21 ޖުލައި 2010
ލިޔުނީ: ފުނަމާ
ޤާނޫނު އަސާސީ ކޮންމެ ދިވެހި ރައްޔިތަކަށް އެޤާނޫނުން ލިބިދޭ ޙައްޤުތައް ކަށަވަރުކޮށްދެއެވެ. ކޮންމެ ރައްޔިތަކަށް ހަމަހަމަ ޙައްޤުތަކެއް ލިބިގެންވާނޭކަމަށާއި އެއްވެސް ރައްޔިތަކު ތަފާތު ނުކުރެވޭނެކަމުގައި ކަޅާހުދުން ޤާނޫނު އަސާސީގައި ލިޔެވިފައި އެބައޮތެވެ. އަދިހަމަ އެހެންމެ ޤާނޫނު އަސާސީއާއި ތަޢާރަޒްވާ ޤާނުނެއް ހެދިނަމަވެސް އެއީ ނަސްޚުން ބާތިލު އެއްޗެއްކަމުގައި ބުނެފައިވެއެވެ.
ރައްޔަތުންގެ މަޖިލީހަކީ ޚާއްސަ އިމްތިޔާޒުތަކެއް ލިބިގެންވާ މުއައްސަސާއެއްކަމުން ރައްޔަތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބިގެންވާ އިމްތިޔާޒުވެސް އެޤާނޫނުގެ 90 ވަނަ މާއްދާގައި އެވަނީ ބަޔާން ކުރެވިފައެވެ.
ރައްޔަތުންގެ މަޖިލީހުގެ ޤަވާޢިދު ހަދާންވާނީ އެޤާނޫނު އަސާސީއާއި ޚިލާފުނުވާގޮތެއްގެ މަތީންކަމީ ޤާނޫނީގޮތުން ވިސްނާއިރު ސާފުކޮށް އެނގެންއޮތް ކަމެކެވެ. ނަމަވެސް ރައްޔަތުންގެ މަޖިލީހުން އެމަޖިލީހުގެ މެންބަރުންގެ އަމިއްލަ މަސްލަހަތުތައް ޙިމާޔަތްކޮށް ހަދާ ޢަމަލުކުރަމުން އެގެންދާ ޤަވާއިދަކީ ޤާނޫނު އަސާސީން ރައްޔަތުން ހަމަހަމަ ކޮށްދީފައިވާ މަފްހޫމްއާއި މުޅީން ޚިލާފު ޤަވާޢިދެއް ކަމުގައި ވިސްނާލުމުން އެނގޭކަށް މާގިނައިރެއް ބޭނުމެއް ނުވާނެއެވެ.
މިސާލަކަށް މަޖިލީހުގެ މެންބަރަކު މަޖިލީހުގެ ޖަލްސާއަކަށް ދަނިކޮށް ހައްޔަރެއް ނުކުރެވެއެވެ. ޢިއްޒަތްތެރި މެންބަރުގެ ކާރުކޮޅު ދަށުވެގެން ނުވަތަ ޖައްސައި ނިކަމެއްޗަކު މަރާލިޔަސް މެއެވެ. ކަނޑިއަކުން ޖަހާ މީހަކު ޤަތުލުކޮއްލިޔަސްމެއެވެ. ޤާނޫނު އަސާސީ އިން ހުރިހާ ރައްޔިތުން ހަމަހަމަވާނަމަ ސުވާލަކީ ކުނިކޮތަޅު އުކާލަންދާ ނިކަމެތި ރައްޔަތުމީހާ އަރިއަޅާލައިގެންގޮސް މީހެއްގެ ގައިމައްޗަށް ވެއްޓުމުން އެމީހާ ހައްޔަރު ކުރެވޭނެ ހެއްޔެވެ؟
ޢިއްޒަތްތެރި މެންބަރު ކުޑަކުއްޖަކާއެކު ބަދުއަޚުލާޤީ އަމަލެއް ހިންގިކަން އެނގުމުން ފުލުހުން އެމައްސަލަ ތަހުޤީޤުކުރަން މެންބަރު ބަންދުކޮށްފައި ހުންނައިރުވެސް މަޖިލީހުގެ ޖަލްސާތަކަށް ދިއުމުގެ މިނިވަންކަން އެބައޮތޯލައެވެ. ސުވާލަކީ ސަރުކާރުގެ ފަޅުރަށަކަށް އަރައި ބިމައް ވެއްޓިފައިއޮތް ކާއްޓެއް ކެއުމުން ނިކަމެތި ރައްޔަތުމީހާ ހައްޔަރު ކުރެވޭނެހެއްޔެވެ؟ ޖަވާބަކީ ޢިއްޒަތްތެރި މެންބަރަށް މިނިވަންކަމާއެކު އޭނާގެ މަސައްކަތަށް ދިއުމުގެ މިނިވަންކަމާއި ހައްޔަރުނުވެ ހުރުމުގެ މިނިވަންކަން އެމީހުން އަމިއްލައަށް ހެދި ޤަވާއިދަކުން އެބަލިބެއެވެ. ވީއިރު ޤާނޫނު އަސާސީގައި ރައްޔިތުން ހަމަހަމަ ކަމުގައި ބުނެކަނޑައަޅާފައި އެވަނީ ޖޯކަކަށް ހެއްޔެވެ؟