ދައުލަތަށް ޚިޔާނާތްތެރިވެފައިވާ މީހުން ހައްޔަރުކުރަމުން ގެންދާތީ ޑރ. ހަސަން ސަޢީދުމެން ގޮތް ހުސްވެފައިވާ ކަމަށް މޫސަ ވިދާޅުވެއްޖެ

21 ޖުލައި 2010

rayithunge-court-61

ދިވެހި ޤައުމީ ޕާޓީގެ ރައީސް ޑރ. ޙަސަން ސަޢީދު ބޭރު ޤައުމުތަކުގައި، ސަރުކާރު ބަދުނާމުކޮށް ވާހަކަދައްކަވަމުން ގެންދަވަނީ ދައުލަތަށް ޚިޔާނާތްތެރިވެފައިވާ މީހުން ހައްޔަރު ކުރަމުން ގެންދާތީ ގޮތްހުސްވެގެންކަމަށް ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ރޭ ލޮނުޒިޔާރަތްކޮޅު 3 ބާރު ވަކިކުރާ ސަރަހައްދުގައި ބޭއްވި، ރައްޔިތުންގެ ކޯޓުގެ 7 ވަނަ އަޑުއެހުމުގައި މޫސަ ވިދާޅުވީ، ކޯޓުތަކުން ހަމަޔާއި، އިންސާފުން އެއްކިބާވެ ކުރަމުންދާ ޙުކުމްތަކާ ދެކޮޅުހެދުމަށް ހުޅުވާފައިމިވާ ކޯޓަކީ ހެއްވާ ކޯޓެއް ނޫން ކަމަށާއި، ހެއްވާކޮށް ކަންތައް ކުރަމުންދަނީ އެހެން ކޯޓުތަކުން ކަމަށެވެ. އަދި ރައްޔިތުންނަށް އަދުލު އިންސާފު ހޯދައިދޭން މިކޯޓުން ނިކުންނާނޭ ކަމަށާއި، މިކޯޓުގެ މަސައްކަތް ހުއްޓުވަން އުޅެފިނަމަ ނަތީޖާ ވަރަށް ގޯސްވާނޭ ކަމަށް ވެސް މޫސަ ވިދާޅުވިއެވެ.
އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މުލަކު ދާއިރާ މެންބަރު އަބްދުﷲ ޔާމީން ހާޒިރުކޮށްދީފައި ނުވުމުގެ ސަބަބުން ސީދާ މަޖިލީހުގެ ރައީސް އިއްޔެގެ ޖަލްސާ ހުއްޓަވާލެއްވީތީ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދަށް މޫސަ ރޭ ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. މޫސަ ވިދާޅުވީ ޔާމީން ޖަލްސާއަށް ހާޒިރުނުކޮށްފާނެތީ މަޖިލީހުގެ ރައީސް އިއްޔެގެ ޖަލްސާއަށް ވަޑައިގެންނެވީ ބޮޑު ބަޔާނެއް ލިޔުއްވައިގެން ކަމަށާއި، އެންމެ މެންބަރަކު މަޖިލީހަށް ވަޑައިނުގެންނެވުމުން މަޖިލީހުގެ ޖަލްސާ ހުއްޓާލައިގެން ނުވާނޭ ކަމަށެވެ.
ރައްޔިތުންގެ ކޯޓަކީ ކޮރަޕްޝަނާއި ރިޝްވަތުގެ ހާއްޔަކަށް ރައްޔިތުންގެ މަޖިލިސްވެ، ރާއްޖޭގައި އުފެދިފައިވާ ޤާނޫނީ ސަރުކާރު ވައްޓާލުމަށް މަޖިލީހުގެ ތެރެއިން ކެހިވެރި ރޭވުންތަކެއް ރާވަމުންދާ ކަމުގެ މަޢުލޫމާތު ސަރުކާރަށް ލިބުމުގެ ސަބަބުން، އެކަމުގައި ބައިވެރިވާ ކަމަށް ތުހުމަތުކުރެވިފައިވާ ފަރާތްތައް ހައްޔަރުކޮށް ތަޙްޤީޤް ހިންގުމަށް ފުލުހުންކުރާ މަސައްކަތަށް ޝަރުޢީ ދާއިރާއިން އެއްބާރުލުން ނުދޭތީ ރައްޔިތުން ނިކުމެ ހުޅުވާފައިވާ ކޯޓެއް ކަމަށް، މިކޯޓު ހިންގާ ފަރާތްތަކުން ބުނެއެވެ. އަދި މި ކޯޓަކީ ސީރިއަސް ކޯޓެއް ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ މޫސަ ވިދާޅުވިއެވެ.