާތު އެކުދިންނާއި އެކުދިންގެ ބެލެނިވެރިންގެ ފަރާތުން މިޕާޓީއަށް ދަނީ ލިބެމުންނެވެ.
އެގޮތުން ފުލުހުންގެ ބެލުމުގެ ދަށުގައިވާ ބައެއް ކުދިންނަށް 12 ގަޑިއިރު ވަންދެން ކާން ނުދީ ގެންގުޅެފައިވާ ކަމަށާއި، އެކުދިންގެ އަތުގައި ހުރި ބައެއް ތަކެތި ފުލުހުން އަތުލާފައިވާ ކަމަށާއި، ބައެއްގެ ކުދިންގެ ކަނުބަނދެ، އެކުދިންގެ ބޯބާލައި، ނަފްސާނީ އަދި ޖިސްމާނީ އަނިޔާތަކެއް މިކުދިންނަށް ދީފައިވާ ކަމަށް މިޕާޓީއަށް ވަނީ މަޢުލޫމާތު ލިބިފައެވެ.
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އަކީ އިންސާނީ ޙައްޤުތައް ހިމާޔަތްކުރުމަށް ވަކާލާތުކޮށް، ދިވެހި އެންމެހާ ރައްޔިތުންނަށް އަމާން ދުޅަހެޔޮ ވެއްޓެއް ޤާއިމްކުރުމަށްޓަކައި ކެނޑިނޭޅި މަސައްކަތްކުރަމުންދާ ޕާޓީއަކަށް ވާތީ، އެއްވެސް ދިވެހިރައްޔިތަކަށް ނުޙައްޤުން ކުޑަ ނަމަވެސް އަނިޔާއެއް ލިބުމަކީ މި ޕާޓީ އިން އެދޭކަމެއް ނޫނެވެ.
މި ފަހަކަށް އައިސް، ކުށްކުރާ މީހުން މަދުވުމާއި މަސްތުވާތަކެތި ބޭނުންކުރާ މީހުން މަދުވުމުން އާންމުންގެ ތަރުހީބާއި އިހްތިރާމް ލިބި، ރައްޔިތުންގެ މެދުގައި މަޤްބޫލު ބަޔަކަށް ވަމުން އަންނަ މުޅި ފުލުސް ފޯސްގެ މަޤްބޫލުކަން ފުލުހުންގެ ތެރެއިން މަދުބޭކަލުންގެ ސަބަބުން ގެއްލޭގޮތް ވުމަކީ މިޕާޓީ އިން ކަންބޮޑުވާ ކަމެކެވެ.

ވީމާ ފުލުހުންނާއި މެދު ކުރެވިފައިވާ މިފަދަ ތުހުމަތުތައް، ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ތަޙްޤީޤްކުރައްވައި، މުޅި ފުލުހުންގެ ޚިދުމަތަށާއި ސަރުކާރަށް އިލްޒާމް އެޅުމަށް ފުރުސަތު ނުދެއްވާ، އާންމުންގެ ޝަކުވާ ލިބޭ ފުލުހުންނާމެދު މިހިނދުން މިހިނދަށް ފިޔަވަޅު އެޅުމަށް މި ޕާޓީ އިން ގޮވާލަމެވެ.
ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް